އަލްފާޟިލް އަޙްމަދު ޝާހިރު
މ.ފުރަހަނި

އޭނާއަކީ އަބަދުވެސް ފުޓްބޯޅައަށް ލޯބިކުރާ ޒުވާނެކެވެ. މަދަރުސާގައި އުޅުނު ދުވަސްވަރުން ފެށިގެން އޭނާ އެކަމަށް ޝައުޤުވެރިކަން ބަހައްޓަވައެވެ. ސްކޫލްގައި އުޅުއްވި ދުވަސްވަރު އިންޓަރހައުސް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެލައްވައިގެން، ތިން ފަހަރެއްގެ މަތިން ގޯލްޑް ހައުސްއަށް ތަށި ލިބިފައިވެއެވެ. 1985ގައި ސްކޫލުން ވަކިވެގެން، އެއަހަރުގެ ޤައުމީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެލެއްވިއެވެ. 1985 ، 1986ގައި ކުޅުއްވީ، އެއްވަނަ ޑިވިޜަނަށެވެ. އޭގެފަހުން ކުޅިވަރުން ވަކިވެ، ކްލަބް ލެގޫންސްގެ މެޑިކަލް ކަންތައްތައް ބެލެހެއްޓެވިއެވެ. 1988ގައި ލެގޫންސްގެ އެސިސްޓެންޓް މެނޭޖަރަކަށް ބަދަލުވެ 1989ވަނަ އަހަރު ކްލަބް ލެގޫންސަށް ފުޓްބޯޅަ މުބާރާތުގެ ތަށި ލިބުނެވެ. އޭރު އަޙްމަދު ޝާހިރު ހުންނެވީ، ޓީމުގެ މެނޭޖަރަކަށެވެ. 1989ގައި ސާފް ގޭމްސްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށްދިޔަ ޓީމުގެ އެސިސްޓެންޓް މެނޭޖަރަކީވެސް، އޭނާއެވެ. 1992ގައި ބާސެލޯނާގައި ބޭއްވުނު "އޮލިމްޕިކްސް" މުބާރާތުގައި ރާއްޖެ ބައިވެރިވުމަށްޓަކައި ކުޅުނު ކޮލިފައިން މެޗްތައް ކުޅުމަށް އުތުރު ކޮރެޔާއަށާއި ޗައިނާއަށް ދިޔަ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކުރެއްވީވެސް، އަޙްމަދު ޝާހިރެވެ.