ޑޮކްޓަރ މަރްޔަމް ސުޒާނާ
ގ. ނާރެހި

މި އިނާމު މި އެރުވެނީ، ތައިލެންޑްގެ ޕްރިންސް އޮފް ސޮންގކްލާ ޔުނިވަރސިޓީން 2015 ވަނަ އަހަރު އެޕިޑެމިއޮލޮޖީ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވާތީއާއި، ޕީ.އެޗް.ޑީ އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވާފައިވާ ތަފާތު ދެ އާޓިކަލް، ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ މަރްޔަމް ސުޒާނާ ޕީ.އެޗް.ޑީ އަށް ކުރެއްވި ދިރާސާއަކީ، ރާއްޖެއިން ބޭރުން ޞިއްޙީ ފަރުވާ ހޯދުމުގައި ދައުލަތަށާއި ގޭބިސީތަކަށް ކުރާ އަސަރު ދެނެގަތުމަށްޓަކައި ކުރެއްވި ދިރާސާއެކެވެ.

މި ދިރާސާ ކުރައްވައި ޝާއިޢު ކުރައްވާފައިވާ އާޓިކަލްތަކުގައި، ދިވެހިންނަށް ރާއްޖެއިން ބޭރުން ޞިއްޙީ ފަރުވާ ހޯއްދަވައިދެއްވުމާއި، ދައުލަތުން ކުރައްވާ ޚަރަދާއި، ގޭބިސީތަކުން ކުރާ ޚަރަދު ދެނެގަނެ، ގޭބިސީތަކުން ޞިއްޙަތަށް ކުރާ ޚަރަދުގެ ސަބަބުން ފަޤީރުކަމަށް (ޕަވަރޓީއަށް) ފުރުޞަތު އޮތް މިންވަރު ހިސާބުކުރައްވައި، ސަރުކާރުން ތަޢާރުފު ކުރައްވާފައިވާ ނިޒާމުގެ ސަބަބުން ރާއްޖެއިން ބޭރުން ޞިއްޙީ ފަރުވާ ހޯދުމުގައި، ފަޤީރުންނާއި މުއްސަނދިންނާ ހުރި ތަފާތުތަކާއި، މިނޫންވެސް އެހެނިހެން ތަފާތުތައް ނައްތައިލެވިފައިވާ މިންވަރު ހިސާބު ކުރައްވާފައިވެއެވެ. ޑޮކްޓަރ މަރްޔަމް ސުޒާނާގެ އާޓިކަލްތައް ޝާއިޢު ކުރައްވާފައިވާ ބައިނަލްއަޤްވާމީ ޖަރނަލްތަކުގެ ތެރޭގައި، ބައޯމެޑް ސެންޓްރަލް ހެލްތް ސަރވިސް ރިސަރޗް ޖަރނަލްއާއި، ހެލްތް ސަރވިސް މެނޭޖްމަންޓް ރިސަރޗް ޖަރނަލް ހިމެނެއެވެ.

ޑޮކްޓަރ މަރްޔަމް ސުޒާނާއަކީ، އިންޓަރނޭޝަނަލް ޖަރނަލް ފޮރ އިކުވިޓީ އިން ހެލްތްގެ ރިވިއުވަރއެއްވެސްމެއެވެ. އަދި އިންޓަރނޭޝަނަލް ޖަރނަލް އޮފް ހޮސްޕިޓޭލިޓީ، ޓޫރިޒަމް އެންޑް ޓްރެވަލް ރިސަރޗްގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރެއްވެސްމެއެވެ.

ޑޮކްޓަރ މަރްޔަމް ސުޒާނާ މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ސީނިއަރ ލެކްޗަރަރ ކަމުގެ މަޤާމުގައެވެ.