އަލްފާޟިލް ޢަލީ ޙުސައިންދީދީ
ހ.ކަކާގެ

           އަލްފާޟިލް ޢަލީ ޙުސައިންދީދީގެ ޚިދްމަތް އެންމެ ފުރަތަމަ ރާއްޖެއަށް ލިބެންފެށީ، ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުގެ ތެރޭގައެވެ. އެދުވަސްވަރު އޭނާ ކިޔަވައި ވިދާޅުވާން ހުންނަވާފައި ރާއްޖެ ވަޑައިގެން ރާއްޖޭގައި ފުރަތަމަ ބެހެއްޓުނު ވަޔަރލެސް ސެޓް ހިންގުމުގެ މަސައްކަތުގައި އުޅުއްވިއެވެ.

           ދެން އޭނާގެ ޚިދުމަތް ފާހަގަކުރެވިގެން ދިޔައީ MSL ގެ ދުވަސްވަރުއެވެ. އެދުވަސްވަރު MSL ގެ ބޯޓްފަހަރު ދުއްވުމުގައި އިންޖިނޭރެއްގެ ގޮތުގައި ވަރަށްގިނަ ދުވަހު ޚިދުމަތްކޮށްދެއްވިއެވެ.

           އިންޖިނިއަރިންގ ރޮނގުން ނޫނަސް އަލްފާޟިލް ޢަލީ ޙުސައިންދީދީގެ ޚިދުމަތް ޤައުމަށް ލިބިފައިވެއެވެ. އޭގެ ތެރެއިންވެސް، މަސްވެރިކަމުގެގޮތުން ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. އޭނާއަކީ، ދޮށިން މަސްބާނައިގެން ނުވަތަ ވަދު ކެޔޮޅުކަން ކުރައްވަން ވަޑައިގެން އުޅުއްވާ މަސްވެރިއެއްނޫންނަމަވެސް ރާއްޖޭގެ މަސްވެރިކަން މިޒަމާނުގެ ގޮތަށް ބަދަލުކުރައްވަން ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުގައި ވަރަށް ގިނަގުނަ އެހީތަކެއް ވެދެއްވިއެވެ.