ޑޮކްޓަރ މަރްޔަމް ވަސީމާ
ޅ. ހިންނަވަރު ނިޝާން

މި އިނާމު މި އެރުވެނީ، މެލޭޝިއާގެ ސިޓީ ޔުނިވަރސިޓީން 2016 ވަނަ އަހަރު ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާތީއާއި، ޑީ.ބީ.އޭ އަށް ކުރެއްވި ދިރާސާގެ ހޯދުންތައް [އިންޓަރނޭޝަނަލް ޖަރނަލް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް] ގައި ޝާއިޢުކޮށްފައިވާތީއެވެ. އަދި [އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް]އަށްވެސް މި ދިރާސާގެ ހޯދުންތައް ހުށަހަޅުއްވާފައިވެއެވެ.

ޑޮކްޓަރ މަރްޔަމް ވަސީމާގެ ޑީ.ބީ.އޭ ދިރާސާއަކީ، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ބިނާކުރުމަށްޓަކައި، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ތަޞައްވުރާއި ވާދަވެރިކަން ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމަށްޓަކައި ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާގައިފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށާއި، ދުރު ޞިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މުހިންމު އިރުޝާދުތަކެއް ހިމެނިފައިވެއެވެ.

ސިޓީ ޔުނިވަރސިޓީގެ ސެނެޓުން ފާހަގަކޮށްފައިވާ ގޮތުގައި، ޑޮކްޓަރ ވަސީމާގެ ދިރާސާއަކީ، ޢިލްމީ ފެންވަރުގެ ގޮތުން ޚާއްޞަ ވަނައެއް ދިނުން ޙައްޤުވާފަދަ އަދި ޢިލްމީ ދާއިރާއަށް އިތުރު ކުރިއެރުން ގެނުވައިދީފައިވާ ހޯދުންތަކެކެވެ. މިގޮތުން، ޢިލްމީ ރޮނގުން ޔުނިވަރސިޓީން ދޭ އެންމެމަތީ އެވޯޑް ކަމުގައިވާ [ވައިސް ޗާންސެލަރސް އެކަޑަމިކް އެކްސަލަންސް އެވޯޑް] 2016 ވަނަ އަހަރު، ޑޮކްޓަރ މަރްޔަމް ވަސީމާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޑޮކްޓަރ މަރްޔަމް ވަސީމާ މިހާރު ހުންނެވީ، ލައިފް ސަޕޯޓް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައެވެ.