ޢަލީ ސަލީމް
މ. ތްރީ ފްލާވާރސް

ކުޅިވަރު ހިންގުމާއި، ފަންނީގޮތުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ޢަލީ ސަލީމް އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެފައިވަނީ ފުޓްބޯޅަ ރެފްރީއެއްގެ ގޮތުގައެވެ. ޢާލިޔާ ސްކޫލްގައި ކިޔަވައި ވިދާޅުވާން އުޅުއްވިއިރު، 1990 ވަނަ އަހަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސްކޫލް ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވައިލި ބޭސިކް ފުޓްބޯޅަ ރެފްރީ ކޯހުގެ 6 ވަނަ ބުރުގައި ބައިވެރިވެވަޑައިގެން، އެ ކޯހުން ފާސްވުމަށްފަހު، ޢަމަލީގޮތުން ރެފްރީކަން ކުރައްވަން ފެށްޓެވީ 1991 ވަނަ އަހަރުގައެވެ. 1992 ވަނަ އަހަރު ސްކޫލް ދައުރު ނިންމެވުމަށްފަހު، އޭރު ރާއްޖޭގެ އަތޮޅުތަކުގައި ބާއްވަމުން ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ރ. އަތޮޅުގެ މެޗުތަކަށް އެފް.އޭ.އެމް އިން ފޮނުވި ރެފްރީންގެ ތެރޭގައި ޢަލީ ސަލީމް ހިމެނިވަޑައިގަތެވެ. އެ މުބާރާތަށްފަހު، ސިފައިންނަށް 100 އަހަރު ފުރިގެން މާލޭގައި ކުޅުނު ޚާއްޞަ މެޗުގެ ރެފްރީކަން ކުރުމުގެ ފުރުޞަތު އެފް.އޭ.އެމް އިން ޢަލީ ސަލީމަށް ދެއްވިއެވެ.

އެއަށްފަހު މިއަދާ ހަމައަށް އައިއިރު، ރާއްޖޭގައި ކުޅޭ ހުރިހާ ފެންވަރެއްގެ ފުޓްބޯޅަ މެޗްތަކުގައި، ރެފްރީކަމާއި، އެސިސްޓެންޓް ރެފްރީކަމާއި، ބަދަލު ރެފްރީކަން ޢަލީ ސަލީމް ވަނީ ކުރައްވާފައެވެ. މާލެއާއި ރާއްޖޭގެ ރަށްރަށުގައި ކުޅުނު މެޗްތަކުގެ ތެރެއިން މިހާތަނަށް ތިންހާހާ ގާތްކުރާ އަދަދަކަށް އެކި މެޗުތަކުގައި އެކި ހައިސިއްޔަތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން، ރާއްޖޭގައި ބޭއްވުނު ބޮޑެތި ހުރިހާ މުބާރާތެއްގެ ފައިނަލް މެޗުގައިވެސް ރެފްރީކަން ކުރައްވައި، ރާއްޖޭގައި ބޭއްވި ބައިނަލްއަޤްވާމީ ގިނަ މެޗްތަކެއްގަޔާއި، މުބާރާތްތަކުގައި ޢަލީ ސަލީމް ވަނީ ރެފްރީކަން ކުރައްވާފައެވެ.

