އަލްފާޟިލް އަޙްމަދު ވާފިރު
ދ.ކުޑަހުވަދޫ/ ރާސްތާ

އަޙްމަދު ވާފިރަކީ، ދ.އަތޮޅުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ކުޑަހުވަދޫ ރައްޔިތުންނަށް އިތުރު ތަޢާރުފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އަޙްމަދު ވާފިރުގެ ޚިދްމަތް ފެށިގެން އައީ ކުޑަހުވަދޫގައި އަލަށް ކަރަންޓްގެ ޚިދްމަތް ދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، އޭނާ އިސްނަންގަވައިގެން 60 މީހުންނާއެކު ފެށްޓެވި ހިސާބުންނެވެ. ކަރަންޓުގެ ޚިދްމަތް ދެއްވުމަށް މި ފެށްޓެވި މަސައްކަތުގައި، ރަށުއޮފީހާއި، އަތޮޅުއޮފީހުގެ އިތުރުން، އެރަށުގެ ސްކޫލަށާއި، މިސްކިތަށާއި، ކުޑަހުވަދޫ އުތުރު އަވަށުގެ 160 ގެއަކަށް ކަރަންޓްގެ ޚިދްމަތް ފޯރުއްވައިދެއްވާފައިވެއެވެ. އޭރު މި މަސައްކަތް އޭނާ ކުރައްވާފައިވަނީ، އުތުރު އަވަށުގެ އަވަށުވެރިއެއްގެ ގޮތުގައި ހުންނަވައިގެންނެވެ. 

ކުޑަހުވަދޫގައި ސަރުކާރުން ބަނދަރެއް ހައްދަވައިދެއްވުމުގެ ކުރިން، ޢާންމުކޮށް އުޅަނދުފަހަރުން މުދާ އަރުވައި ބޭލުމަށްޓަކައި ރަށުގެ އުތުރުފަރާތުގައި 60 ފޫޓު ދިގު، 10 ފޫޓު ފުޅާ ޖެޓީއެއް، އަޙްމަދު ވާފިރުގެ އަމިއްލަ ތަކެތީގައި ހައްދަވައިދެއްވާފައިވާއިރު، މި މަސައްކަތުގައި ޢަމަލީގޮތުން އޭނާވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މިއަދުވެސް މި ފާލަމަކީ، ރަނގަޅު ފެންވަރެއްގައި ބެލެހެއްޓެމުންދާ އަދި ރައްޔިތުން ޢާންމުކޮށް ބޭނުންކުރަމުންގެންދާ ފާލަމެކެވެ.  

ކުޑަހުވަދޫ ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި އަޙްމަދު ވާފިރު، އޭނާގެ އަމިއްލަފުޅު އުޅަނދުފަހަރުގައި ސިމެންތި، ހިލަ، ހިލަވެލި، ލަކުޑިފަދަ ތަކެތި ގެންނަވައި، ރަށުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ހެޔޮ އަގެއްގައި ރަށުގެ ރައްޔިތުންނަށް ޚިދްމަތެއްގެ ގޮތުގައި އެތަކެތި ވިއްކެވުމުގެ މަސައްކަތް، 10 އަހަރު މެދުނުކެނޑި ކުރައްވަމުން ގެންދެވިއެވެ. ކުޑަހުވަދޫ ހޮސްޕިޓަލަށް ބޭސްފަރުވާ ހޯދުމަށް އެކި ރަށްރަށުން އަންނަ ފަރާތްތަކަށް އެހީތެރިވެދެއްވައި، އަދި ކެރިފޯރުންތެރިކަން ނެތް ޢާއިލާއެއްގެ މީހަކު ނިޔާވެއްޖެނަމަ، އެމީހެއްގެ ޖަނާޒާގެ ހުރިހާކަމެއް ހިލޭސާބަހަށް ކޮށްދެއްވާފައިވެއެވެ. ސުނާމީ ކާރިސާގައި ދ. އަތޮޅު ވާނީއާއި ގެމެންދޫން ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެއްޗާއި، އެހެނިހެން ތަކެތި ހޯއްދަވައިދެއްވައި، ފައިސާގެ ގޮތުންވެސް އެހީތެރިކަން ފޯރުއްވައިދެއްވާފައިވާކަމީ، އެފަދަ ދަނޑިވަޅެއްގައި އޭނާގެ ހިތްޕުޅުގައި ރައްޔިތުންނަށް އޮތް ލޯބި ފެނިގެންދިޔަ ކަމެއްމެއެވެ. އަދި ސުނާމީގައި ރަށްރަށް ސާފުކުރުމުގެ މަސައްކަތް، އަމިއްލަފުޅު ވެހިކަލާއި ތަކެތި ބޭނުންކުރައްވައިގެން ކޮށްދެއްވާފައިވާކަމީވެސް، އިޖްތިމާޢީގޮތުން އޭނާ ކޮށްދެއްވި ވަރަށް މުހިންމު މަސައްކަތެކެވެ.

