އަލްއުސްތާޛު މުޙައްމަދު ޖަމީލްދީދީ
މ.ކުއްޅަވައްގެ

 

އަލްއުސްތާޛު މުޙައްމަދު ޖަމީލްދީދީއަކީ، އަދަބީ ތަފާތު ކަންކަމުގައި ވަރަށް ދިގު މުއްދަތަކަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން، އަލްއުސްތާޛު މުޙައްމަދު ޖަމީލްދީދީއަކީ، މި ޖީލުގެ އުސްތާޛެވެ. މި ޖީލުގެ ގިނަ ދަރީންނަށް ދީނީގޮތުން ލިބިފައިވާ މަޢުލޫމާތުތައް ލިބިފައިވަނީ،އެމަނިކުފާނު ލިޔުއްވާފައިވާ ދީނީ ފޮތްތަކުންނެވެ. އެމައުޟޫޢުގައި އެމަނިކުފާނު ވަރަށް ގިނަ ފޮތް ލިޔުއްވާފައިވެއެވެ.

ދިވެހިބަހުގެ އުސްތާޛެއްގެ ގޮތުގައިވެސް ފަހަކަށް އައިސް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަލްއުސްތާޛު މުޙައްމަދު ޖަމީލްދީދީއެވެ. ބަހުގެ ހަމަތަކާއި އުސޫލުތައް އެމަނިކުފާނު ލިޔުއްވި ފޮތްތަކުންނާއި މަޒްމޫނުތަކުން އަޅުގަނޑުމެންނަށްވަނީ އަންގަވައިދެއްވާފައެވެ.

ޅެންވެރިކަމުގެ ރޮނގުގައި އެއީ އެފަދަ ދެވަނައެއްނެތް "އުޖާލާވި ރަންތަރި"އެވެ. އަސަރުގަދަ ރީތި ޅެންތަކެއް ދިވެހި ޖައްވަށްވަނީ، ދޫކުރައްވާފައެވެ. ދީނީ، ޢިލްމީ، އަދަބީ، ޢިޝްޤީ، އަދިވެސް ތަފާތު އެތައް އެތައް މައުޟޫޢަކަށްވަނީ، ޅެން ހައްދަވާފައެވެ.