ޢަބްދުﷲ އަޒްމީނު
ގދ. ގައްދޫ އަތިރީގެ

ޢަބްދުﷲ ޢަޒްމީނުގެ ހިތްޕުޅުގައި ނޫސްވެރިކަމަށާއި ކުޅިވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް އުފެދުނީ، މާލޭ އިންގްލިޝް ސްކޫލުގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރުގައެވެ. އެކި ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު އޭނާއަށް ލިބިވަޑައިގެންފައި ނުވިނަމަވެސް، ސްކޫލް ދައުރުގައިވެސް އުޅުއްވީ ކުޅިވަރުތައް ރާވައި ހިންގެވުމުގައެވެ.

ނޫސްވެރިކަމުގެ ދާއިރާއިން މެލޭޝިއާގެ ލިމްކޮކް ޔުނިވަރސިޓީގައާއި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ އަޒްމީނަކީ، ސްކޫލްގައި އުޅުއްވަމުން ކުޅިވަރުގެ ނޫސްވެރިކަން ކުރައްވަން ފެށްޓެވި މަދު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ ކުޅިވަރުގެ ލިޔުއްވުންތައް ފުރަތަމަ ފެންނަން ފެށީ އާފަތިސް ނޫހުންނެވެ. އޭގެފަހުން [ފިއެސް] މަޖައްލާގައިވެސް ކުޅިވަރުގެ ލިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ. އަދި ހަވީރު ނޫހުގައި 2004 ވަނަ އަހަރު މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. އެ އަހަރު މާލޭ އިންގްލިޝް ސްކޫލާއި ހަވީރު ނޫސް ގުޅިގެން ހިންގި ބޭސިކް ޕްރިންޓް ޖާނަލިޒަމް ކޯހުން އަޒްމީނު 1 ވަނަ ހޯއްދެވުން ވެގެންދިޔައީ، ހަވީރު ނޫހުގައި މަސައްކަތް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަތުމަށް މަގުފަހިވެގެންދިޔުމުގެ މުހިންމު ސަބަބަކަށެވެ. ހަވީރު ނޫހުގައި މެދުނުކެނޑި 6 އަހަރު ކުޅިވަރު ޚަބަރުތައް ލިޔުއްވިއެވެ.

އަޒްމީނުގެ ހިތްޕުޅުގައި ކުޅިވަރަށް އޮތް ޚާއްޞަ ލޯތްބެއްގެ ސަބަބުން މި މަސައްކަތް ފުޅާކުރައްވަމުން ގެންދަވައި، 2003 ވަނަ އަހަރު ފުރަތަމަފަހަރަށް ޓީ.ވީ މޯލްޑިވްސް އިން ފުޓްބޯޅަ ކޮމެންޓްރީ ދެއްވަން ފެށްޓެވިއެވެ. އެ އަހަރުގެ ދިވެހި ލީގުން ފެށިގެން އެ ސީޒަން ނިމެންދެން އެ މަސައްކަތް އޭނާ ކުރެއްވީ ހިލޭސާބަހަށެވެ.

ހަވީރު ނޫހުގައި މަސައްކަތް ކުރައްވަން ފެށްޓެވިތާ މާގިނަ ދުވަހެއް ނުވަނީސް ޓީ.ވީ މޯލްޑިވްސްގެ ފުލްޓައިމް ފުޓްބޯޅަ ޕްރެޒެންޓޭޓަރެއްގެ ގޮތުގަޔާއި، ފުޓްބޯޅަ ކޮމެންޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. މިގޮތުން، 2006 ވަނަ އަހަރުގެ އެޕްރީލު މަހުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އޭނާވަނީ، ޓީ.ވީ މޯލްޑިވްސްގައި ކުޅިވަރުގެ ދާއިރާގެ ޚަބަރުތައް ތައްޔާރުކުރެއްވުމުގަޔާއި، ހުށަހެޅުއްވުމުގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެތެރެއިން ގިނަ މަސައްކަތްތަކަކީ ހިލޭސާބަހަށް ކޮށްދެއްވި މަސައްކަތްތަކެވެ. މެދުނުކެނޑި ފުޓްބޯޅަ ކޮމެންޓްރީ ދެއްވާތާ މިހާރު 12 އަހަރު ވެއްޖެއެވެ.

2015 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން މި އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް އަވަސް އޮންލައިންގެ ސްޕޯޓްސް އެޑިޓަރެއްގެ ގޮތުގައިވެސް އަޒްމީނު ޚިދުމަތް ކުރައްވާފައިވެއެވެ.

އަޒުމީނަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚު ހޯއްދަވައި ދިރާސާ ކުރައްވަމުން ގެންދަވާ ބޭފުޅެއްވެސްމެއެވެ. މިއަދު އަޒުމީނަކީ ރާއްޖޭގެ އެކި ކުޅިވަރުގެ، ޚާއްޞަކޮށް، ފުޓްބޯޅައިގެ ތާރީޚާ ގުޅޭގޮތުން ތަފާސް ހިސާބުތައް އެންމެ ބޮޑަށް ހޯއްދަވާފައިވާ އެއްބޭފުޅެކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚުގައި އެކި ދުވަސްވަރު މަޝްހޫރުވެގެންދިޔަ ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ތާރީޚު އެއްކުރައްވައި ބަލަހައްޓަވަމުން ގެންދަވައެވެ. އަދި ކުޅިވަރުގެ ތާރީޚާއި، އެކި ކުޅުންތެރިންގެ މަޢުލޫމާތު ހޯއްދެވުމަށް އެކި ފަރާތްތަކުންވެސް ވަރަށްގިނައިން އަޒްމީނުއާ ގުޅުއްވަމުން ގެންދަވާކަން އެއީ، އެ ފަރާތްތަކުން އޭނާގެ މަސައްކަތް ބަލައިގަންނަކަމުގެ ހެތްކެކެވެ.

އަޒްމީން ވަނީ ރާއްޖެއިން ބޭރުގައި ބޭއްވުނު އެކިއެކި ފުޓްބޯޅަ މުބާރާތުގެ ކޮމެންޓްރީވެސް ވަގުތުން ގެނެސްދެއްވާފައެވެ. އަދި މޯބައިލް ފޯނެއް ބޭނުންކުރައްވައިގެން އޮންލައިންކޮށް ރާއްޖެއިން ބޭރުން ފުޓްބޯޅަ މެޗެއްގެ ކޮމެންޓްރީ ފުރަތަމަ ގެނެސްދެއްވި ބޭފުޅަކީވެސް އޭނާއެވެ.

ރާއްޖޭގެ މީޑިއާގެ ދާއިރާއިން ޚާއްޞަކޮށް، ކުޅިވަރުގެ ތާރީޚާ ބެހޭގޮތުން އަޒްމީނު ހޯއްދަވާފައިވާ އަދި ހޯއްދަވަމުން ގެންދަވާ މަޢުލޫމާތުތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމަށް މިއަދުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިހާރުވެސް ރާއްޖޭގެ އެކި ކުޅިވަރުގެ ޝަޚްޞިއްޔަތުތަކާ ބެހޭގޮތުން ބައެއް ފޮތް އޭނާވަނީ އެކުލަވައިލައްވާފައެވެ.

ނޫސްވެރިކަމުގެ ދާއިރާއިން 2013 ވަނަ އަހަރު އަޒްމީނަށްވަނީ ޒުވާނުންގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ.