އަލްފާޟިލް މުޙައްމަދު ޙަސަންމަނިކު
މ.ހުދުއަސުރުމާގެ

           ރާއްޖޭގައި އުފެދުނު ކުޅަދާނަ މާލިމީންގެ ލިސްޓުގައި އަލްފާޟިލް މުޙައްމަދު ޙަސަންމަނިކު ހިމަނައިނުލުމަކީ، އެލިސްޓަށް ލިބޭ އުނިކަމަކަށް ވާނެއެވެ. އޭނާއަކީ ވަރަށް ކުރީއްސުރެ، ހިސާބު ޢިލްމުގެ ރޮނގުން ކުރިޔަށް ވަޑައިގަތުމާއެކު، މާލިމީކަމުގެ ރޮނގުން ކުރިޔަށް ވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މާލިމީއެއްގެ ގޮތުގައި ހުންނަވައިގެން ދަތުރުފަތުރު ކުރައްވާ އުޅުއްވާތާ މިހާރު ގާތްގަނޑަކަށް ފަންސާހަކަށް އަހަރުވެދާނެއެވެ. އޭގެ ތެރޭގައި، ސަރުކާރުގެ ނައުކޮޅު އަޠިއްޔަތުއްރަޙްމާނާއި، ފަތުހުލްބާރީގެ މާލިމީކަމާއި، ރާއްޖޭގެ އެންމެ އިސްވެރިޔަކު ދަތުރުކުރައްވައި އުޅުއްވި ކޮންމެ އުޅަނދެއްވެސް ހިމެނެއެވެ.

           ކުރިން ދެންނެވި ދެއުޅަނދުގެ އިތުރުން ރާއްޖެއަށް މަޝްހޫރު ހައިސިންތުފަދަ އުޅަނދާއި ސިލްވަރކްރެސްޓް، ވީނަސްފަދަ އުޅަނދުތަކުގެ މާލިމީކަންވެސް އޭނާ ކުރައްވާފައިވެއެވެ. އަދި އޭރުއްސުރެ މިއަދާ ހަމައަށްވެސް ސަރުކާރުގެ އެންމެ މަތީ ވެރިޔާ ދަތުރުކުރައްވާ އުޅަނދެއްގެ މާލިމީއެއްގެގޮތުގައި އަބަދުވެސް އޭނާ ހުންނަވައެވެ.