މުޙައްމަދު ޝާރިފް
އދ. މާމިގިލީ މަރިޔާޛު

ސްކޫލް ދައުރުން ފެށިގެންވެސް ވިޔަފާރީގެ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ ޝައުޤުވެރިކަމާއި، އަދި ދަގަނޑުގެ އެކިއެކި މަސައްކަތްތައް ކުރެއްވުމުގެ ޝައުޤުވެރިކަން، މުޙައްމަދު ޝާރިފްގެ ހިތްޕުޅުގައި އުފެދިފައިވެއެވެ. ޝާރިފްގެ ބައްޕަގެ އެދުރުވެރިކަމުގެ ދަށުން އުމުރުން 18 އަހަރުވުމުން [މިޑެކްސް ޕްރައިވެޓް ލިމިޓެޑް]ގެ ނަމުގައި ކުންފުންޏެއް ރަޖިސްޓަރީ ކުރައްވައިގެން ވަރކްޝޮޕެއް ހިންގަވަން ފެށްޓެވިއެވެ. ވަރކްޝޮޕަށް ލިބޭ އެކި ޕްރޮޖެކްޓްތަކުން ބާކީވާ ތަކެތި އުކާލުމުގެ ބަދަލުގައި ނުވަތަ ރީސައިކްލް ކުރުމުގެ ބަދަލުގައި އެއިން ތަކެތި އުފައްދައި، މާކެޓަށް ނެރުމުގެ މަސައްކަތް ފެށްޓެވީ އެހިސާބުންނެވެ.

ޝާރިފްގެ މަންމަ ހިމެނިވަޑައިގަންނަވާ ގޮތަށް ކުންފުނި ހިންގަވަމުން ގެންދަވާތާ މިހާރު 9 އަހަރު ވެއްޖެއެވެ. މިހާރު [މިޑެކްސް] އަކީ ދަގަނޑާއި ސްޓެއިންލެސް ސްޓީލްގެ މަސައްކަތުގެ ރޮނގުގައި ވަރަށް ކުރިއަރާފައިވާ ކުންފުންޏެކެވެ. އަދި ދޯނިފަހަރާއި އިމާރާތްތަކަށް ބޭނުންވާ ސްޓެއިންލެސް ސްޓީލް ތަކެތި، ދިވެހި ޑިޒައިންތަކަށް އެންމެ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި އުފައްދައި، މާކެޓްކުރާ އެއް ކުންފުނިވެސްމެއެވެ. ޝާރިފް ގަބޫލުކުރައްވާ ގޮތުގައި، މިއީ ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކުން އުފެއްދުންތެރިކަން ކުރިއެރުވުމަށް ކުރަމުންދާ ނުހަނު އަގުހުރި މަސައްކަތެކެވެ.

ދިވެހި ޑިޒައިންތަކަށް ތަކެތި އުފެއްދެވުމުގެ އިތުރުން މިޑެކްސް ބްރޭންޑްގެ ނަމުގައި މަޢުދަނުގެ މަސައްކަތަށް ބޭނުންވާ ތަކެތި، ދިވެހި މަސައްކަތްތެރިން ބޭނުންވާ ފެންވަރުގައި ރާއްޖެ ގެންނަވައި، މިހާރުވަނީ މާކެޓް ކުރައްވަން ފަށްޓަވާފައެވެ. އަދި ވެލްޑިންގ ކުރުމަށް ބޭނުންވާ މެޝިނަރީ، ދިވެހިރާއްޖެއިން ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ރާއްޖޭގެ ތިމާވެށްޓާ އެކަށޭނަ އަދި މަރާމާތު ކުރަން ފަސޭހަ މޮޑިއުލަރ ޑިޒައިންތަކަށް ވެލްޑިންގ މެޝިން ހައްދައި، މިޑެކްސްގެ މެޝިނަރީ ބްރޭންޑެއް ވަނީ ތަޢާރުފު ކުރައްވާފައެވެ. މިއީ، ރާއްޖޭގައި ސްޓެއިންލެސް ސްޓީލްގެ މަސައްކަތްތައް އެންމެފުޅާ ދާއިރާގައި ކުރަމުންދާ ކުންފުނިތަކުގެ މެދުގައިވެސް މަޤްބޫލު ބްރޭންޑެކެވެ.

މީހުން ބިނާކުރުމާއި، އިޖުތިމާޢީ ރޮނގުންވެސް ޝާރިފް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ދިވެހި މުޖުތަމަޢުގައި ހަވާސާވެފައިވާ ޒުވާނުންނަށް އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުމުގެ ބޭނުމުގައި، އެފަދަ ޒުވާނުންނަށް މަސައްކަތްތައް އުނގަންނައިދެއްވައި، ވަޒީފާތަކަށް އަހުލުވެރިކުރެއްވުމަށާއި އަދި މުޖުތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި އެކުދިން ބިނާކުރެއްވުމަށް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހަމައެއާއެކު، އިޖުތިމާޢީ ޒިންމާގެ ތެރެއިން އެފަދަ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޭނުންވާ އެހީތެރިކަން ގެންދަވަނީ ފޯރުވައިދެއްވަމުންނެވެ.

މ. އަތޮޅުގެ މަޑިފުށީ ދެމަފިރިއަކަށް އުފަން ޝާރިފް މިހާރުވަނީ، ދިވެހި ކުޅިވަރަށްވެސް ޚިދުމަތް ކުރައްވަން ފަށްޓަވާފައެވެ. މީގެކުރިން، ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ފެތުންތެރިއެއްގެ ގޮތުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައިވާ ޝާރިފް، 2013 ވަނަ އަހަރުން ފެށިގެން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިންގެވުމުގައި ގެންދަވަނީ ޙަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. ޝާރިފްގެ އުންމީދަކީ، ދިވެހި ޒުވާނުންނަށާއި އަންނަން އޮތް ޖީލަށް ޢަމަލީގޮތުން ނަމޫނާ ދައްކަވައި، ޒުވާނުންނަކީ އަމިއްލަ މަސައްކަތުން ފުދުންތެރި ބަޔަކަށްވެ، ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫޙު، އެމީހުންގެ ހިތްތަކުގައި އަށަގެންނެވުމެވެ.