އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް
އއ. ތޮއްޑޫ/ ގިރިޓީގެ (މ.ކުރިމާ)

 

ޅެންވެރިކަމުގެ ދާއިރާއަށް އާދަމް ނަޞީރަށް ވެދެވަޑައިގެންނެވުނީ، ޅެންވެރިކަމަށް އޭނާގެ ހިތްޕުޅުގައި ވަރަށް ކުރިއްސުރެ އުފެދުނު ޚާއްޞަ ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ. ފުރަތަމަ ޅެމެއް ހެއްދެވީ، ރަށުގައި ކިޔަވައި ވިދާޅުވާން އުޅުއްވި ދުވަސްވަރުއެވެ. މި ދާއިރާއަށް އާދަމް ނަޞީރު ޢަމަލީގޮތުން ވެދެވަޑައިގަތީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒުން  1998 ވަނަ އަހަރުގެ ފަހުކޮޅު ހިންގެވި ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސް ފުރިހަމަކުރެއްވި ހިސާބުން ފެށިގެންނެވެ.
 
އާދަމް ނަޞީރަކީ، ތަފާތު އެތައް މައުޟޫޢަކަށް ޅެންހައްދަވާފައިވާ ބޭފުޅެކެވެ. މިގޮތުން، ދީނީޅެން، ޤައުމީޅެން، ކުޑަކުދިންނާ ގުޅޭ ޅެން، މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅޭ ޅެންތަކާއި، އެކިއެކި މުނާސަބަތުތަކާގުޅޭ ޅެންތަކާއި، ލޯބީގެ އެތައް ޅެމެއް، އޭނާ ހައްދަވާފައިވެއެވެ. އަދި ރާއްޖޭގައި ނުކުމެފައިވާ ބައެއް ލަވަ އަލްބަމްތަކަށްވެސް އޭނާވަނީ، ލަވަ ހައްދަވައިދެއްވާފައެވެ. މިގޮތުން، 13 އަލްބަމަކަށް ލަވަ ހައްދަވައިދެއްވާފައި ވެއެވެ. އަދި ޤައުމީ ލަވައާއި މަދަޙަ ހިމެނިގެން ނެރެފައިވާ ބައެއް އަލްބަމްތަކަށްވެސް އާދަމް ނަޞީރުވަނީ، ލަވައާއި މަދަޙަ ހައްދަވައިދެއްވާފައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކޮންމެ އަހަރެއްގެ ޤައުމީ ދުވަހު ނެރުއްވާ ޤައުމީ ލަވަ އަލްބަމަށް މިހާތަނަށް 8 އަހަރު ލަވަ ހައްދަވައިދެއްވާފައިވެއެވެ.
 
އާދަމް ނަޞީރުގެ ޅެންތައް، ދީނީ އަދި އަދަބީ މަޖައްލާތަކުގަޔާއި، ވެބްސައިޓްތަކުގައިވެސް ޝާއިޢުކުރައްވައެވެ. ޅެންވެރިކަމުގެ ރޮނގުން އާދަމް ނަޞީރު ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ހިލޭސާބަހަށް ޅެންބަހުން ލިޔުއްވައި އެކުލަވައިލައްވާފައިވާ މިޔުޒިކީ ތަމްސީލުތަކެވެ. މިގޮތުން، ޅެންބަހުން އެކުލަވައިލެއްވި މިޔުޒިކީ ތަމްސީލުތަކުގެ ތެރޭގައި، [ދޮންބަންޑާރައިންގެ ޤައުމީ ޖިހާދު] ހިނގައިދިޔަގޮތުގެ ތަމްސީލާއި، ދިވެހި ސިފައިން އުފެދި ތަރައްޤީވެގެން އައި ގޮތުގެ ތާރީޚުގެ މައްޗަށް، ޅެންބަހުން ހެއްދެވި ތަމްސީލާއި، [ސަލާމަތުގެ އަލިކަމަށް] މި ތަމްސީލާއި، ދިވެހި ކަސްޓަމްސް އުފެދި ތަރައްޤީވެގެން އައި ގޮތުގެ ތަމްސީލާއި، ޢަލިރަސްގެފާނުގެ ޤައުމީ ޖިހާދުގެ ތަމްސީލުވެސް ހިމެނެއެވެ.
 
