އަލްފާޟިލާ ޚަދީޖާ އަބޫބަކުރު
ގ. ނަންކުރާވިޔު

ޚަދީޖާ އަބޫބަކުރަކީ، އޭނާގެ މަދްރަސީ ދައުރުން ފެށިގެންވެސް އަތްތެރި މަސައްކަތުގެ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް އޭނާގެ ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ. 1979 ވަނަ އަހަރު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބޭއްވެވި، މާލެއާއި ރާއްޖެތެރޭގެ އަތްތެރި މަސައްކަތުގެ މަޢުރަޒުގައި، މުޅި މަޢުރަޒުން އެހެނިހެން ތަކެތީގެ ބައިން، އޭނާ ހެއްދެވި ފްރޭމްކުރި ކާރޕެޓަށް 1 ވަނަ އަދި ކެހެރިފަދަ އެއްޗެތިން ހަދާ ތަކެތިން އޭނާ ތައްޔާރުކުރެއްވި، ފްރޭމްކުރި ކެހެރި މަންޒަރަށް 1 ވަނަ ލިބިވަޑައިގެންފައިވެއެވެ. މިފަދަ ވަނައެއް ލިބިވަޑައިގަތުން ވެގެންދިޔައީ، މި މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް އޭނާއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ހިތްވަރަކަށެވެ. އޭގެފަހުން، ރާއްޖޭގެ އަތުމަސައްކަތާއި، އަތްތެރި މަސައްކަތުގެ މަޢުރަޒުން އެކިފަހަރުމަތިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ޙާޞިލު ކުރައްވާފައިވެއެވެ. 

ޚަދީޖާ އަބޫބަކުރު، އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެގެންދިޔައީ، ސްކޫލްތަކުގެ ބެޖް ހެއްދެވުމާއި، ޓައީ ހެއްދެވުމާއި، މާޖެހުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެންމެ ފަހާފޮށްޓަކުން 1984 ވަނަ އަހަރު ފެށްޓެވި މަސައްކަތުގައި، އޭރު މުޅިންވެސް ތައްޔާރުކުރައްވަމުން ގެންދެވީ، ސްކޫލްތަކުގެ ބެޖާއި ޓައީފަދަ ތަކެއްޗެވެ. މި މަސައްކަތް ކުރެއްވި ދުވަސްވަރު، އާދައިގެ ކަރަންޓް ފަހާފޮށިން މާޖެހުމުގެ މަސައްކަތް ކުރެއްވުމުގެ އިތުރަށް، މިރޮނގުން މީހުން ތަމްރީނުކުރެއްވުމުގެ މަސައްކަތްވެސް އޭނާ ފެށްޓެވިއެވެ. މި މަސައްކަތުގައި އޭނާ ދެމިހުންނެވުމުގެ ނަތީޖާއަކަށްވީ، އަތްތެރި މަސައްކަތުގެ ރޮނގުން ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކަށްޓަކައި 1992 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގަތުމެވެ.

ޚަދީޖާ އަބޫބަކުރުގެ މަސައްކަތް އިތުރަށް ތަރައްޤީ ކުރެއްވުމުގެ ގޮތުން، ޔުނީކް އެމްބްރޮއިޑަރީ އުފައްދަވައި، އިލެކްޓްރޯނިކް އެމްބްރޮއިޑަރީގެ ޚިދުމަތް އޭނާ ފެށްޓެވީ، 1993 ވަނަ އަހަރުއެވެ. [ޔުނީކް އެމްބްރޮއިޑަރީ] ވަނީ ލޯކަލް އިންވެސްޓްމަންޓެއްގެ ގޮތުގައި 1993 ވަނަ އަހަރު، އޭރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގައި ރަޖިސްޓަރީ ކުރައްވާފައެވެ.

އިލެކްޓްރޯނިކް އެމްބްރޮއިޑަރީގެ މަސައްކަތް، ރާއްޖޭގައި ތަޢާރުފުކުރެވުނު ހިސާބުން ފެށިގެން، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ބެޖްތަކާއި، މިނޫންވެސް ތަފާތު އެހެން ބެޖްތައް ހެއްދެވުމުގެ މަސައްކަތް ފުޅާކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ބެޖް، ކުރިއަށް ތައްޔާރުކުރައްވައި، ބުކްޝޮޕްތަކުންނާއި، ޔުނީފޯމާއި ޔުނީފޯމް ފަހާ ފޮތި ވިއްކާ ފިހާރަތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ސްކޫލެއްގެ ބެޖްވެސް، ޔުނީކް އެމްބްރޮއިޑަރީން ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވެއެވެ.

ޔުނީކް އެމްބްރޮއިޑަރީން މިއަދު އުފައްދާ ތަކެތީގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ބެޖްގެ އިތުރުން، އޮފީސްތަކުގައާއި ކުންފުނިތަކުގައި ބޭނުންކުރަމުން ގެންދާ ލޯގޯއާއި ބެޖާއި، ޔުނީފޯމާއެކު ބޭނުންކުރާ އެޕަލެޓްސް އާއި، ކުޑަކުދިންގެ ހެދުމާއި، ބާލީހާއި، ބާލީހު އުރަ ފެހުމާއި، ބުރުގާ ހެދުމާއި، ހެދުމުގައި މާގަނޑު ޖެހުމުގެ މަސައްކަތާއި، ތަފާތު ފަރުމާތަކުގެ ބުރުގާއާއި، ހެދުން ސެޓް ތައްޔާރުކުރެއްވުން ހިމެނެއެވެ.  

ޚަދީޖާ އަބޫބަކުރު، އަތްތެރި މަސައްކަތުގެ ރޮނގުން މި ފެށްޓެވި މަސައްކަތް މިއަދު މިވަނީ ވަރަށް ބޮޑަށް ފުޅާކުރައްވާފައެވެ. އަދި  އެކަމުގެ ނަތީޖާއެއްގެ ގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއަށް އޭނާވަނީ ވެދެވަޑައިގެންފައެވެ. އެގޮތުން އޭނާގެ 8 ފިހާރަ މާލޭގައި މިހާރުވަނީ ހުޅުވާފައެވެ.

ޚަދީޖާ އަބޫބަކުރުގެ މަޤްޞަދަކީ، ދިވެހި އަންހެނުންނަށް ކުރިޔަށް ދެވޭނެގޮތް ފަހިކޮށްދެއްވައިގެން، އެމީހުން މަސައްކަތުގެ މައިދާނަށް ނެރުއްވުމެވެ.