އަލްފާޟިލް ޢަބްދުއްލަޠީފް ޙުސައިން މަނިކު
މއ.އަތަމާގެ

އަލްފާޟިލް ޢަބްދުއްލަޠީފަކީ، ޖަމާޢަތަށް ފައިދާ ހުރި ޚާއްޞަ ޚިދުމަތެއްގެ ގޮތުގައި، މީހުން ޙައްޖަށް ގެންދެވުމުގެ މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާ މިމަސައްކަތް ފެށްޓެވީ، ހިޖުރައިން 1398ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި އޭނާގެ ދެކަނބަލުން މައްކާއަށް ވަޑައިގަތުމަށްފަހު ދެކެވަޑައިގެންނެވި މަންޒަރަކުން ހިތްޕުޅަށް ނެންގެވުނު ޝުޢޫރުތަކަކުންނެވެ. އޭނާއަށް އެފަހަރު އިޙްސާސްކުރެއްވުނީ، ކިތަންމެ ގިނަ ފައިސާއެއް ހިފައިގެން ޙައްޖަށް ދިޔަނަމަވެސް، އެމީހަކަށް އަޅާލާނެ، އަދި އެހީވާނޭ މީހަކު ނެތިއްޔާ ޙައްޖުގެ އަޅުކަމުގެ ކަންތައްތައް ފުރިހަމައަށް އަދާކުރުމަކީ، ނުކުރެވޭނެކަމެއް ކަމުގައެވެ. ބައެއް މީހުންނަށް އެކަންތައް އޮންނަނީ، ރަނގަޅަށް އަދާ ނުކުރެވިފައެވެ.

އެހިސާބުންފެށިގެން އޭނާ ޚިޔާލުކުރެއްވީ، ރާއްޖޭގައި ޙައްޖަށްދާން އެދޭ މީހުންނަށް އެހީވެދެއްވުމަށެވެ. ފައިސާގެގޮތުންވެސް ލުއިފަސޭހަގޮތެއް ހަމަޖައްސަވައި ދެއްވުމާއެކު، އެމީހުން ގޮވައިގެން މައްކާއަށް ވަޑައިގެން އެމީހުންގެ ކަންތައްތައް ބައްލަވައި ޙައްޖުގެ އަޅުކަމުގެ ކަންތައްތައް އަދާކުރުމުގައި މަގު ތަނަވަސް ކޮށްދެއްވަން ފެށްޓެވިއެވެ.