އަލްއުސްތާޛު މޫސާ ފަތުޙީ
މ.ޖީޒާގެ

          އަލްއުސްތާޛު މޫސާ ފަތުޙީއަކީ، ޅެންވެރިކަމުގެ ރޮނގުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ކުޅަދާނަ ޝާޢިރެކެވެ. އާދެ، އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ދިވެހިބަހުގެ އަދަބީ ގުލްޝަނާއި ޝާޢިރީ ގުލްޒާރު ދިރުއްވަން މަސައްކަތް ކުރެއްވި ދުވަސްވަރު، މަދަރުސާގެ ދަރިވަރެއްގެ ގޮތުގައި ހުންނަވައިގެން އެމަނިކުފާނުވަނީ ޅެން ހައްދަވަން ފަށްޓަވާފައެވެ. އެމަނިކުފާނު ތަޢުލީމް ޙާޞިލްކުރެއްވުމަށްޓަކައި ރާއްޖެއިން ބޭރުގައި ވަރަށް ގިނަދުވަހު ހުންނެވިއެވެ. އެދުވަސްވަރުގެ ތެރޭގައިވެސް ދިވެހި ބަހުން ވަރަށް ބަލާޣާތްތެރި ޅެންތައްވަނީ، ހައްދަވާފައެވެ. އޭގެ ތެރެއިން އެންމެ މޮޅު އެއް ޅެމަކީ، ނިމުމަކާއި ފެނުމެއްގެ ނަމުގައި އޭނާ ހައްދަވާފައިވާ މިޞްރުގެ އިންޤިލާބުގެ މައްޗަށް ހެއްދެވި ޅެމެކެވެ. އާދެ، އެޅެމުގެ އެއް ބައިތަކީ، އަޅުގަނޑުމެން ދިވެހިން ވަރަށް ޚާއްޞަގޮތެއްގައި ހަނދާންކުރާ "ޡާލިމުން އަނިޔާކުރާއިރު ބައްލަވަން މިރްޞާދުގައި ޚާލިޤުލްކައުނައިނި ވާކަން ނޭނގެނީތަ ޢަޖާއިބެކޭ" އާދެ، މިއީ ހަމައެކަނި އެބޭފުޅެއްގެ ޅެންވެރިކަމުގެ މަތިވެރިކަން ދަންނަވާލުމަށް އަޅުގަނޑު ދަންނަވާލި ބައިތެކެވެ. އާދެ، މިދެންނެވި ޝާޢިރަކީ، އިންޤިލާބާ ގުޅިގެން ޅެން ހެއްދެވުމުގައި ޚާއްޞަ ޝައުޤެއް ގެންގުޅުއްވާ ބޭފުޅެއްހެން ހީވާ އަނެއް ސަބަބަކީ، އީރާނުގައި ހިނގައިދިޔަ އިންޤިލާބާ ގުޅިގެން އީރާނުން ފިލާވަޅެއްވެސް ޅެމެއްގެ ސިފައިގައި އަޅުގަނޑުމެންނަށް މިދެންނެވި ޝާޢިރު ގެނެސްދެއްވާފައިވާތީއެވެ.

          އާދެ، އަލްއުސްތާޛު މޫސާ ފަތުޙީއަކީ، ޅެންވެރިކަމުގެ ގޮތުގައި ޚިދްމަތްކުރެއްވުމުގައި ޝަރަފްވެރި އިނާމެއް ހޯއްދަވާ ޝާޢިރެކެވެ.