މުޙައްމަދު ޝާފީ
ސ. މަރަދޫ ވެސްޓްކޯސްޓް

ވިޜުއަލް އާޓްސްގެ ދާއިރާއިން، ފޮޓޯގްރަފީގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ މުޙައްމަދު ޝާފީއަށް މި ދާއިރާއަށް ވެދެވަޑައިގެންނެވުނީ އެއަރ މޯލްޑިވްސްގެ ވަޒީފާގައި އުޅުއްވި ދުވަސްވަރުގައެވެ. އެއަރ މޯލްޑިވްސް ޓްރެވަލް ބިއުރޯގެ މާކެޓިންގއާބެހޭ ކަންކަން ކުރައްވަމުން ގެންދެވިއިރު، އެ މަސައްކަތުގެ ތެރެއިންނެވެ. އިނގިރޭސިވިލާތުގެ ފޮޓޯގްރާފަރެއް ކަމަށްވާ އެޑްރިއަން ނެވިލްއާއެކު އެއަރ މޯލްޑިވްސް އިޝްތިހާރު ކުރުމަށް ފޮޓޯ ނެގުމުގެ މަސައްކަތްތައް އޭރު ކުރިއިރު، އޭނާއާ އެކީގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިކަން އެއީ، ފޮޓޯގްރަފީ މަސައްކަތަށް ޝައުޤުވެރިކަން އުފެދުނު ހިސާބެވެ.

އޭގެފަހުން މި މަސައްކަތުގައި އިތުރަށް ކުރިއަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތީ އެފް.ޑީ.އައި ސްޓޭޝަން 2000 ވަނަ އަހަރު ހުޅުވި ހިސާބުން ފެށިގެންނެވެ.

މި މަސައްކަތް ކުރިއަށް ގެންދެވުމަށްޓަކައި ސިންގަޕޫރުގެ ފުޖީ ފިލްމު ކަމްޕެނީން ޝާފީ ވަނީ ޑިޖިޓަލް ފޮޓޯގްރަފީގެ ދާއިރާއިން ތަޢުލީމު ހާސިލު ކުރައްވާފައެވެ.

ބުރަ މަސައްކަތާއި މަދު ވަސީލަތާއެކު ފެށްޓެވި މި މަސައްކަތުގެ ތެރެއިން 2005 ވަނަ އަހަރު [ޑިޖިޓަލް ސްޓޫޑިއޯ]ގެ ނަމުގައި މާލޭގައި ފެންވަރު ރަނގަޅު ސްޓޫޑިއޯއެއް ޝާފީ ހުޅުއްވިއެވެ. އެހިސާބަށް ދިޔައިރު އެއް ރިޒޯޓުން ފޮޓޯ ނަންގަވަން ފެށްޓެވި މަސައްކަތް، 8 ރިޒޯޓަށް ވަނީ އިތުރުވެފައެވެ. ރާއްޖޭގައި ރިޒޯޓް ފޮޓޯގްރަފީ ވިޔަފާރިއެއްގެ ގޮތުގައި ފަށްޓަވައި، ރިޒޯޓުތަކަށް ޕެކޭޖްތައް ތަޢާރުފު ކުރެއްވުމުގައި ޝާފީގެ ދައުރު ވަރަށްބޮޑެވެ.

ފޮޓޯނަގާ މީހުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްވެފައި ނެތުމުން، އެ ފުރުޞަތު ހޯއްދަވައިދެއްވުމަށް ޝާފީ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި ރާއްޖޭގައި ބޭރުގެ ފޮޓޯގްރާފަރުން މި މަސައްކަތް ކުރަން ފެށުމުން ދިވެހިންނަށް ލިބޭ ފުރުޞަތުތައް މަދުވުމާއެކު، ސަރުކާރުގައި ދަންނަވައިގެން އެކަމަށް ޙައްލެއް ހޯއްދެވުމުގައި ޝާފީ ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން، ފޮޓޯގްރަފީގެ ދާއިރާ މިހާރުވަނީ މެދު ފަންތީގެ ވިޔަފާރިއަކަށް ބަދަލުކުރައްވައި، ހަމައެކަނި ދިވެހިންނަށް ޚާއްޞަ ދާއިރާއެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވާފައެވެ.

ރާއްޖޭގައި އުފެދިފައިވާ ފޮޓޯގްރާފަރުންގެ ޖަމުޢިއްޔާ އުފެއްދެވުމުގައިވެސް ޝާފީ އިސް ދައުރެއް އަދާކުރައްވާފައިވެއެވެ. އެ ޖަމުޢިއްޔާގެ ތެރެއިންވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށާއި، އަދި މިހާރު އެ ރޮނގުގައި ފާހަގަކޮށްލެވޭ ފޮޓޯގްރާފަރުންނަށް ޝާފީއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވަމުން ގެންދަވައެވެ.

ފޮޓޯގްރަފީގެ ރޮނގުން މީހުން ތަމްރީނު ކުރެއްވުމަށް މިހާރުވެސް ޝާފީ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން ފޮޓޯގްރާފަރުން ތަމްރީނު ކުރެއްވުމަށް ޓިވެޓުން ހިންގަވާ ޕްރޮގުރާމުތަކަށްވެސް އެހީތެރިކަންވަނީ ފޯރުކޮށްދެއްވާފައެވެ. ފޮޓޯގްރާފަރުން ތަމްރީނު ކުރުމަށް އެކަށީގެންވާ ޖާގަ ލިބުމުގެ ދަތިކަން ބޮޑުކަމާއެކު، ބައެއްފަހަރު ބީޗްގައިވެސް ތަމްރީނުތައް ހިންގަވައެވެ. ޝާފީ ވަނީ ބޭރުގެ މަޝްހޫރު ފޮޓޯގްރާފަރުންނާއެކު އެކިއެކި ވަރކްޝޮޕްތައް ހިންގަވާފައެވެ. އަދި މިހާރުވެސް އެފަދަ ވާރކްޝޮޕްތައް އިންތިޒާމު ކުރައްވަމުން ގެންދަވައެވެ.