މުޙައްމަދު ރަޝީދު
މ. ފަންތި

ހިންގުމުގެ ދާއިރާއިން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅަކީ، މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ ވަރަށްގިނަ ދުވަސްތަކެއް ވެފައިވާ ބޭފުޅެކެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމުގައި މިއަދު ހުންނެވި މުޙައްމަދު ރަޝީދަށް ހިންގުމުގެ ދާއިރާއިން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމެއް އެރުވުމަށް، ޤައުމީ އިނާމާބެހޭ ކޮމިޓީއިން ނިންމެވީ، އެ ސްކޫލް ހިންގެވުމުގަޔާއި އަދި އެ ސްކޫލް ހޯދާފައިވާ އަދި ހޯދަމުންދާ ކާމިޔާބީތަކުގެ މައްޗަށް ރިޢާޔަތް ކުރެއްވުމަށްފަހު، އޭނާއަކީ، މި ދާއިރާއިން އެފަދަ އިނާމެއް އެރުވުމަށް ޙައްޤު ބޭފުޅެއް ކަމުގައި ކޮމިޓީއަށް ގަބޫލު ކުރެއްވޭތީއެވެ.

މަދްރަސަތުލް އަޙްމަދިއްޔާގައި ޚިދުމަތް ފެށްޓެވީ ޓީޗަރެއްގެ ގޮތުގައެވެ. އަދި ފަހުން އެ މަދްރަސާގެ އިދާރީ ކަންކަން ހިންގެވުމުގައިވެސް މުޙައްމަދު ރަޝީދު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 1995 ވަނަ އަހަރު އެ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަޤާމަށް އޭނާ ހަމަޖެއްސެވިއެވެ. އަދި އޭނާގެ ޤާބިލުކަން މައްޗަންގޮޅީ ރައްޔިތުން ބަލައިގަނެ، އަދި ސްކޫލްގެ މެނޭޖްމަންޓަށާއި ބެލެނިވެރިންނަށް ފާހަގަކުރެވި، އެ މަދްރަސާގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަޤާމަށް ހަމަޖެއްސެވިއެވެ. އަދި 2006 ވަނަ އަހަރުގެ ފަހުކޮޅު މަދްރަސާ ހިންގުމުގެ ހުރިހާ ޒިންމާތަކެއް މުޙައްމަދު ރަޝީދާ ހަވާލުކުރެއްވިއެވެ. މަދްރަސާގެ ޕްރިންސިޕަލްގެ މަޤާމަށް އޭނާ ހަމަޖެއްސެވީ 2009 ވަނަ އަހަރުއެވެ.

2015 ވަނަ އަހަރު މަދްރަސަތުލް އަޙްމަދިއްޔާ ރީ-ބްރޭންޑް ކުރެވި، އިންޓަރނޭޝަނަލް ސްކޫލަކަށް ބަދަލުވެގެންދިޔައިރު، އެ ސްކޫލް ވަނީ ކިޔަވައިދިނުމުގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީގެ ޤާބިލުކަން ހޯދައި، މުދައްރިސުންނާއި، ކިޔަވައި ދިނުމަށް ބޭނުންވާނޭ އެހެނިހެން ވަސީލަތްތައް ލިބިފައިވާ ޤާބިލު މުއައްސަސާއަކަށް ބަދަލުވެފައެވެ. މި ބަދަލުތަކާއެކު، ރާއްޖޭގެ ފެންވަރުގައި އެންމެމަތީ ނަތީޖާ ހާސިލުކުރާ ސްކޫލަކަށް މިއަދު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްވެ، އެކަންވަނީ ޤައުމީ ފެންވަރުގައި ބަލައިގަނެވިފައެވެ.

މުޙައްމަދު ރަޝީދަކީ، ތަޢުލީމީ ވުޒާރާގެ ދަށުން ހިނގަމުންދިޔަ އެކި މުއައްސަސާތަކުގައިވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، 1990 އިން ފެށިގެން ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގައިވެސް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ.

2000 ވަނަ އަހަރުން ފެށިގެން އޭނާ ޚިދުމަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިވެސް މުޙައްމަދު ރަޝީދު ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަކީވެސް ވަރަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މަޖިލީހުގެ އިދާރާގައި ކުރައްވަމުން ގެންދެވި މަސައްކަތުން އޭނާ ހޯއްދެވި ކުރިއެރުންތަކަކީވެސް ފާހަގަކޮށްލެވޭފަދަ ކުރިއެރުންތަކެކެވެ. ޕްރޮސީޑިންގސް އޮފިސަރެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވަން ފެށްޓެވި މުޙައްމަދު ރަޝީދު މިއަދު ހުންނެވީ އެ މުއައްސަސާގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމުގައެވެ.

މުޙައްމަދު ރަޝީދަކީ ހިންގުމުގެ ދާއިރާއިންނާއި، ޕާލަމެންޓަރީ ސަރވިސްގެ ދާއިރާއިން ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިދިޔަ އަހަރު އޭނާވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ އެންގްލިއާ ރަސްކިން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވައިފައެވެ.

މުޙައްމަދު ރަޝީދަކީ ހިންގުމުގެ ދާއިރާއިން ނަމޫނާ ބޭފުޅެކެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މި ދެންނެވި ބަހުގެ ސާފު ދަލީލެކެވެ.