އަލްފާޟިލް އަޙްމަދު ޢާޠިފް
ރ. އިންނަމާދޫ/ ފްރެޝް

އަޙްމަދު ޢާޠިފަކީ، އޭނާގެ ޢުމުރުން އެންމެ 17 އަހަރުގައި މި ދާއިރާއަށް ވެދެވަޑައިގެންނެވި ބޭފުޅެކެވެ. އިންނަމާދޫ ސްކޫލުން އޭރު ތަޢުލީމު ޙާޞިލުކުރެއްވެން އޮތް އެންމެމަތީ ފެންވަރަށް ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، އޭރު އެރަށުގެ އެންމެ މަޝްހޫރު ވަޑިއެއްގެ ގާތުގައި މަސައްކަތް ކުރެއްވުމުގެ ފުރްޞަތު ލިބިވަޑައިގަތުމާ ގުޅިގެން، ކިއްސަރު ވަޑާމުގެ ތެރެއަށް އޭނާ ވެދެވަޑައިގަތެވެ. ކިއްސަރު ވަޑާމުގެ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ޢާޠިފް ދަސްކުރެއްވިއެވެ. އަތްދަށު ވަޑިއެއްގެ ގޮތުގައި އަށެއްކަ އަހަރު މަސައްކަތް ކުރެއްވުމަށްފަހު، 20 މީހުން ހިމެނޭ ވަޑިންގެ ގްރޫޕެއް އުފައްދަވައި، އަމިއްލަ މާވަޑިކަމުގައި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ފެށްޓެވީއެވެ. މިކަމުގެ ސަބަބުން، ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްވެ، ރަށުގައި ތިބެގެން އާމްދަނީ ހޯދުމުގެ މަގު ފަހިވެގެން ގޮސްފައިވެއެވެ. އަދި ރަށަށް ލިބޭ އާމްދަނީ އިތުރުވެ، ވަޑިންގެ މުސާރަ ރަނގަޅުވާން ފެށުމުން، މި މަސައްކަތަށް ޝައުޤުވެރިވާ މީހުން ގިނަވެ، ލިބޭ މަސައްކަތްތައް އިތުރުވެ، ރަށުން ބޭރު މީހުންނަށްވެސް ވަޒީފާގެ ފުރްޞަތު ހުޅުވިގެންދިޔައެވެ.

އަޙްމަދު ޢާޠިފަކީ، އިންނަމާދޫގެ މުޅި އިޤްތިޞާދު، އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކިއްސަރު ވަޑާމުގެ ފަންނުގައި މިއަދު ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. އަމިއްލަ މާވަޑިކަމުގައި އަމިއްލައަށް ފައިސާ ޚަރަދުކުރައްވައިގެން، ވިޔަފާރި އުޞޫލުން ވަރަށްގިނަ މަސްދޯނިފަހަރު އަމިއްލަ ރަށުގައި ވަނީ ބަންނަވާފައެވެ. އޭގެތެރޭގައި، 80 ފޫޓުގެ މަސްދޯނިފަހަރާއި، 75 ފޫޓުގެ މަސްދޯނިފަހަރާއި، 70 ފޫޓުގެ މަސްދޯނިފަހަރާއި، 65 ފޫޓުގެ މަސްދޯނިފަހަރު ބަންނަވާފައިވެއެވެ. އަދި ސަތަރި ދޯންޏާއި، ފެރީދޯނިވެސް  ބަންނަވާފައިވެއެވެ. މީގެއިތުރުން، 85 ފޫޓުގެ ކާގޯ ދޯންޏާއި، 98 ފޫޓުގެ ސަފާރީ އުޅަނދެއްވެސް ޢާޠިފް ވަނީ ބަންނަވާފައެވެ.

20 މީހުންގެ ވަޑިންގެ ގްރޫޕެއް ހައްދަވައިގެން، ރަށުގަޔާއި ރަށުން ބޭރުގައި ކިއްސަރު ވަޑާމުގެ މަސައްކަތް، އަޙްމަދު ޢާޠިފް މެދުނުކެނޑި ކުރައްވަމުން ގެންދަވާފައިވެއެވެ. އޮޑިދޯނިފަހަރާއި، ސަފާރީ އުޅަނދުފަހަރާއި، ބޯޓުފަހަރު ބެންނެވުމުގެ މަސައްކަތް މިއަދު އަޙްމަދު ޢާޠިފް ކުރައްވަމުން ގެންދަވަނީ، ޒަމާނީ މެޝިނަރީޒްގެ އެހީއާ އެކީގައެވެ.

އަޙްމަދު ޢާޠިފަކީ، ޒުވާން ކުދިންނަށް ކިއްސަރު ވަޑާމުގެ މަސައްކަތް ދަސްކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން މަދްރަސީ ދައުރު ނިންމާފައި މަސައްކަތަށް ނުކުންނަ ކުދިންނަށްވެސް ކިއްސަރު ވަޑާމުގެ މަސައްކަތް ދަސްކޮށްދެއްވައި، އޭގެތެރެއިން ދެކުއްޖަކަށް މާވަޑާންވެސް ދަސްކޮށްދެއްވާފައިވެއެވެ. ކިއްސަރު ވަޑާމަށް ޝައުޤުވެރިވާ ޒުވާނުންނަށް، މާވަޑިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރްޞަތު ދެއްވައި، އެފަދަ ވަޑިންގެ މެދުގައި އަމިއްލަ ނަފްސަށް އިތުބާރު އުފެއްދެވުމުގެ މަސައްކަތް ޢާޠިފް ކުރައްވާފައިވެއެވެ.

މަސައްކަތްތެރިކަމުގެ ފަންނުގައި އަޙްމަދު ޢާޠިފް ހޯއްދަވާފައިވާ ކުރިއެރުމާއި، އިޖްތިމާޢީ ގޮތުން ކުރައްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 2006 ވަނަ އަހަރު އަޙްމަދު ޢާޠިފަށް ވަނީ ޒުވާނުންގެ ޤައުމީ އިނާމު، ސަރުކާރުން ދެއްވާފައެވެ. 

އަޙްމަދު ޢާޠިފަކީ، އިންނަމާދޫގެ އިޖްތިމާޢީ ތަރައްޤީއަށް ކުރެވޭ ކޮންމެ ކަމެއްގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އެހީތެރިވެދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ހިލޭ ސާބަހަށްވެސް މަސައްކަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ.

             އަޙްމަދު ޢާޠިފުގެ  އުންމީދަކީ، އޭނާ އަމިއްލައަށް ބޯޓުފަހަރު ބަންނަވައިގެން، އެ ބޯޓްފަހަރު ދުއްވުމުގެ މަސައްކަތް ކުރެއްވުމެވެ.