އަލްފާޟިލާ ޒުހުރާ އިބްރާހީމް
ހ.ޖީރާން

އަލްފާޟިލާ ޒުހުރާ އިބްރާހީމްގެ ހިތުގައި ޅެންވެރިކަމުގެ ޚިޔާލުއުފެދުނީ، ޢުމުރުން ގާތްގަނޑަކަށް 9 އަހަރުގެ ތެރޭގައެވެ. ފުރަތަމަ ހެއްދެވުނީ، ކަމަކާ ދެރަވެގެން ހެއްދެވުނު ޅެމެކެވެ. އޭގައި އެކުލެވުނީ، ތިން ބައިތެވެ. އެދުވަހު އޭނާއަށް އިޙްސާސް ކުރެއްވުނީ، އޭނާއަށް ފަސޭހަކަމާއެކު ޅެން ހެއްދެވިދާނެކަމަށެވެ. އޭގެފަހުން މަދަރުސާގައި އުޅުއްވިއިރު، އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ޝިހާބު، އަލްފާޟިލާ އާމިނަތު ފާއިޒާގެ އަރިހުން ބައެއް އިރުޝާދުތައް ލިބިލައްވާފައިވެއެވެ. މިހާތަނަށް ވަރަށް ގިނަ ޢަދަދެއްގެ ޅެމާއި ލަވަ، ޒުހުރާ ހައްދަވާފައިވެއެވެ. އޭގެތެރޭގައި ޤައުޞް، ދީނީ، އަދި ނަޞޭޙަތުގެ ޅެމާއި، ލަވަ، މީގެއިތުރުން ޢިޝްޤީ ޅެމާއި ލަވަވެސް ހިމެނެއެވެ. ހަމައެހެންމެ، ރައިވަރާއި ބަނދިވެސް އޭނާ ހައްދަވާކަމަށްވެއެވެ. މިހާތަނަށް އޭނާ ހެއްދެވި އެންމެ ޚާއްޞަ އެއްލަވައަކީ، ޖިންސުއްލަޠީފުންގެ ރޫޙު ފުރަތަމަ އުފައްދައިގެން އެކުލަވައިލެވުނު އެޖަމްޢިއްޔާގެ ލަވަ "މީ ނިޝާނޭ އަމީނީ ދިރޭ" އަދި 1990 ގައި ހެއްދެވި ޖުލައިމަހުގެ ޝިޢާރަށް "މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދަށް" މިއީވެސް ވަރަށް ރީތިކޮށް ހެދިފައިވާ ޅެމެކެވެ.