ޑޮކްޓަރ ފަޟީލާ ވަޙީދު
ނ. ކެނދިކުޅުދޫ ކުއްޅަވައްގެ

މި އިނާމު މި އެރުވެނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ އިން 2016 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީ އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވާފައިވާ ތެލެސީމިއާ ބަލި ތަޙައްމަލު ކުރަމުންދާ ކުދިންގެ މައިންބަފައިން ޓެސްޓް ނަހަދާ ކައިވެނި ކުރުމާއި، އެކަމުގެ ނަތީޖާއާ ދޭތެރޭ ވިސްނުމާއި ފިކުރު ހުރިގޮތުގެ މައްޗަށް ލިޔުއްވި ދިރާސާ އާޓިކަލް، އޮސްޓްރިއާގެ ޖަރނަލް އޮފް ކޮމިއުނިޓީ ޖެނެޓިކްސްގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ ފަޟީލާ ވަޙީދު ޕީ.އެޗް.ޑީ އަށް ކުރެއްވި ދިރާސާއަކީ، ރާއްޖޭގައި ތެލެސީމިއާ ބަލިން ރައްކާތެރިވުމަށްޓަކައި ޕްރައިމަރީ، ސެކަންޑްރީ، އަދި ޓާޝަރީ ލެވެލްގައި ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބުވެފައވަނީ ކިހާވަރަކަށްތޯ ބަލައި ހޯދުމަށް ކުރެވުނު ދިރާސާއެކެވެ. މި ދިރާސާގެ ތެރެއިން ރާއްޖޭގައި ތެލެސީމިއާ ބަލި ތަޙައްމަލު ކުރަމުންދާ އަދި އެކަމަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ކޮލިޓީ އޮފް ލައިފްއާއި، އެކަމާ ގުޅުންހުރި ކަންކަމާބެހޭ ހޯދުންތައް ހޯއްދަވާފައިވެއެވެ. އަދި ޕްރީ ނޭޓަލް ޑައިގްނޯސިސްގެ ޚިދުމަތްތައް ހޯދުމުގަޔާއި ލިބިގަތުމުގައި ހުރި ތަފާތު ގޮންޖެހުންތައްވެސް ދިރާސާ ކުރައްވާފައިވެއެވެ. މީގެއިތުރުން، ކައިވެނީގެ ކުރިން ހަދަންޖެހޭ ތެލެސީމިއާ ޓެސްޓް ހެދުމާއި، ޢާއިލާ ރޭވުމުގައި ދިމާވާ މައްސަލަތައް ހޯއްދަވާފައިވެއެވެ.

މި ދިރާސާ ކުރައްވައި ލިޔުއްވި އިތުރު 5 އާޓިކަލެއް ބައިނަލްއަޤްވާމީ ތަފާތު ޖަރނަލްތަކުގައި ޝާއިޢު ކުރުމަށް މިހާރުވަނީ ފޮނުއްވާފައެވެ.

ޑޮކްޓަރ ފަޟީލާ ވަޙީދު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސަރޗް ސެންޓަރުގެ ސީނިއަރ ލެކްޗަރަރގެ މަޤާމުގައެވެ.