އަލްފާޟިލް ޔޫސުފް ޙުސައިން
މޯނިންގހައުސް / ބ.ކެންދޫ

އަލްފާޟިލް ޔޫސުފް ޙުސައިން ދިވެހި ބޭސް ހައްދަވަން ދަސްކުރެއްވީ، އޭނާގެ ބައްޕަ ކެންދޫ ޙުސައިން ޢީސާގެ ފަރާތުންނެވެ. އޭގެފަހުން، އަލްފާޟިލް އަލްމަރްޙޫމް ބާޑީގެ މުޙައްމަދު ދީދީގެ އަރިހުންނާއި، ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ފާމުދޭރިކިލެގެފާނުގެ އަރިހުން ބޭސް ހައްދަވަން ދަސްކުރެއްވިއެވެ. ދިވެހި ބޭސް ކުރުމުގެ ހުއްދަ ލިބިލެއްވީ ހިޖުރައިން 1383 ގެ ފަހުކޮޅުގައެވެ. ހުރިހާ ވައްތަރެއްގެ ބޭސްވެސް ހައްދަވައި އުޅުއްވައެވެ. ޚާއްޞަކޮށް ރާއްޖެބަލީގެ ބޭސް ހައްދަވައި އުޅުއްވައެވެ. ބޭސްކޮށްދެއްވަނީ ޢާއްމުގޮތެއްގައި، އެންމެންނަށްވެސް ހިލެއެވެ. މީހަކު ހަދިޔާއެއްގެ ގޮތުން އެއްޗެއް ދީފިއްޔާ ޤަބޫލުކުރައްވައެވެ. ނަމަވެސް، ފަޤީރަކު އެއްޗެއް ދީފިއްޔާ އޭގައި ހިއްޕަވާފައި އަނބުރާ އެމީހަކަށް ރައްދުކުރައްވަނީއެވެ. ބޭސްވެރިކަމުގެ ތާރީޚުގައި އެންމެ ފާހަގަކުރެވޭ އެއްކަމަކީ، ކެންދޫ މީހެއްގެ ވާތު ލޮލުގެ ކަޅުކަޅިއަށް ގާތްގަނޑަކަށް ދޮޅު އިންޗި ފުންމިނަށް، އެއްސޫތު ފަލަމިނުގެ ތޮރުފާ ކަށްޓެއް ވަދެގެން އައިމާ އެކަށި އުފުރާލައްވައި ބޭސް އަޅުއްވައި ދެއްވުމުން 18 ވަރަކަށް ދުވަހުގެ ތެރޭގައި ﷲގެ ރަޙްމަތްފުޅުން އޭނާގެ ލޯ ފަސޭހަވުމެވެ. އަދި ގަދަ ހުމެއް ޖެހިފައި ދެ ލޮލަށް ލޭއަރައި ލޯ އަނދިރިވި މީހަކަށްވެސް ބޭސްފަރުވާ ކޮށްގެން ފަސޭހަވިއެވެ. މިދެމީހުންވެސް ޑޮކްޓަރ ޢަބްދުﷲ އަރިހަށް ފޮނުއްވީމާ އޭނާ ބައްލަވާފައި ފަސޭހަވެފައިވާކަމަށް ބުނުއްވިއެވެ.