ފާޠިމަތު ޒަޢީމާ، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއަށް ވެންނެވީ، 2005 ވަނަ އަހަރުއެވެ. އޭރުއްސުރެ ފެށިގެން މިއަދާ ހަމައަށް ވަރަށްގިނަ ކަންކަން އޭނާ ގެންދަވަނީ ހިލޭ ސާބަހަށް ކުރައްވަމުންނެވެ. އަންހެން ބޭފުޅުންނަށް އަމާޒުކުރައްވައިގެން، ތަފާތު ޓްރޭނިންގ ޕްރޮގުރާމުތަކާއި ކޯސްތައް ފާޠިމަތު ޒަޢީމާ އިސްވެ ހުންނަވައިގެން ހިންގަވައިދެއްވާފައިވެއެވެ. އޭގެތެރޭގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، މޫދު ކަސްރަތު ޕްރޮގްރާމްތަކާއި، ޔޯގާ ކްލާސްތަކާއި، އަދި ވެއިޓަރުން ތަމްރީނުކުރާ ކޯސްތަކާއި، ބިއުޓީޝަން ޓްރޭނިންގ ޕްރޮގުރާމާއި، ކޭކް ޑެކަރޭޝަން ބޭސިކް، އިންޓަރމީޑިއަޓް އަދި ޝުގަރ ފްލާވަރ ކޯސްތަކާއި، ފެހުމުގެ ބޭސިކް، އިންޓަރމީޑިއަޓް އަދި އެޑްވާންސް ކޯސްތައް ހިމެނެއެވެ. އަދި ވޫލް ބަރަނިން މާޖަހަން ދަސްކޮށްދޭ ކޯސްތަކާއި، ބޭސިކް އެންޑް އެޑްވާންސް ޕޭސްޓްރީ ކޯސް ހިންގަވަމުން ގެންދަވައެވެ.
މީގެއިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި އަންހެން ބޭފުޅުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވުމާއި، އަތޮޅުގައި ދަނޑުވެރިކަން ދިރުވައި، އަދި ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން އާލާކޮށް ދިރުވުމުގެ ގޮތުން ފެނުގައި ގަސް ހައްދަން ދަސްކޮށްދޭ ޓްރޭނިންގ ޕްރޮގުރާމުތައް ހިންގެވުން ހިމެނެއެވެ. ފެނުގައި 92 ގަހުގެ މެލަން ދަނޑެއް ހައްދައި، މި މަސައްކަތް އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް އޭނާ ވަނީ ތަޢާރުފުކޮށްދެއްވާފައެވެ.
ފާޠިމަތު ޒަޢީމާއަކީ، ޖަޕާނުގެ ތްރީއާރު ސިޓިޒަން ނެޓްވަރކް ޖަމުޢިއްޔާއާ ގުޅިގެން ތަފާތު 5 ވައްތަރެއްގެ ގަސްކާނާ ތައްޔާރުކުރާނެ ގޮތުގެ ތަމްރީނު ޖަޕާނުގައި ހޯއްދަވާފައިވާ، ރާއްޖެއަށް [ކާދުބޯޑު ބޮކްސް ކޮމްޕޯސްޓިންގ] ތަޢާރުފު ކުރައްވައި، މިބާވަތުގެ ގަސްކާނާ އަމިއްލައަށް ތައްޔާރުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިއަހަރު މާލޭގައި ބޭއްވި [ހީވާގި ކަނބަލުންގެ މަޢުރަޒު] ގައި ޒަޢީމާ ތައްޔާރުކުރައްވާފައިވާ ދެބާވަތެއްގެ ގަސްކާނާ ބައިވެރިކުރައްވާފައިވެއެވެ. އަތޮޅުގައި އަތްތެރި މަސައްކަތް ދިރުވައި އާލާކުރުމުގެ ގޮތުން ޒަޢީމާ އިސްވެ ހުންނަވައިގެން، އަތޮޅުގެ 53 ފަރާތަކަށް އެކި ބާވަތުގެ އަތްތެރި މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ.
