އަލްފާޟިލް މުޙައްމަދު ތައުފީޤު
މއ.އެވަރބްރައިޓް

އަލްފާޟިލް މުޙައްމަދު ތައުފީޤަކީ، ސްކޫލް ދައުރު ނިމުނީއްސުރެ، މަސައްކަތްތެރިކަމުގެ ރޮނގުން ކުރިއަށްވަޑައިގަންނަވާ ބޭފުޅެކެވެ. އެންމެ ފުރަތަމަ އޭނާ އުޅުއްވީ، ރާއްޖޭގެ ޝިޕިންގގައި އިންޖިނޭރެއްގެ ވަޒީފާގައެވެ. ބޯޓްފަހަރުގައި އުޅުއްވި އުޅުއްވުމުގައި، އިންޖީނާބެހޭ މަސައްކަތްވަނީ، ދަސްކުރައްވާފައެވެ. މިހާރު ކުރައްވަމުންގެންދަވާ އަމިއްލަ މަސައްކަތްތަކަކީ، ރެފްރިޖަރޭޝަން އެންޑް އެއަރކޮންޝަނިންގގެ މަސައްކަތްތަކާބެހޭ ވޯކްޝޮޕެއް ހިންގުމެވެ. މިވޯކްޝޮޕްގެ މަސައްކަތް ފެށްޓެވީ، 1984ގައެވެ. މިވޯކްޝޮޕުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، އެއަރކަންޑިޝަން، އައިސް އަލަމާރި، އަދި ފިނިކުރާ މެޝިން ފަދަ ތަކެތި މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ފެންވަރުގައި، އައިސް އަލަމާރި، ގަނޑުކުރާ ފްރީޒަރ އަމިއްލައަށް އުފައްދަވައި، މާލެއާއި ބައެއް ރިޒޯޓްތަކާއި، ރާއްޖެތެރޭގެ ބައެއް ރަށްރަށަށް އެތަކެތި ގެންގޮސް ބޭނުންކުރަމުން ގެންދެއެވެ. މިހާރު އޭނާގެ ވޯކްޝޮޕްގައި، އެންމެ މިޒަމާނުގެ ފެންވަރަށްވެސް ޑީޕް ފްރީޒަރ ހައްދަވައެވެ. އެއަރ ކަންޑިޝަނަރާބެހޭ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި ދަރުބާރުގެއާއި، އެމް.އެޗް.އޭ ބިލްޑިންގާއި، އާ އިންޖީނުގޭ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ ފަދަ ތަންތަން އެއަރ ކަންޑިޝަން ކޮށްދެއްވުން ހިމެނެއެވެ. މިހުރިހާ މަސައްކަތްތަކުގެ މަޤްޞަދަކީ، މިބާވަތުގެ މަސައްކަތްތައް ރާއްޖޭގައި ތަރައްޤީކޮށް ހިންގެވުމެވެ.  އަލްފާޟިލް މުޙައްމަދު ތައުފީޤުގެ މިމަސައްކަތުގެ ތެރޭގައި، ރާއްޖެތެރެއަށް ޚާއްޞަ އަގެއްގައި، ޑީޕް ފްރީޒަރު ހައްދަވައި ދޫކުރައްވަމުން ގެންދަވައެވެ.