އަލްފާޟިލް ދޮން އާދަމްފުޅު
މ.މާމުޓާ

އަލްފާޟިލް ދޮން އާދަމްފުޅު ފިހާރައެއް ހިންގެވުމުގެގޮތުން އެންމެ ފުރަތަމަ އަމިއްލަ ފިހާރައެއް ވަރަށް ކުޑަގޮތަކަށް ހުޅުވައިގެން މަސައްކަތް ފެށްޓެވިއެވެ. އިންޖީނުލީ ދޯނިފަހަރު ރާއްޖޭގައި އުފެއްދި ދުވަސްވަރު އަމިއްލަ އިންޖީނު ދޯނި ފަހަރުގައި މަސްވެރިކަން ކުރުމުގެ މަސައްކަތްވެސް ފެށްޓެވިއެވެ. 1972ހާ ތާނގައި ރާއްޖޭގައި ޓޫރިޒަމް އުފެއްދުމާ ގުޅިގެން އަމިއްލަ ޔޮޓް ދޯނިފަހަރު އުފައްދައިގެން ޔޮޓް ދޯނި ފަހަރު ދުއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. އޭނާ އަބަދުވެސް ޚިޔާލުކުރައްވަނީ، އެހެން މީހުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތަކެއް ފަށްޓަވައިގެން ކުރިޔަށް ގެންދެވުމަށެވެ. ނަމަވެސް، އެބާވަތުގެ އިޤްތިޞާދީ ބޮޑެތި މަސައްކަތް އަލަށް ފެށްޓެވުމަކީ މާލީގޮތުން މާފަސޭހަކަމަކަށް ނުވާތީ މަސައްކަތް ލަސްވަމުން ދިޔައީއެވެ. ފުރަތަމަ ޚިޔާލުކުރެއްވީ،  ސައިބޯނި ހަދާ ފެކްޓަރީއެއް އުފައްދަވާށެވެ. އެކަމާގުޅޭ ބައެއް ލިޔުންތައް ޗާޕުކުރައްވައި، ބައެއް ޚަރަދު ހިނގިފަހުން އެކަން އެހެން ބޭފުޅަކުވެސް އެބަ ފަށްޓަވާކަން އެނގިލެއްވުމުން ހުއްޓާލެއްވީއެވެ. އޭގެފަހުން ޚިޔާލު ކުރެއްވީ، ގާމެންޓް ފެކްޓްރީއެއް  އުފައްދަވާށެވެ. މިކަމަށް އުއްމީދު ކުރައްވައިގެން މަސައްކަތްކުރައްވަމުން ގެންދަވައި 1 ޖުލައި 1987ގައި އޭނާގެ ގާމެންޓް ފެކްޓްރީ ހުޅުއްވެވިއެވެ.