އިބްރާހީމް ރަޝީދު
ގ. ތަލްވާރުގެ

އިބްރާހީމް ރަޝީދަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. މި ދާއިރާއަށް އޭނާގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދުނީ މަދްރަސާގައި އުޅުއްވި ދުވަސްވަރުއެވެ. އޭރު މަދްރަސާގައި ފާހަގަކުރާ ކޮންމެ މުނާސަބަތަކަށްވެސް އެކިއެކި ތަމްސީލާއި ޑްރާމާ ލިޔުއްވައި، އަދި ހުށަހަޅުއްވަމުން ގެންދަވާފައިވެއެވެ. އަދި އެ ތަމްސީލުތަކާއި ޑްރާމާތަކުގެ އެކި ބައިތަކަށް ދަރިވަރުން ތަމްރީނު ކޮށްދެއްވުމުގެ މަސައްކަތްވެސް ކުރައްވާފައިވެއެވެ.

1991 ވަނަ އަހަރު ޓީ.ވީ މޯލްޑިވްސްގެ ޕްރޮޑިއުސަރ (ޓްރޭނީ)އެއްގެ ވަޒީފާ ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން މި ދާއިރާއަށް އިތުރު ޝައުޤުވެރިކަމެއް އޭނާގެ ހިތްޕުޅުގައި އުފެދުނެވެ. [މަހުރަބު]ގެ ނަމުގައި ފިލްމީ ދާއިރާއަށް މީހުން ބިނާކުރެއްވުމުގެ މަޤްޞަދުގައި، ލަވައަށް އެކްޓް ކުރުމުގެ މުބާރާތްތަކެއް ފެށްޓެވިއެވެ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅަށް ފެނިގެންދިޔަކަން އިބްރާހީމް ރަޝީދު ފާހަގަކުރައްވައެވެ.

ޤައުމީ ތަފާތު އެކި މުނާސަބަތުތަކަށާއި އަހަރީ ދުވަސްތަކަށް ޓީ.ވީ ޑްރާމާ ލިޔުއްވައި، ޑައިރެކްޓް ކުރައްވައި އަދި އެކްޓް ކުރައްވަމުން ގެންދެވިއެވެ. އަދި އެކަމަށް މީހުން ތަމްރީނު ކުރައްވައިގެން އަދި އިބްރާހީމް ރަޝީދުވެސް ބައިވެރިވެވަޑައިގަންނަވައިގެން، ހެއްވާ މަޖާ ޑްރާމާތައް ބެލުންތެރިންނާ ހަމައަށް ގެނެސްދެއްވާފައިވެއެވެ. ދިވެހި ފިލްމު [ނުފޮޅޭމާ] އަދި ޓީ.ވީ މޯލްޑިވްސް އިން އުފެއްދި ދިވެހި ފިލްމު [ހަދިޔާ]ގެ ބަޠަލެއްގެ ބައި އިބްރާހީމް ރަޝީދު ކުޅުއްވާފައިވެއެވެ. މީގެއިތުރުން، ދިވެހި ފިލްމު [ދެރިޔާ] [އަމާނާތް] [ބިރު] [ނިބޫ] [ފުންއަސަރު] އަދި [ރަންމުތް] މި ފިލްމުތަކުގެ އެކި ބައިތަކުން އޭނާ އަޅުގަނޑުމެންގެ ތެރެއަށް ފެނިގެންދިޔައެވެ. ފިލްމީ ދާއިރާއިން މީހުން ބިނާކުރެއްވުމުގައި ފިލްމު އެސޯސިއޭޝަނަށްވެސް އެހީތެރިވެދެއްވާފައިވެއެވެ. އަދި ޖެންޑަރގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމަށް ޔޫ.އެން.އެފް.ޕީ.އޭ އިން އުފެއްދި 13 އެޕިސޯޑްގެ ދެ ޑްރާމާ ސީރީޒް ލިޔުއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

އިބްރާހީމް ރަޝީދަކީ އެކި ސްކޫލް މަދްރަސާތަކަށާއި، އޮފީސްތަކުގެ އަހަރީ ދުވަސްތައް ފާހަގަކުރުމަށާއި، ސްކޫލްތަކުގައި ފާހަގަކުރާ އެކި ދުވަސްތަކަށް ވަރަށްގިނަ އަދަދެއްގެ ތަމްސީލުތައް ހިލޭސާބަހަށް ލިޔުއްވައިދެއްވާފައިވާ ބޭފުޅެކެވެ. އޭނާ ލިޔުއްވާފައިވާ ތަމްސީލުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ހެއްވާ މަޖާ އަދި އެއިން ޢިބްރަތް ލިއްބައިދޭ ތަމްސީލުތަކާއި ޑްރާމާތަކެވެ.

އިބްރާހީމް ރަޝީދު ލިޔުއްވާފައިވާ ބައެއް ޑްރާމާތަކުގެ ތެރޭގައި، ޓެލެޑްރާމާ [ލަދު 1] [ލަދު 2] [ދެން ނުވާނެ] [އަންތަރީސް] [ފުރުޞަތު އޭގެ އިންތިހާ] [ހައްސަ] [ފުއްޓަރު ވަލުން] [އަމީނާ] [ގުޅުން] އަދި [ރޮކެޓް] މި ޑްރާމާތައް ހިމެނެއެވެ. އޭނާއަކީ ކޮންމެވެސްވަރަކަށް ލަވަވެސް ވިދާޅުވެފައިވާ ބޭފުޅެކެވެ. އޭނާގެ ލަވަތަކުގެ ތެރެއިން [ޢީދޭ މިއީ ޢީދޭދޯ ކައިލާންވާނޭ] މިއީ ވަރަށް މަޤްބޫލުވެގެންދިޔަ ޢީދު ލަވައެކެވެ. އެންމެފަހުން އޭނާ ވިދާޅުވެފައިވަނީ އަމިއްލަ ރާގަކަށް ލިރިކްސް ހައްދަވައި، އަމިއްލަ ޙަޔާތްޕުޅުގެ މައްޗަށް ވިދާޅުވެފައިވާ [ހިތަކުންނުދޭ އެ ހަނދާންތަކެއް، ދުރަކަށް ނުދޭ އެ ގަޔާވުމެއް] މި ލަވައެވެ. މީގެ އިތުރުން، އަޑު ޑަބް ކުރެއްވުމަކީވެސް އިތުރު ހުނަރެކެވެ. ފިލްމުތަކަށް އަޑު އަޅުއްވައި ދެއްވުމާއި އަދި مُحَمَّـد رســول اللّـه ސީރީސްގައި ހާމާނުގެ ބަޔަށް އަޅުއްވައި ދެއްވާފައިވާ އަޑަކީ، މިއަދުވެސް ބެލުންތެރިންގެ މަޤްބޫލުކަން ލިބިފައިވާ އަޑެކެވެ.

އިބްރާހީމް ރަޝީދުގެ ޚިދުމަތްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ އެއް ޚިދުމަތަކީ، އޭޝިއަން ޓެލެވިޜަން އެވޯޑް 2016ގައި ފަނޑިޔާރެއްގެ ގޮތުގައި ޑްރާމާތަކަށް އިންސާފުކޮށްދެއްވުމެވެ. އެއީ ފުރަތަމަފަހަރަށް މި އެވޯޑްގައި ދިވެއްސަކު ފަނޑިޔާރުކަން ކުރި ފަހަރު ކަމަށްވާތީއެވެ. އިބްރާހީމް ރަޝީދަކީ މިއަދު ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.