އަލްފާޟިލާ ޢާއިޝަތު މޫސާ
ގ.ރޯޒަރީ

ފަހަކަށް އައިސް، ދިވެހި ޖައްވަށް ނުކުމެގެންދިޔަ ރީތި އަސަރުގަދަ ޅެންތަކުގެ ޝާޢިރާއަކީ، އަލްފާޟިލާ ޢާއިޝަތު މޫސާއެވެ. އޭނާ ވަރަށް ޅައިރުއްސުރެ ޅެންވެރިކަމުގެ މައްޗަށް ޝައުޤުވެރިކަން ހުރެއެވެ. އަދި ޢުމުރުން ތޭރަ ސާދަ އަހަރުގެ ތެރޭގައި ޅެން ހައްދަވަން ފަށްޓަވައިފިއެވެ. އޭރުއްސުރެ އާދަކޮށް ޅެން ހައްދަވަމުން ގެންދަވައެވެ. ޅެން ހަދަން ދަސްކޮށްދެއްވި އުސްތާޛެއްނެތެވެ. ގިނައިން ބައްލަވައި އުޅުއްވަނީ، އަލްފާޟިލާ މަރިޔަމް ސަޢީދާއި، އަލްއުސްތާޛުލް މަރްޙޫމް އިބްރާހީމް ޝިހާބް ހައްދަވާފައިވާ ޅެންތަކެވެ. އެންމެ ފުރަތަމަ އޭނާގެ ޅެމެއް ޝާއިޢުކުރެވުނީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު އުފެއްދެވި "މިނިވަން އައްސޭރި" މި ޖަމްޢިއްޔާއިން ނެރުއްވި "އައްސޭރި" އަށެވެ. އަދި އަންޖަމަން އަމީނުގެ މަޖައްލާއެއްގައިވެސް، އޭނާގެ ޅެން ޝާއިޢު ކުރެވިފައިވެއެވެ. އަދި ވިމެންސް އެފެއާޒުން ނެރުއްވި "އާދިރުން" ޤައުމީ މަރްކަޒުން ނެރުއްވާ "ފަތްތޫރަ" އަދި މީގެ އިތުރުން "ޤައުމީ ނިދާ" ، "ހުވަނދު" މިމަޖައްލާ ތަކުގައި ޅެންތައް ޝާއިޢު ކުރެވިފައިވެއެވެ.