އަލްފާޟިލް އިބްރާހީމް އިސްމާޢީލް ޢަލީ
މ.މަޚްމާގެ

މަޖީދިއްޔާގެ ކިޔެވުން އިނގިރޭސި މީޑިއަމަށް ބަދަލުވެގެންއައިސް އޭގެ އެންމެ ފޯރިގަދަ ދުވަސްވަރަށް އެޅުނުއިރު އަލްފާޟިލް އިބްރާހީމް އިސްމާޢީލަކީ، އެ މަދަރުސާގައި އެންމެ ނަގާކިޔާ އެއް ދަރިވަރެވެ. ޚާއްޞަކޮށް އެކިއެކި ކުޅިވަރުތަކުގައި އިބްރާހީމް އިސްމާޢީލް، މަތިވެރި ކާމިޔާބީތަކެއް ހޯދަމުންގެންދަވާފައި ވެއެވެ. ގާތްގަނޑަކަށް ކޮންމެ ކުޅިވަރެއްގައިހެން އޭނާގެ ބަޔަށް ގިނަ ޕޮއިންޓްތަކެއް ހޯއްދަވައިދެއްވަމުން ގެންދަވާފައިވެއެވެ.

މިހާރު އޭގެ އެތަކެއް އަހަރުފަހުން އާދެ، ޢަމަލީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަމުން ގެންދަވާއިރުވެސް އޭނާއަކީ، ކުޅިވަރުގެ ދަނޑުގައި އެހެންމީހުން އޭނާއަށް ބަލައިލަންޖެހޭފަދަ މޮޅު ކުޅުންތެރިއެކެވެ. ބައެއް ކުޅުންތެރިންނާ ޚިލާފަށް އޭނާއަކީ، ކުޅިވަރުގެ ދަނޑުގައިވެސް ރުޅިމަޑު ކެތްތެރި، ކުޅިވަރުގެ ރޫޙާ އެއްގޮތްވާގޮތުގެ މަތިން ކުޅިވަރު ކުޅުއްވުމަށް ބާރުއަޅުއްވާ ބޭފުޅެކެވެ. ބައިނަލްއަޤްވާމީ ރެފްރީންގެ ލިސްޓުންވެސް ފެނިގެންދިޔަ އިބްރާހީމް އިސްމާޢީލަކީ، އެހެންމީހުންނަށް ކުޅިވަރު ދަސްކޮށްދެއްވުމުގައިވެސް، ހުނަރުވެރި އުސްތާޛެކެވެ.