އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ފަސްޓް ސަރޖަންޓް ސަމްޙާ ޔޫސުފަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 19 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެކެވެ. ސަމްޙާ ޚާއްޞަގޮތެއްގައި ފާހަގަކުރެވިގެންދަނީ، އެކި ވައްތަރުގެ ހަތިޔާރު ގެންގުޅެން ސިފައިންނަށް ދަސްކޮށްދެއްވުމުގައެވެ. ސަމްޙާ ފާހަގަކުރެވެނީ، ހަތިޔާރާ ގުޅުންހުރި އެކި ދާއިރާތަކުން ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވައި ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅެއްގެ ގޮތުގައެވެ.
ޢާންމުކޮށް އަންހެނުން ކޮށްނުޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން ފަސްޓް ސަރޖަންޓް ސަމްޙާ ޔޫސުފަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން ނިންމެވީ، މިފަދަ މަސައްކަތްތަކަކީ ޤައުމީ ފެންވަރެއްގައި ބަލައިގަންނަންޖެހޭ މަސައްކަތްތަކެއް ކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީއެވެ. އަދި ވެޕަން އިންސްޓްރަކްޓަރެއްގެ ގޮތުން ސަމްޙާ ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުން އެހެން އަންހެން ބޭފުޅުންވެސް ހިތްވަރު ލިބިވަޑައިގެން، މިބާވަތުގެ މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަތުމުގެ ހިތްވަރު ދެއްވުމުގެ ގޮތުންނެވެ. އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ ބާވަތުގެ މަސައްކަތްތަކަށް ޝައުޤުވެރިކަން އުފެއްދެވުގެ މަޤްޞަދުގައެވެ.
ސަމްޙާއަކީ ސިފައިންގެ އެކި ރޭންކްތަކުގައި ޚިދުމަތް ކުރައްވާ ފިރިހެން ބޭފުޅުންނަށް ދޫކުރެއްވުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ދިވެހި ސިފައިންނާއި ދިވެހި ޤައުމު ފަޚްރުވެރިވާނެފަދަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ދިވެހި ޢަސްކަރިއްޔާއިން ހިންގަވާފައިވާ ތަފާތު ތަމްރީނު ކޯސްތަކުން ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި ޢިލްމުގެ އަލީގައި ފިރިހެނުންނާ އެއްހަމައެއްގައި މިއަދާ ހަމައަށްވެސް ސިފައިން ތަމްރީނު ކުރެއްވުމުގައި ސަމްޙާ ގެންދަވަނީ ރެޔާދުވާލު ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 1999 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ހިންގި އަސާސީ ތަމްރީނު ކޯސްތަކުގެ 16 ބެޗެއްގައި މުދައްރިބެއްގެ ގޮތުގައި އޭނާވަނީ މަސައްކަތް ކުރައްވާފައެވެ. އެއިން ކޮންމެ ބެޗެއްގައި 100 އަށްވުރެ ގިނަ ރެކްރޫޓުން ތަމްރީނު ކުރެވިފައިވެއެވެ.
ސިފައިން އެކި ވައްތަރުގެ ހަތިޔާރުތަކަށް ތަމްރީނު ކުރައްވައި އަހުލުވެރި ކުރެއްވުމުގައިވެސް ސަމްޙާ ޔޫސުފްގެ ޚިދުމަތް ގުނައިލެވެނީ އެންމެކުރީ ސަފުގައެވެ. ހަތިޔާރާބެހޭ އެކި ކޯސްތަކުގެ 5 ބެޗެއްގައި މުދައްރިބެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. އޭނާއަކީ ހަތިޔާރަށް ފަރިތަ، އަދި ހަތިޔާރު އުނގަންނައިދިނުމުގައިވެސް އާދަޔާޚިލާފު ކުޅަދާނަކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ބޭރުގެ ޢިއްޒަތްތެރިންނަށް ސެކިއުރިޓީ ދިނުމުގައި ތަމްރީނު ކުރެވޭ ބޮޑީގާޑުން ތަމްރީނު ކުރައްވާފައިވެއެވެ. ސަމްޙާ މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ވެޕަން އިންސްޓްރަކްޓަރ ކޯސް ކަރިކިއުލަމް، މިހާރާ ގުޅޭގޮތަށް ފަރުމާކުރެއްވުމާއި، އަލަށް ސިފައިންގޭގައި އެކުލަވައިލާ ވެޕަން އިންސްޓްރަކްޓަރ އެޑްވާންސް ކޯހުގެ ކަރިކިއުލަމް ތައްޔާރު ކުރެއްވުން ހިމެނެއެވެ.
ސިފައިންގެ ތެރޭގައި އޮފިސަރުން ތަމްރީނު ކުރުމަށް ހިންގުނު އޮފިސަރ ޓްރޭނިންގ ކޯސްތަކުގަޔާއި ދިވެހި ސިފައިން އެމެރިކާ ސިފައިންނާއެކު ބާއްވާ އެކިއެކި އެކްސަރސައިޒްތަކުގައިވެސް މުދައްރިބެއްގެ ހައިސިއްޔަތުން މީހުން ތަމްރީނު ކުރެއްވުމުގައި އެންމެކުރީ ސަފުގައި އޭނާ ޙަރަކާތްތެރިވެވަޑައިގެންފައިވެއެވެ. އަދި ސިފައިންނަށް އެކި ތަމްރީނުތައް ދެއްވުމުގައި، ރާއްޖޭގެ އެކި ތަންތާނގައި، ރެޔާއިދުވާލު، އެއްގަމާއި ކަނޑުގައި، އަތްވާއި ވާރޭގައި ވަރަށް ބުރަކޮށް ހީވާގިކަމާއެކު ސަމްޙާ މަސައްކަތް ކުރައްވަމުން ގެންދަވާކަން އެއީ، ދިވެހި ސިފައިންނަށް އޭނާ ދައްކަވަމުން ގެންދަވާ ވަރަށްރީތި ނަމޫނާއެކެވެ.
ސަމްޙާގެ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް ދެއްވި ކޮމެންޑޭޝަނާއި، އަދި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ މިފަދަ އެހެނިހެން ކޮމެންޑޭޝަންތައް ފާހަގަކޮށްލަންޖެހެއެވެ. 2016 ވަނަ އަހަރު ސަމްޙާވަނީ ރެހެންދި އެވޯޑްވެސް ހާސިލުކުރައްވާފައެވެ.