އައްސައްޔިދު ޢަލީ މޫސާ (މޫނިމާގޭ ސީދީ)
ގ.އޮސްލޯ

           މިޔުޒިކްގެ ދުނިޔެއިން މިއަދު ކިތަންމެ އާ ރާގުތަކެއް އިވެމުންދިޔަކަމުގައި ވިޔަސް، އަދި އެފަންނަށް ކުރިއަރާފައިވާ ކިތަންމެ ބަޔަކު މިއަދު ފެނުނުކަމުގައިވިޔަސް، ރާއްޖޭގެ ތާރީޚަށް ބަލާލާއިރު މިކަން ފެށިގެން އައީ، ވަރަށް އާދައިގެ ފެންވަރެއްގައެވެ. މިޔުޒިކަށް ފުރާނައެޅިގެން އައީ، އޭރު ތިއްބެވި ހަރުދަނާ ބޭފުޅުންގެ މިންނެތް މަސައްކަތުންނެވެ.

           އައްސައްޔިދު ޢަލީ މޫސާއަކީ، މިޔުޒިކްގެ ނަމާއެކީ ރާއްޖެއިން އެބޭފުޅުންގެ ނަން އިވޭނޭ ދަރަޖައަކަށް އެކަމަށް ޚިދްމަތްކޮށްދެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ، ވަރަށްގިނަ ބަޔަކަށް މިޔުޒިކް ދަސްކޮށްދެއްވިވެސް ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖޭގައި ސިފައިންގެ ބޭންޑެއް އުފެދިގެންދިޔަ ދުވަސްވަރެވެ. އެދުވަސްވަރު ސިފައިންނަށް ފުރަތަމަ މިޔުޒިކް ދަސްކޮށްދެއްވުމުގެ ޝަރަފުވެސް އޭނާވަނީ ޙާޞިލުކުރައްވާފައެވެ.