އަލްފާޟިލް ޢަލީ ޢުމަރުމަނިކު
މ.ކޮލިގެ

          އަލްފާޟިލް ޢަލީ ޢުމަރުމަނިކަކީ، ރާއްޖޭގެ މިޒަމާނުގެ އިޤްތިޞާދަށް ވަރަށްބޮޑު ގިނަގުނަ އެހީތަކެއް ވެވަޑައިގެންދެއްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ރާއްޖޭގެ ޝިޕިންގލައިން އުފެދި އޭގެ އެންމެ ޅަނދޮޅުކަމާއެކު ހެދެމުންއައި ދުވަސްވަރު، މިކަމަށް ބޭނުންވާ ހުނަރުވެރިން އުފައްދަވައި ރާއްޖޭގެ ޝިޕިންގ ލައިނަށް ބޭނުންވާނެ މީހުން ތައްޔާރުކުރެއްވުމުގައި އިސްރޯލެއް އަދާކުރައްވާފައިވެއެވެ. އެމަސައްކަތުގައި ޚުދު އެމަނިކުފާނުވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ހުންނަވައިގެންނެވެ.

          ރާއްޖޭގެ ތަފާތު ދާއިރާތަކަށް ބަލައިލާއިރުވެސް ވަރަށްގިނަ ދިމަދިމާއިން އެމަނިކުފާނުގެ އެހީފުޅުތައް ފާހަގަކުރެވިގެންދެއެވެ. ހިތްވަރުފުޅުގެ ގަދަކަމާއެކު، ޖަމާޢަތަށް ފައިދާހުރި ކިތަންމެ ކަންތައްތަކެއް ކޮށްދެއްވާފައިވެއެވެ. މާފުށީގައި ސަރުކާރުން ހެއްދެވި އިސްލާހިއްޔާ ބޮޑުކުރެއްވުމުގެ މަސައްކަތުގައާއި ރާއްޖެތެރޭގެ އަތޮޅުތަކުގައި ހެއްދެވި ސްކޫލްތަކަށްވެސް އެމަނިކުފާނުގެ މަދަދާއި އެހީތެރިކަން ލިބިފައިވެއެވެ.