ކުޅިވަރުގެ ދާއިރާއިން މޫދު ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޢަބްދުލްޣަފޫރު ޢަލީއަކީ، ރާއްޖޭގެ ވަރަށްގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. މޫދު ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް އެރުވޭ މިއީ ފުރަތަމަފަހަރު ކަމަށްވުމާއެކު، މި ޝަރަފު ޢަބްދުލްޣަފޫރު ޢަލީ ހާސިލު ކުރައްވާކަން އެއީ، އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.
ޢަބްދުލްޣަފޫރު ޢަލީއަކީ ވަރަށް ކުޑައިރުއްސުރެ ރާޅާއެޅުންފަދަ މޫދު ކުޅިވަރުތަކަށް އޭނާގެ ހިތްޕުޅުގައި ޚާއްޞަ ޝައުޤުވެރިކަމެއް އުފެދިފައިވާ، އަދި މި ދާއިރާގައި ޚިދުމަތް ކުރައްވާތާ 29 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.
ރިޔަލުގައި ދަތުރުކުރުމުގައި ދިވެއްސަކު މިހާތަނަށް ހާސިލުކުރައްވާފައި ނުވާފަދަ ކާމިޔާބީތަކެއް ޢަބްދުލްޣަފޫރު ވަނީ ހާސިލުކުރައްވާފައެވެ. މިގޮތުން، ޤައުމީ ވިންޑް ސަރފިންގ ޗެމްޕިއަންޝިޕްގެ ފްރީ ސްޓައިލް ކެޓަގަރީންނާއި، ކެޓަމަރާން ސެއިލިންގ ޗެމްޕިއަންޝިޕުން އެކި އަހަރު ފަޚްރުވެރި ވަނަތަކެއް ހާސިލުކުރައްވާފައިވެއެވެ. މީގެއިތުރުން 2016 ވަނަ އަހަރު ބޭއްވުނު ޓޮޕްކެޓް ވާރލްޑް ޗެމްޕިއަންޝިޕްގައިވެސް އޭނާވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭނާއަކީ، 2016 ވަނަ އަހަރު ދިރާގުގެ ބްރޭންޑް އެމްބެސެޑަރުވެސް މެއެވެ.
ޢަބްދުލްޣަފޫރު ޢަލީގެ އެންމެ ޚާއްޞަ އަދި ތާރީޚީ ކާމިޔާބީއަކީ ކެޓަމަރާންއެއްގައި ރާއްޖެ ވަށައި ބުރުޖެއްސެވުމެވެ. 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ފެށްޓެވި ދަތުރު އޭނާ ނިންމަވާފައިވަނީ 38 ދުވަހުންނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެއްވެސް ފަރާތަކަށް ހާސިލުކުރެވިފައިވާ ކަމެއް ނޫނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ ވަށައި ބުރުޖައްސަވައި، އެ ޝަރަފު އޭނާވަނީ ހޯއްދަވާފައެވެ. މި ދަތުރުގައި އޭނާވަނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ.ތުރާކުނުން ފެށިގެން 83 ރަށަކަށް ދަތުރުކުރައްވާފައެވެ. ރާއްޖެ ވަށައި ކުރެއްވި ދަތުރުގައި މަޑުކުރެއްވި ކޮންމެ ރަށަކުންވެސް އޭނާއަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، މިދަތުރުތަކުގައި އޭނާވަނީ އެ ރަށްރަށުގައި ހުރި ތާރީޚީ ތަންތަނާއި، ފާހަގަކޮށްލެވޭ ޤުދްރަތީ ކަންކަން ބައްލަވައިލައްވާފައެވެ.
[މަޅު ސާފް ސްކޫލް] ނަމުގައި މޫދު ކުޅިވަރަށް އެކި އުމުރުފުރާގެ މީހުން ތަމްރީނު ކުރެއްވުމަށްޓަކައި 2011 ވަނަ އަހަރު ސްކޫލެއް ހުޅުއްވައި ޚިދުމަތް ދެއްވަމުން ގެންދަވައެވެ. ސްކޫލް ހުޅުވުމުގެ ކުރިންވެސް އެކި ފަރާތްތަކަށް އޭނާ ތަމްރީނު ދެއްވަމުން ގެންދަވާފައިވެއެވެ. އެގޮތުން، ފޯރ ސީޒަން ރިޒޯޓްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގަޔާއި، ހިރިލަންދޫ ސްކޫލްގަޔާއި، އޭނާގެ އުފަން ރަށް، ށ. ފޭދޫގައި އެކި ޕްރޮގްރާމްތައް ވަނީ ހިންގަވާފައެވެ. މީގެތެރެއިން ގިނަ މަސައްކަތްތަކަކީ ހިލޭސާބަހަށް ކޮށްދެއްވާފައިވާ މަސައްކަތްތަކެވެ. މިއަދު [މަޅު] ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބްރޭންޑް ކުރެވި، އޭގެ ނަމުގައި ސާފް ބޯޑާއި، ސްޓޭންޑްއަޕް ޕެޑަލް ބޯޑު، އަދި ރާޅާއަޅަން ދަސްކުރާ ކުދިންނަށް ސޮފްޓް ބޯޑު ތަޢާރުފުކޮށްފައެވެ.
ރިޒޯޓްތަކުގައި ވަޒީފާ އަދާކުރެއްވިއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވަރަށް ޢިއްޒަތްތެރި ބޭފުޅުންނަށް މި ކުޅިވަރު ދަސްކޮށްދެއްވުމުގެ ޝަރަފު ޢަބްދުލްޣަފޫރަށް ވަނީ ލިބިވަޑައިގެންފައެވެ. ޤުދުރަތީ ސްޓޭޑިއަމްތަކެއް ލިބިފައިވާ، މި ދިވެހިރާއްޖޭގައި މޫދު ކުޅިވަރަކީ ވަރަށްފުޅާ ދާއިރާއެއްގައި ކުރިއެރުވިދާނެ ކުޅިވަރެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. އަދި މިގޮތަށް މަސައްކަތް ކުރެވިއްޖެނަމަ، ރާއްޖެ އޮލިމްޕިކަށް ކޮލިފައިވުމަކީވެސް ދުރުގައި އޮތް ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އޭނާގެ އުންމީދަކީ، ރާއްޖޭގައި މި ކުޅިވަރު އިތުރަށް ތަރައްޤީ ކުރައްވައި، ރާއްޖެ މި ރޮނގުން ދުނިޔެއަށް އިތުރަށް ހުޅުއްވައިލެއްވުމުގެ މަސައްކަތް ކުރެއްވުމެވެ.