ރާބިޢާ ޙުސައިން
ބ. މާޅޮސް ފެންފިޔާޒުގެ

ރާބިޢާ ޙުސައިން ވިޔަފާރީގެ ދާއިރާއަށް ވެދެވަޑައިގަތީ މާލޭގައި ދިރިއުޅުއްވުމަށްފަހު، އުފަން ރަށް ބ. މާޅޮހަށް ދިރިއުޅުން ބަދަލުކުރެއްވި ހިސާބުންނެވެ. ރާބިޢާގެ ޒުވާން ދުވަސްވަރު ރާބިޢާ އިސްކަންދެއްވީ އެއްވެސް މީހެއްގެ އެހީތެރިކަމާނުލައި އަމިއްލަ ފައިމައްޗަށް ތެދުވެވަޑައިގަތުމަށެވެ. މިގޮތުން، 2001 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު، ބާވީސްހާސް ރުފިޔާގެ ކެޕިޓަލަކާއެކީ އޭނާގެ ގޭގައި ފިހާރައެއް ހުޅުއްވައި، އާމްދަނީ ހޯއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ.

ފުރަތަމަ ފެށްޓެވީ ޢާންމު ކާބޯތަކެތީގެ ވިޔަފާރިންނެވެ. މި ކުޑަ ވިޔަފާރީގައި ދިމާވި އެތައް ގޮންޖެހުންތަކެއް ހުރަސްކުރައްވައި، މިހާރު ރާބިޢާ ވަނީ އެހެން އަންހެން ބޭފުޅުން ނުކުރައްވާ ވިޔަފާރިއެއް ފަށްޓަވާފައެވެ. އެއީ ހާޑްވެއަރ ސާމާނުގެ ވިޔަފާރިއެވެ. އިމާރާތް ކުރުމަށް ބޭނުންވާ މުދާ އެތެރެކުރައްވައި، މިހާރުވަނީ ވިއްކަން ފަށްޓަވާފައެވެ. މިގޮތުން، ބެންކޮކަށާއި މެލޭޝިއާއަށް ދަތުރުކުރައްވައި، ޓައިލްސްއާއި، ދޮރާއި ދޮރުފަތް އަދި އެނޫންވެސް ގެދޮރުހެދުމަށް ބޭނުންވާ ސާމާނާއި، ބެޑްރޫމްސެޓާއި، ޕްލައިވުޑާއި، ޖިޕްސަން ބޯޑާއި، ޓިނުފަދަ ގެދޮރު ހެދުމަށް ބޭނުންކުރާ ބަރު މުދާ ގެންނަވައިގެން ރަށުގައި ވިޔަފާރި ފުޅާކުރެއްވިއެވެ. ރަށުގެ އިތުރުން، މުޅި އަތޮޅަށްވެސް ރާބިޢާ ވަނީ ވިޔަފާރި ފުޅާކުރައްވާފައެވެ. އަދި އަތޮޅުން ބޭރަށްވެސް މުދާ ވިއްކަވަމުން ގެންދަވައެވެ. ރާބިޢާ މިހާރު ބޮޑު ދެ ފިހާރަ ހިންގަވާއިރު، އެއް ފިހާރައިން ވިއްކަވަމުން ގެންދަވަނީ ދިރިއުޅުމަށް ބޭނުންވާ ތަކެއްޗެވެ. އަނެއް ފިހާރައިގައި ހުންނަނީ ހާޑްވެއަރއެވެ. ރަށްރަށަށް މުދާ ފޮނުއްވަނީ ރާބިޢާގެ އަމިއްލަ ދޯނީގައި ހިލެއެވެ. އަދި މި ވިޔަފާރީގެ އެންމެ ބޮޑު ބޭނުމަކީ، ގެދޮރު ނުހެދި ފައިސާގެ ދަތިކަން ހުރި ފަރާތްތަކަށް، ދިގުމުއްދަތަކަށް ބަހާލައިގެން ގެދޮރުހެދުމަށް ބޭނުންވާ ސާމާނާއި ގެދޮރަށް ބޭނުންވާ ފަރުނީޗަރު އެއްވެސް އިންޓްރެސްޓަކާނުލައި ދޫކޮށްދިނުމެވެ. އެގޮތުން މިހާރުވެސް އެކަންދަނީ ކުރެވެމުންނެވެ.

ވިޔަފާރީގެ ތެރެއިން މިއަހަރު ރާބިޢާ ވަނީ އަނެއްކާވެސް އާ ވިޔަފާރިއެއް ފަށްޓަވާފައެވެ. އެއީ ލަކުޑި ވިއްކެވުމުގެ ވިޔަފާރިއެވެ. ރާބިޢާއަކީ މިހާރު ބޭންކް އޮފް މޯލްޑިވްސްގެ މާޅޮހުގެ އެޖެންޓް ކަމާއި، އެސް.ޓީ.އޯ ގޭހާއި ކާޑުގެ މާޅޮހު އެޖެންޓްކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރާބިޢާ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ގެސްޓްހައުސް ވިޔަފާރީގެތެރެއަށް ވެދެވަޑައިގަތުމަށެވެ.

މިއަދު ރާބިޢާއަކީ ބ. އަތޮޅުން ވިޔަފާރީގެ ދާއިރާއިން ފާހަގަކުރެވޭ ބޭފުޅުންގެ ތެރޭގައި ވަރަށް ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ވިޔަފާރިވެރިއެކެވެ. ރާބިޢާ ދެކެވަޑައިގަންނަވާ ގޮތުގައި އޭނާއަށް މިއަދު މި ވިޔަފާރީގައި މިހާހިސާބަށް މި ވަޑައިގެންނެވުނީ މަސައްކަތް ފެށްޓެވުމަށްފަހު، ފަސްއެނބުރި ނުބައްލަވައި، ކުރިމަތިވެވިވަޑައިގެންނެވި ގޮންޖެހުންތަކާވެސް ކުރިމަތިލައްވައިގެންނެވެ.

ރާބިޢާއަކީ މިއަދު ދިވެހި އަންހެނުންނަށް ނަމޫނާއެކެވެ. އަދި ކާމިޔާބު ވިޔަފާރިވެރިއަކަށް ވާން ބޭނުންވާ ފިރިހެނުންނަށްވެސް ނަމޫނާ ބޭފުޅެކެވެ.