މަސްވެރިކަން ތަރައްޤީ ކުރެއްވުމުގެ ގޮތުން، ދ. އަތޮޅުގެ އިތުރުން، ފ. އަތޮޅާއި ތ. އަތޮޅުގެ މަސްދޯނިފަހަރުގައި އިންޖީނު އަޅުއްވައިދެއްވުމަށާއި، އިންޖީނު މަރާމާތު ކޮށްދެއްވުމަށް އަމާޒުކުރައްވައިގެން، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރައްވައި، ކުޑަހުވަދޫގައި އަމިއްލަ ވާރކްޝޮޕެއް ހައްދަވާފައިވެއެވެ. އަދި ހިލޭސާބަހަށް ބައެއް މަސައްކަތް ކޮށްދެއްވައި، އެބައެއްގެ ފޯރުންތެރިކަން ހުރި މިންވަރަކުން އެބަޔަކަށް ދެވޭނެ އަގެއް އެއީ، އެމަސައްކަތުގެ އަގު ކަމުގައި ކަނޑައަޅުއްވައިގެން، މަސްދޯނިފަހަރުގައި އިންޖީނު އަޅުއްވައިދެއްވުމާއި، އިންޖީނު މަރާމާތުކޮށްދެއްވުމުގެ ޚިދްމަތް، 23 އަހަރު ވަންދެން ދެއްވާފައިވެއެވެ.  

އަޙްމަދު ވާފިރުގެ ޚިދްމަތް އިޖްތިމާޢީ ގޮތުން އެތައް ދާއިރާއެއްގައި ވަނީ ރައްޔިތުންނަށް ލިބިފައެވެ. މިގޮތުން، ބޭރު އަތޮޅުތަކުން ފޯރުންތެރިކަން ކުޑަ ޢާއިލާތަކުން ކުޑަކުދިން ގެންނަވައި، ކުޑަހުވަދޫ ތަޢުލީމީ މަރުކަޒުން އެކުދިންނަށް ފުރްޞަތު ހޯއްދަވައިދެއްވައިގެން، ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނު ނިމެންދެން، އަމިއްލަ ޚަރަދުގައި އެތައް ކުދިންނަކަށް ކިޔަވައިދެއްވާފައިވެއެވެ. އަދި އަތޮޅުތެރޭގައި ތިބި ފޯރުންތެރިކަން ކުޑަ ބައެއް ޢާއިލާތަކުގެ ކުދިންނަށް، ސްކޫލަށް ބޭނުންވާ ހުރިހާ ސާމާނަކާއި، ޔުނިފޯމްފަދަ ތަކެތި، މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށިގެން ހިލޭ ދެއްވަމުން ގެންދަވާފައިވެއެވެ. ދީނީ، އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް އަޙްމަދު ވާފިރުގެ ޢާއިލާ ޙިއްޞާވާގޮތުގެ މަތިން ޚަރަދު ކުރައްވައިގެން، އަޙްމަދު ވާފިރު އިސްކޮށް ހުންނަވައިގެން، އޭނާގެ އަމިއްލަ މޭސްތިރިކަމުގެ ދަށުން ޒަމާނީ ފެންވަރަށް، ހިލޭ ސާބަހަށް 250 މީހުންގެ ޖާގައިގެ މިސްކިތެއް ކުޑަހުވަދޫގައި އަޅުއްވާފައިވެއެވެ.

ކުޑަހުވަދުއާއި އަތޮޅުގެ އެހެން ރަށްރަށާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓެއް ބަންނަވައިގެން، މުދަލާއި ފަސިންޖަރުން އުފުލުމުގެ ޚިދުމަތް، ފުރަތަމަ ދެއްވަން ފެށްޓެވި ބޭފުޅަކީވެސް އަޙްމަދު ވާފިރެވެ. އަދި ޢާއިލާގެ އިތުރު ދެ މެންބަރަކާ ގުޅިގެން ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކުރައްވައިގެން، މަސްވެރިން ބާނާމަސް، ދޯނީގައި ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް، ކުޑަހުވަދޫގައި އައިސް ޕްލާންޓެއް ޤާއިމުކުރެއްވުމުގެ މަސައްކަތް، އަޙްމަދު ވާފިރު މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

އަޙްމަދު ވާފިރަކީ މިހާރުވެސް، ކުޑަހުވަދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ރައީސެވެ. އެ މަގާމުގައި ހުންނަވައިގެންވެސް ޒުވާނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް އޭނާ ގެންދަވަނީ އެކި ޚިދުމަތްތައް ކޮށްދެއްވަމުންނެވެ. އަޙްމަދު ވާފިރު، އިޖްތިމާޢީ ރޮނގުން ކުޑަހުވަދުއަށާއި، އެ އަތޮޅަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަކީ، މިއަދު އެ އަތޮޅުގެ ރައްޔިތުން ބަލައިގަންނަ އަދި އެ ޚިދުމަތްތަކަށްޓަކައި ޝުކުރުވެރިވާ ޚިދުމަތްތަކަކަށް ވަނީ ވެފައެވެ.