އަލްފާޟިލް އަޙްމަދު ޝަފީޤު
ހ.ޝަފީޤުގެ

           ރާއްޖޭގެ ތާރީޚަށް ޚިދުމަތްކުރާމީހުން ފެންނަލެއް މަދެވެ. ޝައުޤުވެރިކަމާއެކު އެކަންކުރަނީ، ނިސްބަތުން ބަލާއިރު، މަދުބައެކެވެ. ސަބަބުތަކެއްވެސް އޮތުމާއެކުގައެވެ. އެއީ އެކަމަށްޓަކައި ކެތްތެރިކަމާއެކު ކުރަންޖެހޭ މަސައްކަތުގެ ގިނަކަމުންނެވެ. މަސައްކަތުގެ ބުރަކަމުންނެވެ. ތާރީޚީ މަސައްކަތްކުރާ މީހާ އެކުރަނީ، ވަރަށްބޮޑު ޤައުމީ މަސައްކަތެކެވެ. އަންނަނިވި ޚިޔާލުތަކާ ހަމައަށް އެބައެއްގެ ގޮތް ވާޞިލުކޮށްދިނުމުގައި އަމާނާތްތެރިކަމާއެކު އެހީތެރިވެދޭ ބަޔަކަށްވެސް އެމީހުން ވެއެވެ.

     މިދެންނެވި ހުރިހާ ރޮނގަކުން ބެލިނަމަވެސް، އަލްފާޟިލް އަޙްމަދު ޝަފީޤަކީ ދިވެހި ތާރީޚަށް ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި، އެކިއެކި ދަތުރުތަކުގައި ހިނގި މުހިންމު ކަންތައްތައް ވަކިވަކިން މުޠާލިޢާކުރައްވައި، އެކަންކަމާބެހޭ ޚާއްޞަ ނުކުތާތައް ސާފުކުރައްވައި އަދި އެހެން ގޮތްގޮތުން ލިބެންނެތް ތާރީޚީ މަޢުލޫމާތު މުޅިން އަމިއްލަފުޅު ގޮތުގައި އެއްކުރައްވައި މެދުކެނޑުމެއްނެތި ތިރީހަކަށް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުރައްވާފައިވާތީ 1980 ވަނަ އަހަރު އޭނާއަށް ޢާއްމު ޚިދުމަތުގެ އިނާމު ލިބިލެއްވިއެވެ.

           އަލްފާޟިލް އަޙްމަދު ޝަފީޤަކީ، ތާރީޚީ މަސައްކަތަށް ޝައުޤުވެރިވެގެން އެމަސައްކަތުގައި އުޅޭ މިއަދުގެ ޒުވާނުންނަށްވެސް ވަރަށް ބޮޑަށް އެހީތެރިވެވަޑައިގެން ދެއްވާ ބޭފުޅެކެވެ.