އަންނަބީލާ ފާޠިމަތު ސަޢީދު
ހ.އަތިރީގެ

          ޅެންވެރިކަމަކީވެސް އާއިލީގޮތުން ވާރުތަވާކަމެއްކަމަށް ބުނެއުޅެއެވެ. އެއީ ޙަޤީޤަތެއްކަމުގައި އަޅުގަނޑުމެންނަށްވެސް ދަންނަވަން ޖެހެއެވެ. އާދޭހެވެ. ރާއްޖޭގައި އުފެދުނު ހަރުދަނާ ޝަޚުޞިއްޔަތެއް ކަމުގައިވާ މަރްޙޫމް ޞަލާޙުއްދީނަކީ، މޮޅު ޝާޢިރެކެވެ. އޭގެފަހުން އެ އާއިލާއިން ފެނިގެންދިޔަ ގިނަ މެމްބަރުން ހިމެނިގެންދިޔައީ، ރާއްޖޭގައި އުފެދުނު އެންމެމޮޅު ޝާޢިރުންނާއި، ޝާޢިރާއިންގެ ތެރޭގައެވެ.

          ޝައްކެއްނެތެވެ. އަންނަބީލާ ފާޠިމަތު ސަޢީދަކީވެސް، ކުޅަދާނަ ޝާޢިރާއެކެވެ. އޭނާ ހައްދަވާފައިވާ ޅެންތަކުގެ ތެރޭގައި މަދަޙައާއި ޥަޢުޡުގެ މޮޅު ޅެންތަކާއި، ދީނީ ޅެންތައް ހިމެނެއެވެ. އަދި އޭނާ ހައްދަވާފައިވާ ޅެންތަކުން ބައެއް ޗާޕުކުރެވިގެން ދިވެހި ޅެންވެރިކަމުގެ ދުނިޔެއަށް ނުކުމެފައިވާކަމެވެ. އާދެ، އެއީ ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ "ނަރުގިސްމާ" ކަމުގައި ދަންނަވާލުމުން ފުދޭނެއެވެ.