މުސްތާޤުގެ ހިތްޕުޅުގައި ކިޔަވައި- ދެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، އޭނާގެ އުފަން ރަށް ގދ. ތިނަދޫގައި ގްރޭޑް 6 ގައި ތަޢުލީމް ޙާޞިލު ކުރައްވަމުން ގެންދެވި ދުވަސްވަރުގައެވެ. އޭރު ކިޔަވައި ވިދާޅުވަމުން، ކުދިންނަށް އުނގަންނައިދެއްވުމުގެ މަސައްކަތް ފެށްޓެވީ، މުސްތާޤުގެ ލޮބުވެތި ބައްޕަ މި ދުނިޔެ ދޫކުރެއްވުމާ ގުޅިގެން، ދިރިއުޅުމުގައި މުސްތާޤަށް ދިމާވި މާލީ ދަތިކަން ޙައްލުކުރެއްވުމުގެ މަޤްޞަދުގައެވެ. ފަހުން މާލެއަށް ބަދަލުވެވަޑައިގެން އީ.ޕީ.އެސް ސްކޫލުން ތަޢުލީމް ޙާޞިލުކުރެއްވިއެވެ. މުސްތާޤަކީ، އިނގިރޭސިވިލާތުގެ ކާރޑިފް މެޓްރޮޕޮލިޓަން ޔުނިވަރސިޓީން އެމް.ބީ.އޭ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ޓިއުޝަން ސެންޓަރެއް މުސްތާޤު ފުރަތަމަ ހެއްދެވީ ވިލިމާލޭގައެވެ. [ވިލި ޓިއުޝަން ސެންޓަރު] ގެ ނަމުގައެވެ. އޭގެފަހުން ފޯކަސް އެޑިޔުކޭޝަން ސެންޓަރުގައި މަސައްކަތް ކުރެއްވިއެވެ. މިދާއިރާއިން އިތުރަށް ކުރިއަށް ވަޑައިގެން އަމިއްލަފުޅަށް މިމަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އުފެދި މަތީތަޢުލީމުގެ ދާއިރާއަށް އުނގަންނައި ދިނުމުގެ ގޮތުން ކިޔަވައިދޭން ފެށްޓެވިއެވެ. އެގޮތުން ޝީ ބިލްޑިންގ ގެ ކުލާސްތަކެއް ކުއްޔަށް ހިއްޕަވައިގެން ޕްރޮގްރާމްތައް ހިންގަވަން ފެށްޓެވިއެވެ. އަދި މާފަންނު މަދަރުސާގައި ކުލާސްތަކެއް ކުއްޔަށް ހިއްޕަވައިގެން، އެތަނުގައި ކުލާސްތައްވެސް ކުރިއަށް ގެންދެވިއެވެ. އޭގެފަހުން ޓިއުޝަން ސެންޓަރުން ފެށިގެން [އެވިޑް ޓްރޭނިންގ ސެންޓަރ] އަކަށް ފުޅާވެގެން ދިޔައެވެ.
މުސްތާޤުގެ މުޅިން އަމިއްލަފުޅު އިސްނެންގެވުމުގެ މަތިން 2004 ވަނަ އަހަރު [އެވިޑް] ގެ ނަމުގައި ޖަމާޢަތަށް ފައިދާކުރަނިވި ޕްރޮގްރާމްތަކެއް މޮބައިލްކޮށް ހިންގަވަން ފެށްޓެވިއެވެ. މިއީ މުޅިން ހިލޭސާބަހަށް ފެށްޓެވި ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތައް އިތުރަށް ފުޅާކުރެވި، 2005 ވަނަ އަހަރުން ފެށިގެން [އެވިޑް މޯބައިލް ޓްރޭނިންގ ސެންޓަރ] ގެ ނަމުގައި ސެންޓަރެއް ރަޖިސްޓަރީ ކުރައްވައި، މީހުން ބިނާކުރެއްވުމުގެ އިތުރު ކޯސްތައް ހިންގަވަން ފެށްޓެވިއެވެ. އަދި ހަމަ އެ އަހަރު [އެވިޑް ޓްރޭނިންގ ސެންޓަރ] އުފައްދަވައި، މާލެއާއި އަތޮޅުތަކުގައި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގަވަން ފެށްޓެވިއެވެ. މިކޯސްތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ކޯސްތަކެކެވެ.
މުޖުތަމަޢުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، ހަރުދަނާ ބަޔަކަށް ހެދުމުގެ ގޮތުން ހިންގަވާ ޕްރޮގްރާމްތަކުގެ އިތުރުން، މާލެއާއި އަތޮޅުތަކުގައި ބެލެނިވެރިންނަށް އަމާޒު ކުރައްވައިގެން ޚާއްޞަ ޕޭރަންޓިންގ ޕްރޮގްރާމްތަކެއްވެސް މުސްތާޤު ފެށްޓެވިއެވެ. އެވިޑް ޓްރޭނިންގ ސެންޓަރުން ގިނަ ދަރިވަރުންތަކެއް ތަފާތު ކޯސްތައް ފުރިހަމަކުރަމުން ދިޔައިރު، މުއައްސަސާގެ ފެންވަރު ރަނގަޅު ކުރައްވައި، ޚިދުމަތުގެ ފެންވަރު މަތިކުރެއްވުމަށް ކުރައްވަމުން ގެންދެވި ބުރަ މަސައްކަތުގެ ނަތީޖާއަކީ. 26 އޯގަސްޓް 2013 ގައި [އެވިޑް ޓްރޭނިންގ ސެންޓަރ] އިން [އެވިޑް ކޮލެޖް]އަށް ބަދަލުވެ، އިތުރު ދެ ކެމްޕަސް ހުޅުވިގެން ދިޔުމެވެ.
[އެވިޑް ކޮލެޖް] ގެ މަސައްކަތްތައް ފެށިގެން ވަރަށް ކާމިޔާބުކަމާއެކު ހިނގަމުން ދަނިކޮށް މުސްތާޤަށް ކުއްލިއަކަށް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެ، ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހުނެވެ. ޑޮކްޓަރު ކުރެއްވި ޓެސްޓްތަކަށްފަހު ދެ ކިޑްނީވެސް ފެއިލްވިކަން އެނގިވަޑައިގެންނެވި ހިސާބުން ފެށިގެން މި ކަމަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން އޭނާ އަމިއްލަފުޅަށް ކުރެއްވި ބުރަ މަސައްކަތާއެކު ހެޔޮއެދޭ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއެކު، މާތްﷲގެ ހެޔޮ ރަޙުމަތްޕުޅާއި އެކަލާނގެ ވާގިފުޅާއެކު، ކިޑްނީ ބަދަލުކޮށް، ހެޔޮ ހާލުކޮޅުގައި އަލުން މި ދާއިރާއަށް ނުކުމެވަޑައިގެންނެވުނީ އުނދަގޫ ދުވަސްތަކެއް ތަޙައްމަލު ކުރެއްވުމަށްފަހުގައެވެ. އެގޮތުން މިމަސައްކަތް އަލުން ކުރިޔަށް ގެންދެވުމުގެ ގޮތުން އަމިއްލައަށް ނީލަން ފިހާރައަށް ވަޑައިގެން، ގޮނޑިއާއި މޭޒު އެތަނުން ނަންގަވައިގެން މަރާމާތު ކުރައްވައިގެން ފެށްޓެވި ޓިއުޝަން ކުލާހުގެ މަސައްކަތް މިއަދު މިވަނީ ވަރަށްބޮޑަށް ފުޅާވެ، ކޮލެޖް ފެންވަރަށް ގެންދަވާފައެވެ.
މުސްތާޤަކީ މިއަދު [އެވިޑް ކޮލެޖް] ގެ ޗެއަރމަނެވެ. މިއަދު އެވިޑް ކޮލެޖަކީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކޮލެޖްތަކާއެއް ފެންވަރެއްގައި ހިނގަމުންދާ އަދި ވަރަށްގިނަ އަދަދެއްގެ ދަރިވަރުން ތަޢުލީމް ޙާޞިލުކުރަމުންދާ ކޮލެޖެކެވެ. މިދިޔަ 2016 ވަނަ އަހަރު 570 ދަރިވަރުން ކޮލެޖުން ގްރެޖުއޭޓްވެފައިވެއެވެ. އަދި މި އަހަރު 600 ދަރިވަރުން ގުރެޖުއޭޓްވިއެވެ.
މުސްތާޤަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، އެއްވެސް ލޯނެއް ނުނަންގަވައި، އަދި ދަރަނިވެރިނުވެ، އަމިއްލަ އިންވެސްޓްމަންޓެއްގެ ގޮތުގައި އަދި އެހެން މީހެއްގެ ހިއްސާއެއްނެތި، މި ރޮނގުގައި ކާމިޔާބުކަމާއެކު، މިހާ ހިސާބަށް ވަޑައިގެންނެވުމެވެ.