އަލްފާޟިލާ ފަރީދާ މުޙައްމަދު
ހއ.ހޯރަފުށި

           ރީތިކޮށް ލަވަކިޔާ ބޭފުޅުން ނިސްބަތްވާ މަޝްހޫރު ރަށްތަކުގެ ތެރޭގައި ހއ.ހޯރަފުށި ހިމެނެއެވެ. އަލްއަމީރު މުޙައްމަދު އަމީންދީދީގެ ދައުރާ ހަމަޔަށް ޚިޔާލުކޮށްލިނަމަވެސް، ފަށުވި ޢިބާރާތްތަކުން ހަދާފައިވާ ރީތި ލަވަތަކަކުން ޤައުމުގެ ރައީސަށް މަރްޙަބާ ދަންނަވާ ތަޢުރީފްކޮށް ލަވަކިޔާފައިވާކަން އެނގެއެވެ.

           ފަހަކަށް އައިސް ލަވަކިޔުމަށް އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިއެއްގެ ގޮތުގައި ހއ.ހޯރަފުށިން ފެނިގެންދިޔައީ، މަރްޙޫމާ ފަރީދާ މުޙައްމަދެވެ. އޭނާއަކީ، ދިވެހި ލަވަކިޔުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭކަނބަލެކެވެ. ލަވަކިޔުންތެރިންނަކީ ތަފާތު ލަވަ ކިޔުމުގައި އަޑުއަހާ މީހުންގެ ހިތްތަކަށް ތަފާތު އަސަރުތަކެއްވެސް ކުރުވާ ބައެކެވެ. އެގޮތުން ހިތާމަވެރި ރާގުތައް ފަރީދާގެ އަޑުން އަހާލައިފި ކޮންމެ މީހަކަށް ފުން އަސަރުތަކެއް ކުރުވައެވެ. އުފާވެރި ރާގުތަކާއި ބޮޑުބެރު ލަވަތައްވެސް އޭނާ ކިޔުއްވައި ހެއްދެވިއެވެ. ލަވަ ކިޔުއްވުމުގެ އިތުރުން، ބޮޑުބެރުވެސް ޖައްސަވައި ހައްދަވައެވެ. ބޮޑުބެރު ޖެހުމަކީ ޚާއްޞަކޮށް ފިރިހެނުންގެ ކުޅިވަރަކަށް ވިނަމަވެސް، ފަރީދާގެ ބޮޑުބެރުޖެހުން ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތެވެ.