އަލްފާޟިލް އާދަމް ޒާހިރު
މ.ކުރޮޅި

 

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުގެ ޢިލްމު ކުރިއެރުވުމާއި، ބަސް ދިރާސާ ކުރުމުގެ ރޮނގުން އާދަމް ޒާހިރު ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަކީ، ދިވެހިބަހަށް އޭނާގެ ހިތްޕުޅުގައި އުފެދިފައިވާ ވަރުގަދަ ލޯތްބާއި ޝައުޤުވެރިކަން ވަރަށް ބޮޑަށް ފެނިގެންދާ ޚިދުމަތްތަކެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން އޭނާގެ ޚިދުމަތް ނުލިބޭ ރޮނގެއް ނެތޭވެސް ދެންނެވިދާނެއެވެ. މީގެއިތުރުން، އާދަމް ޒާހިރަކީ، ދިވެހި މުދައްރިސެކެވެ. ތަޖުވީދު މަގުން ޤުރްއާން ކިޔަވައިދެއްވި ޤާރީއެއްވެސް މެއެވެ. 
 
ވާހަކަ ދެއްކުމުގެ ރޮނގުންނާއި، ޅެންވެރިކަމުގެ ރޮނގުން ކުދިން ތަމްރީނު ކުރެއްވުމަކީ، އާދަމް ޒާހިރުގެ އަދަބީ ޚިދުމަތްތަކުގެ ތެރެއިން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ދެ ޚިދުމަތެވެ. ރާއްޖޭގައި ބޭއްވޭ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތްތަކާއި، ޅެންވެރިކަމުގެ މުބާރާތްތަކަށް އާދަމް ޒާހިރު ތައްޔާރުކޮށްދެއްވާ ގިނަ އަދަދެއްގެ ދަރިވަރުން ފަޚްރުވެރި ކާމިޔާބީތަކެއް، އެ މުބާރާތްތަކުން ހާސިލުކޮށްފައިވާކަން އެއީ އާދަމް ޒާހިރަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.
 
ދިވެހިބަހާއި އަދަބީ ހުނަރުތައް ދެނެގަންނަން ބޭނުންވާ މީހުންނަށާއި ކުދިންނަށް އުނގެނުމަށް ފަސޭހަ މަގެއް އީޖާދުކޮށްދެއްވައި، އެކަންވަނީ ތަޖުރިބާ ކުރައްވާފައެވެ. އޭގެތެރޭގައި، [16ގަޑިއިރުން ޅެންވެރިއަކަށް] މިނަމުގައި ޅެންވެރިކަމަށް ޝައުޤުވެރިވާ ކުދިންނަށް އޭނާ ހިންގަވާ ޚާއްޞަ ޙަރަކާތާއި، މަޒުމޫނު ލިޔަން ދަސްކޮށްދެއްވުމަށް [ފަހިކޮށް މަޒުމޫނަށް] މިނަމުގައި ހިންގަވާ ޙަރަކާތާއި، ވާހަކަ ލިޔަން ދަސްކޮށްދެއްވުމަށް [ޙަޔާތުގެ ތަޖުރިބާ] މިނަމުގައި ހިންގަވާ ޙަރަކާތާއި، "މަ ފަހެ ހުންނާނެތަ" އާއި، [ހޭވައްލާ ވާނެ] މިނަމުގައި ވާހަކަދައްކަން ދަސްކޮށްދެއްވުމުގެ ކޯސްތައް ހިންގަވާފައިވުން ހިމެނެއެވެ.
 
ދިވެހިބަހުގެ މަޢުލޫމާތު އެއްކުރައްވައި ދިރާސާ ކުރެއްވުމަކީ، އާދަމް ޒާހިރުގެ މުހިންމު ފަންނެކެވެ. މިގޮތުން، ދިވެހިބަހުން އުފައްދާފައި ހުރި ޒަމާންވީ މުސްކުޅި ފޮތްތަކާއި، ފަހުގެ ފޮތްތައް އެއްކުރައްވައި، އަދަބީ ފަންނުގައި ޙަރަކާތްތެރިވާ ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބުމުގެމަގު އޭނާވަނީ ފަހިކޮށްދެއްވާފައެވެ. މިގޮތުން، އެފަރާތްތަކަށް އެހީތެރިކަން ފޯރުއްވައިދެއްވުމުގެ ގޮތުން، އޭނާވަނީ ލައިބްރަރީއެއް އުފައްދަވާފައެވެ. އަދި އެ ލައިބްރަރީގެ ޚިދްމަތް، ގިނަ ޢަދަދެއްގެ މަދަރުސާ ކުދިންނަށާއި، ޢާންމުންގެ އެތައް ބަޔަކަށް ދެއްވަމުން ގެންދަވައެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި ދިވެހިބަސް ކިޔަވައިދެއްވާ މުދައްރިސުންނަށް، ކަމާބެހޭ މަސައްކަތު ބައްދަލުވުންތައް ރާއްވަވައިގެން ހިންގަވަމުން ގެންދަވާފައިވެއެވެ.
 
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިރާއްޖޭގެ އަޑަށާއި، ޓެލެވިޜަން މޯލްޑިވްސްއަށްވެސް އާދަމް ޒާހިރުވަނީ، ތަފާތު އެތައް ޕްރޮގްރާމްތަކެއް ތައްޔާރުކޮށްދެއްވައި، އެ ޕްރޮގްރާމްތައް ހުށަހަޅުއްވައިދެއްވައި، ގިނަ ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.  ދިވެހިރާއްޖޭގެ އަޑުން ފޮނުއްވި ދިވެހި ބަހުގެ ޕްރޮގްރާމެއް ކަމަށްވާ [ބަސްމަގު]ގެ 72 ޕްރޮގްރާމެއްގައި އޭނާ ބައިވެރިވެވަޑައިގެންފައި ވެއެވެ. މި ޕްރޮގްރާމުގެ އެހީގައި، އާ ކުދިން އެދަނޑަށް ނެރުއްވައި، މިއަދު އެކުދިން ޕްރޮގްރާމްތައް ރާއްވަވައި ހުށަހަޅުއްވާކަމީ ފާހަގަކުރެވޭ ކަމެކެވެ. އަދި މިހާރުވެސް ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާ [ބަދަހި ބަސްމަގު] މި ޕްރޮގްރާމުގެ މަސައްކަތްތައް ލިޔެދެއްވުމާއެކު، އެކަމަށް ސްކޫލް ކުދިން އުފައްދަވައި ނެރުއްވައިދެއްވައި، ޚުދު އާދަމް ޒާހިރު ބައިވެރިވެވަޑައިގަންނަވަމުން ގެންދަވައެވެ. ޓެލެވިޜަން މޯލްޑިވްސްއިން ފޮނުއްވި ޕްރޮގްރާމްތަކުގެ ތެރެއިން [ތަރަހަ] ޕްރޮގްރާމާއި، [ތިޔަބޭފުޅުންގެ ފުރުސަތު] ޕްރޮގްރާމް މެދުވެރިކުރައްވައި، ދިވެހި އަދަބިއްޔާތު ކުރިއެރުވުމުގެ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
 
ރާއްޖޭގައި ނުކުންނަ އެކިއެކި ނޫސްމަޖައްލާތަކަށާއި، ބައެއް ސައިޓްތަކަށްވެސް ޒާހިރު ލިޔުއްވައެވެ. ބަހާއި ބަހުގެ ހުނަރަށް އަންނަ ބަދަލުތަކާ ގުޅިގެން، ގެއްލެމުންދާ ދިވެހިވަންތަކަން ދެމެހެއްޓެވުމަށްވެސް، އެ ލިޔުއްވުންތަކުގެ ތެރެއިން އާދަމް ޒާހިރު ގެންދަވަނީ އިރުޝާދާއި ލަފާ ދެއްވަމުންނެވެ.
 
އާދަމް ޒާހިރަކީ އަބަދުވެސް ޒަމާނަށް އަންނަ ބަދަލުތައް، ބަހުގެ ތެރެއަށް ގެންނަވާ މުދައްރިސެއްގެ ގޮތުން ފާހަގަކުރެވޭ ބޭފުޅެކެވެ. އޭނާއަކީ، ޓެކްނޯލޮޖީއާ ވަރަށް ރައްޓެހި ބޭފުޅެކެވެ. ކުދިންނަށް ވާހަކަ ދައްކަން ދަސްކޮށްދެއްވުމުގަޔާއި، ޅެންހަދަން ދަސްކޮށްދެއްވުމުގަޔާއި އަދި އެނޫން އެހެން އަދަބީ ޙަރަކާތްތައް ހިންގަވާއިރުވެސް ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކުރައްވައިގެން، އެކަންކަމަށް އެކުދިން ޝައުޤުވެރި ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އާދަމް ޒާހިރުގެ ކިބައިގައި ހުރި ފިލްމީ ޑްރެމެޓިކް އަދި އަދަބީ ހުނަރު، އޭނާގެ ދަރިންނަށްވެސް ދަސްކޮށްދެއްވާފައިވެއެވެ. އާދަމް ޒާހިރަކީ، ފިލްމު އުފެއްދެވުމުގެ މަސައްކަތް ކުރެއްވި، ސްޓޭޖް  އަދި ރޭޑިޔޯ ޑްރާމާގެ ސްކްރިޕްޓް ލިޔުއްވައި، ޑްރާމާ ކުޅުއްވައި، ޑައިރެކްޓް ކުރެއްވި ބޭފުޅެކެވެ. މިގޮތުން ސީ.ޑީ.އެސް.ގެ ޝޯތަކާއި، ސްލޭމްސް، ސްކައި ޝޯތަކާއި، ފެހިވިދުވަރު ޝޯތަކާއި، އެކިއެކި ސްކޫލްތަކުގެ ޑްރާމާ ޝޯތައް ފާހަގަކުރެވެއެވެ. އަދި ސްލޭމްސްގެ ފިލްމުތަކަށް އަޑު އެޅުއްވުމާއި، ބައެއް ފިލްމުތަކުގައި އާދައިގެ ރޯލް ކުޅުއްވި މުމައްސިލެއްވެސް މެއެވެ.
 
އެންމެ ފާހަގަކުރެވޭ ކަމަކީ، ޢުމުރަކަށް ބައްޔަކަށް ބެއްލެވުމެއްނެތި ކޮންމެ ގިންތިއެއްގެ، ކޮންމެ ފެންވަރެއްގެ، ކޮންމެ ޢުމުރެއްގެ، ކޮންމެ މަޤާމެއްގެ، ކޮންމެ ދީނެއްގެ މީހަކާވެސް ގާތްކަން ބާއްވަވާ ޚާދިމެއް ކަމުގައި އަދިއަދަށްވެސް މަސައްކަތުގައި އާދަމް ޒާހިރު ދެމިހުންނެވިކަމެވެ.
 
2003 ވަނަ އަހަރު ދިވެހިބަހުގެ ފުރަތަމަ ޑިގްރީ ހާސިލު ކުރެއްވުމަށްފަހު، މިއަދު އާދަމް ޒާހިރަކީ، ދިވެހި ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރއެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ހަމައެހެންމެ މިހާރު އޭނާ ގެންދަވަނީ، ވިލާ ކޮލެޖްގައި [ޝަރީޢާ އެންޑް ލޯ]ގެ ރޮނގުން މާސްޓަރޒް ޑިގްރީއަށް ކިޔަވާ ވިދާޅުވަމުންނެވެ.