1994 ވަނަ އަހަރު، ނޭޝަނަލް ރެފްރީއެއްގެ ގޮތުގައި ހުންނަވައިގެން 1995 ވަނަ އަހަރު ފީފާގެ ރެފްރީކަމުގެ ބެޖް އޭނާ ހޯއްދެވިއެވެ. ބައިނަލްއަޤްވާމީ މުބާރާތެއްގެ ރެފްރީކަން ޢަލީ ސަލީމް އެންމެ ފުރަތަމަ ކުރެއްވީ، އިންޑިއާގެ ކޮޗިންގައި އޮތް ނެހްރޫ ކަޕްގައެވެ. 2005 ވަނަ އަހަރުން ފެށިގެން އޭ.އެފް.ސީ އެލީޓް ރެފްރީ ޕެނަލްގައި ހިމެނިވަޑައިގެން، ރާއްޖެއިން ބޭރުގައި ބޭއްވުނު އެކި މުބާރާތްތަކުގައި ރެފްރީކަން ވަނީ ކުރައްވާފައެވެ. އޭގެތެރޭގައި، އޭޝިއަން ގޭމްސްއާއި، އޭ.އެފް.ސީ ޗެމްޕިއަންސް ލީގާއި، އޭ.އެފް.ސީ ކަޕާއި، ސީ ގޭމްސްއާއި، އޭ.އެފް.ސީ ޕްރެޒިޑެންޓް ކަޕާއި، އޭ.އެފް.ސީ ޗެލެންޖް ކަޕާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގަޔާއި، އޮލިމްޕިކް ކޮލިފައިންގައި އަދި ވާރލްޑް ކަޕް ކޮލިފައިންގައި ވަނީ ރެފްރީކަން ކުރައްވާފައެވެ.

ރެފްރީކަން ކުރައްވަމުން، ރެފްރީން އުފެއްދެވުމަށްވެސް ޢަލީ ސަލީމް ގެންދަވަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރާއްޖޭގެ ބައެއް ރަށްރަށުގައި ރެފްރީން ތަމްރީނު ކުރެއްވުމަށް ހިންގުނު ކޯސްތަކުގައި ކިޔަވައިދެއްވާފައިވެއެވެ. ފުޓްބޯލް އެސޯސިއޭޝަނުން މާލޭގައި ހިންގެވި ރެފްރީން ތަމްރީނު ކުރުމުގެ ގިނަ ކޯސްތަކުގައިވެސް ޢަލީ ސަލީމް ވަނީ ކިޔަވައިދެއްވާފައެވެ.

ރާއްޖެއަށް ފުޓްސަލް ތަޢާރުފުވުމާއެކު، އެ ކުޅިވަރުގައި ރެފްރީކަން ކުރައްވަން ފަށްޓަވައި، މިހާތަނަށް ރާއްޖޭގައި ބޭއްވި ވަރަށްގިނަ ފުޓްސަލް މުބާރާތްތަކުގައި ޢަލީ ސަލީމް ވަނީ ރެފްރީކަން ކުރައްވާފައެވެ. ރެފްރީކަން ކުރެއްވުމުގެ އިތުރުން، އެކި މެޗްތަކުގެ މެޗް ކޮމިޝަނަރުކަންވެސް ވަނީ ކުރައްވާފައެވެ. ފުޓްސަލް މުބާރާތްތަކަށް ރެފްރީން ހަމަޖެއްސުމާއި، ރާއްޖޭގެ އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކަށް ރެފްރީން ހަމަޖެއްސުމުގެ އިތުރުން، މުބާރާތްތަކުގެ ޓެކްނިކަލް ކަންތައްތަކުގައި އެހީތެރިކަން ފޯރުއްވައިދެއްވަމުން ގެންދަވާފައިވެއެވެ.

އިޖުތިމާޢީ ގޮތުންނާއި، ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 2005 ވަނަ އަހަރު ޢަލީ ސަލީމަށް ވަނީ ޒުވާނުންގެ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ. އަދި ފުޓްބޯލް އެސޯސިއޭޝަނުން ހޮވި 2010 ވަނަ އަހަރު އެންމެ ޚިދުމަތްތެރި ރެފްރީގެ އެވޯޑް، ޢަލީ ސަލީމަށް ވަނީ ލިބިވަޑައިގެންފައެވެ. ހަވީރު ނޫހުގެ ފަރާތުން ހޮވި އެންމެމޮޅު ރެފްރީގެ އެވޯޑްވެސް 2010 ވަނަ އަހަރު ވަނީ ހޯއްދަވާފައެވެ. ޢަލީ ސަލީމް ވަނީ ފީފާ ރެފްރީކަމުގައި ހުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 20 އަހަރު، ރެފްރީ ކަމުގައި ހޭދަކުރައްވާފައެވެ.