ފާޠިމަތު ޒަޢީމާ ވަނީ، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުމުގެ ނައިބު ރައީސާކަން 8 އަހަރު ދުވަހު ކުރައްވައިފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެމަރުކަޒުގެ ކުރިއެރުމަށާއި ތަރައްޤީއަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް ހިލޭސާބަހަށް ކޮށްދެއްވައިފައިވެއެވެ. އެކި ފަރާތްތަކުން އެހީ ހޯއްދަވައިގެން އެ މަރުކަޒުގައި 16662 އަކަފޫޓުގެ [ވޯކް ވޭ] އެއް ހައްދަވައިދެއްވުމުގެ އިތުރުން، އެ މަރުކަޒުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރެއްވުމާއި، މަރުކަޒުގެ ދަރިވަރުންގެ އަޚްލާގީ ފެންވަރު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި، އެމަރުކަޒުގެ ހުރިހާ ދަރިވަރުންނަށް ކޮމްޕިއުޓަރ ޢިލްމު އުނގަންނައިދެއްވުމަށް މަސައްކަތްކުރައްވައިފައިވެއެވެ. އަދި ކޮމްޕިއުޓަރ ލެބަށް ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށްޓަކައި ފައިސާ ހޯއްދަވައިދެއްވުމާއި، އެ މަރުކަޒުގެ މަތީ ސާނަވީއަށް ކިޔަވައިދޭ ކްލާސްތަކަށް ދަރިވަރުން ހޯއްދެވުމަށް މަސައްކަތްކުރެއްވުމާއި، އެ މަރުކަޒުގެ ކްލާސްތައް ޑިޖިޓަލައިޒް ކުރެއްވުމަށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށްވެސް މަސައްކަތް ކުރައްވައިފައިވެއެވެ. މީގެއިތުރުން، [ވިމެންސް އެންހޭންސްމަންޓް]ގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަގާމުގައި ހުންނަވައިގެން އެޖަމްޢިއްޔާއަށް ކޮށްދެއްވާފައިވާ މަސައްކަތްތަކާއި ހޯއްދަވައިދެއްވާފައިވާ ކާމިޔާބީތައް ފާހަގަކޮށްލަންޖެހެއެވެ.
ފާޠިމަތު ޒަޢީމާއަކީ، ވޮލީ ރެފްރީއެއްގެ އިތުރުން، އަތޮޅުގައި ބާއްވާ ބަށި މުބާރާތްތަކުގައި އޮފިޝަލްކަންވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ، ޕާކިސްތާނުގެ އިސްލާމާބާދުގައި މިއަހަރު ބޭއްވި [ސައުތު އޭޝިޔަން ވިމެންސް ކޮމިއުނިޓީ ލީޑަރސް] "ކޮންފަރެންސްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ފާޠިމަތު ޒަޢީމާއަށް މިހާތަނަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރެއިން 2008 ވަނަ އަހަރު ޒުވާނުންގެ ޤައުމީ އިނާމާއި، 2010 ވަނަ އަހަރު ޖޭ.ސީ.އައި މޯލްޑިވްސް އިން ދެއްވި [ޓެން އައުޓްސްޓޭންޑިންގ ޔަންގ ޕަރސަން] އެވޯޑާއި، 2016 ވަނަ އަހަރު ލިބިވަޑައިގެންނެވި [ރެހެންދި އެވޯޑް] ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ހައްދުންމައްޗަށް ރީތިނަމާއި ޝަރަފު ހޯއްދަވައިދެއްވާފައިވާ ފަރާތްތަކަށް ދެއްވާ [އިހައްދުންމަތީ ޝަރަފުވެރިކަމުގެ އެވޯޑް] މިއަހަރު ލިބިވަޑައިގެންފައިވެއެވެ. ފާޠިމަތު ޒަޢީމާއަކީ މިހާރުވެސް ލ. ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއެވެ. ލ. ފޮނަދޫ ވިމެންސް އެންހޭންސްމަންޓްގެ ޖެނެރަލް ސެކްރެޓަރީއެވެ. އަދި ލާމު ފާމަރސް ޑިވެލޮޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރޕަރސަންއެވެ. އަދި ވިމެން އޮން ބޯޑްގެ ލާމު އަތޮޅު އައުޓްރީޗް އެޖެންޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.