މުޙައްމަދު ޢަބްދުލްޣަނީ
ޅ. ނައިފަރު އަލިގާ

ލަވަ ކިޔުމާއި، މީހުން ތަމްރީނު ކުރުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން މުޙައްމަދު ޢަބްދުލްޣަނީއަކީ ރާއްޖޭގެ ވަރަށްގިނަ ބައެއްގެ މަޤްބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޢަބްދުލްޣަނީ އަޅުގަނޑުމެންގެ ތެރެއަށް ފުރަތަމަ މަޝްހޫރު ވެގެންދިޔައީވެސް އޭނާ ހުށަހެޅުއްވި [ތޭރަވާ] ލަވައިންނެވެ. ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް ޒީރޯ ޑިގްރީ އެޓޮލްއާއެކު [ތޭރަވާ] ލަވަ 1992 ވަނަ އަހަރު މާލޭގައި ބޭއްވުނު ފަންނާނުންގެ މިއުޒިކީ ޢީދުގައި ހުށަހެޅުއްވި ހިސާބުން ފެށިގެން އޭނާއަކީ ލަވަކިޔުމުގެ ރޮނގުން އުންމީދުތަކެއް އޮތް ޒުވާނެއްކަން ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ.

ޢުމުރުން އެންމެ 13 އަހަރުގައި މި ދާއިރާއަށް ވެދެވަޑައިގަތީއްސުރެ އޭނާގެ އަޑު އަޅުގަނޑުމެންނަށް ދިޔައީ އިވެމުންނެވެ. ޓީ.ވީ މޯލްޑިވްސްއިން އިންތިޒާމު ކުރައްވައިގެން ސްކޫލްތަކުގެ މެދުގައި ބޭއްވެވި ލަވަ މުބާރާތުން 1996 ވަނަ އަހަރުން ފެށިގެން 1999 ވަނަ އަހަރާ ދެމެދު ބައިވެރިވެވަޑައިގެން، އެކި ޢުމުރުފުރާތަކުން އެކި ވަނަތައް ހާސިލުކުރައްވާފައިވެއެވެ. އަދި އެ މުބާރާތުން 1999 ވަނަ އަހަރު އެންމެމޮޅު ލަވަކިޔުންތެރިޔާގެ މަގާމު އޭނާ ހާސިލުކުރެއްވިއެވެ. އޭގެފަހުން އޭނާ ގެންދެވީ މި މުބާރާތަށް އެކި ސްކޫލްތަކުގެ ދަރިވަރުން ތައްޔާރުކޮށްދެއްވަމުންނެވެ. މީގެއިތުރުން، ލަވަކިޔުމުގެ ދާއިރާއިން އާ ފަންނާނުން އުފައްދަވައި ނެރުއްވުމުގައިވެސް ޢަމަލީގޮތުން އޭނާވަނީ ބައިވެރިވެވަޑައިގެންފައެވެ.

2001 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުގެ ބޭންޑާ ގުޅިވަޑައިގެން، އެ ބޭންޑްގައިވެސް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި، ތަފާތު ލަވަތައް ހުށަހެޅުއްވިއެވެ. ޚާއްޞަކޮށް، ޤައުމީ ލަވައަށް އޭނާ ދެއްވާ ސަމާލުކަން ފާހަގަކޮށްލަންޖެހެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރައްވާ ޤައުމީ ލަވަތައް ހެއްދެވުމުގައިވެސް އޭނާ އެހީތެރިކަން ދެއްވަމުން ގެންދަވައެވެ.
އެމް.އެން.ޑީ.އެފް. އިން ކޮންމެ އަހަރެއްގެ ޤައުމީ ދުވަހާ ގުޅިގެން ނެރުއްވާ ޤައުމީ އަލްބަމްތަކުގެ ތެރެއިން 8 އަލްބަމަކަށް އޭނާވަނީ ލަވަ ވިދާޅުވެދެއްވާފައެވެ. އަދި ރާއްޖޭގައި މިހާތަނަށް ނުކުތް އެކި ފިލްމުތަކަށްވެސް އޭނާވަނީ ލަވަ ވިދާޅުވެފައެވެ. މިއަދާ ހަމައަށް ހުރިހާ ބާވަތެއްގެ ލަވަތައް ހިމެނޭގޮތަށް، 500އާ ގާތްކުރާ އަދަދަކަށް ލަވަ ރެކޯޑުކުރައްވާފައިވެއެވެ.

މުޙައްމަދު ޢަބްދުލްޣަނީ މި ރޮނގުން ހޯއްދަވާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ޤައުމީ ފިލްމު އެވޯޑުތަކުގައި ފަޚްރުވެރި އިނާމުތަކެއް ހާސިލުކުރައްވާފައިވެއެވެ. 2011 އިން 2013 އަށް ބޭއްވުނު ޤައުމީ ފިލްމު އެވޯޑްސްގެ އެންމެމޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ މަޤާމާއި، ޤައުމީ ފިލްމު އެވޯޑްސް 6ގެ އެންމެމޮޅު ލަވަކިޔުންތެރިޔާގެ މަޤާމާއި، [އިލްޝާ] ފިލްމު އެވޯޑް 2014ގެ އެންމެމޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ މަޤާމުވަނީ ހާސިލުކުރައްވާފައެވެ. އޭނާއަކީ އަމިއްލަ ރާގަށް ވަރަށް ލޯބިކުރައްވައި އަދި މިހާތަނަށް ވަރަށްގިނަ އަމިއްލަ ރާގު ހައްދަވާފައިވާ ބޭފުޅެކެވެ. ހިޖުރައިން 1436 ވަނަ އަހަރު ބޭއްވެވި ޓީ.ވީ.އެމް ސްކޫލް ކުދިންގެ ލަވަ މުބާރާތުން ހޮވި އެންމެމޮޅު އަމިއްލަ ރާގު ހެއްދެވީވެސް އޭނާއެވެ. މިހާތަނަށް 300 އަށްވުރެ ގިނަ އަމިއްލަ ރާގު އުފައްދަވައި، އަދި 500 އަށްވުރެ ގިނަ ޅެން އޭނާ ހައްދަވާފައިވެއެވެ.

މުޙައްމަދު ޢަބްދުލްޣަނީއަކީ، އެކިއެކި ލަވަ މުބާރާތްތަކާއި މަދަޙަ މުބާރާތްތަކުގައި ފަނޑިޔާރުކަންވެސް ކުރައްވާ ބޭފުޅެކެވެ. އަދި ޤައުމީ އެކިއެކި މުނާސަބަތުތަކުގަޔާއި، އަދި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތަކާ ގުޅިގެން ބާއްވާ ޝޯތަކުގައި އޭނާވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި އޭނާވަނީ ޝޯ ދެއްވާފައެވެ. ޕީ.އެސް.އެމް. އިން ކުރިއަށް ގެންދަވާ އިންޓަރނޭޝަނަލް ފްރެންޗައިޒް ޝޯ، [މޯލްޑިވިއަން އައިޑަލް]ގެ ފުރަތަމަ ސީޒަންގައި ބައިވެރިވި ލަވަކިޔުންތެރިންނަށް ލަވަކިޔުމުގެ ހުނަރުތައް ދަސްކޮށްދެއްވައި، އެކުދިންގެ ލަވަކިޔުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ބުރަ މަސައްކަތްތަކެއް އޭނާވަނީ ކޮށްދެއްވާފައެވެ.