އާދަމް ނަޞީރަކީ، ޅެންވެރިކަމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށްވެސް ފަންނީ ބައެއް އެހީތެރިކަން ދެއްވާފައިވާ ބޭފުޅެކެވެ. އަދި ޅެންވެރިކަމުގެ ތަފާތު އެތައް ކޯސްތަކާއި ކްލާސްތައް އޭނާވަނީ، ހިންގަވައިދެއްވާފައެވެ. މިގޮތުން، ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ އަސާސީ ކޯސްތަކާއި، ޅެންވެރިކަމުގެ ހުނަރުވެރިކަން ދަސްކޮށްދޭ މަތީފެންވަރުގެ ކްލާސްތަކާއި ކޯސްތަކާއި، ބަނދި ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ކްލާސްތަކާއި ކޯސްތައްވެސް ހިންގަވާފައިވެއެވެ. އަމިއްލަ ޅެން ހިމެނޭ ޅެން ފޮތެއް [ނަޞީރުގެ ވިންދު – 1]ގެ ނަމުގައި މިދިޔަ އަހަރު ވަނީ ނެރުއްވާފައެވެ.
 
އަދަބީގޮތުން ޅެމަށް ފާޑުކިޔުމާއި، ޅެމާބެހޭ އެނޫން ހުށަހެޅުންތައްވެސް އާދަމް ނަޞީރުވަނީ ހުށަހަޅުއްވައިދެއްވާފައެވެ. 1998 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރުގެ ނިޔަލަށް، ޓެލެވިޜަން މޯލްޑިވްސްއިން ކޮންމެ ހަފްތާއަކު އެއްފަހަރު ފޮނުއްވި [ދަރުބާރު] ޕްރޮގްރާމްގައި، ޅެމަށް ފާޑުކިޔުމުގެ ބައި، އެއްވެސް އަގެއް ނެންގެވުމެއްނެތި ހުށަހަޅުއްވައިދެއްވިއެވެ. މި ޕްރޮގްރާމުގެ ތެރެއިން އަލަށް ނުކުންނަމުންދިޔަ ޅެންތަކުގައި ހުރި ކުރަކިކަން ފިލުއްވުމަށް ސާބިތުކަމާއެކު ބިނާކުރަނިވި ފާޑު ވިދާޅުވެ، އެކަންކަން، އާ ޅެންވެރިންގެ ސަމާލުކަމަށް ގެންނެވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން އެދުވަސްވަރު ނުކުންނަމުންދިޔަ ބައެއް ލަވަތަކުގެ ފެންވަރު ރަނގަޅުވެ، އަދި އަލްބަމް ނެރޭ ފަރާތްތަކުންވެސް ރީތި ޅެން ހިމެނޭ އަލްބަމް ނެރުމަށް މަސައްކަތް ކުރަމުންދިޔަކަން ފާހަގަކުރެވުނެވެ.
 
އާދަމް ނަޞީރު މިހާތަނަށް ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން ޢާންމުންގެ މަޤްބޫލުކަން އެންމެ ބޮޑަށް ލިބިގެންދިޔަ ޅެންތަކުގެ ތެރެއިން އެއް ޅެމަކީ، [ނަފްސު] އަލްބަމަށް ހެއްދެވި ޅެމެއް ކަމަށްވާ [ފަތިހު ފަރިވި މާތައް ހަވީރަށް މިލާހެން، ޒުވާންކަން މިލާ މޯޅިވާތަން ދެކޭށޭ] މިޅެމެވެ. އަދި [ލޯބިނެތްނަމައީ] މި އަލްބަމަށް ހައްދަވައިދެއްވާފައިވާ [ލޯބި ނެތްނަމައީ، އެ ހިތުގައި ފުރާނައެއް ނެތްތާ] މި ލަވަވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.
 
ޅެންވެރިކަމާއި އަދަބިއްޔާތަށް ޚިދްމަތް ކުރުމުގެ ރޮނގުން 2007 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމުވެސް އާދަމް ނަޞީރުވަނީ، ހާސިލު ކުރައްވާފައެވެ.
 
އާދަމް ނަޞީރު އަބަދުވެސް ބޭނުންފުޅުވަނީ، ޅެންވެރިކަމުގެ ރޮނގުން އޭނާއަށް ލިބިވަޑައިގެންފައިވާ ޢިލްމީ ހުނަރު، ވީހާވެސް ގިނަ ބަޔަކަށް ފޯރުއްވައިދެއްވުމަށެވެ. އޭނާ މިއަދުވެސް ފާހަގަކުރެވިފައިވަނީ، ޅެންވެރިކަމުގެ މަޢުލޫމާތު ހޯއްދަވައި ދިރާސާ ކުރައްވައިގެން، ހަމަޖެހުމާއި މަޞްލަޙަތަށް އިސްކަން ދެއްވައިގެން އަދި ޅެންވެރިކަމުގެ އަދަބިއްޔާތުގެ އަގު ވަޒަންކުރައްވައިގެން، މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.