އަޙްމަދު ޟަމީރު
ޅ. ކުރެންދޫ ގަހާދަށުގެ

އަޙްމަދު ޟަމީރަކީ، ވަރަށް ކުޑައިރުއްސުރެ ރާއްޖޭގެ ތާރީޚާއި ތަރިކައަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް ދެއްވަމުން ގެންދެވި ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލްގައި ތަޢުލީމު ހާސިލު ކުރެއްވިއިރު އާޓް ސްޓްރީމް ޚިޔާރު ކުރެއްވީވެސް ތާރީޚާއި ތަރިކައަށް ދެއްވާ ޚާއްޞަ ލޯތްބެއްގެ ސަބަބުންނެވެ. މިގޮތުން ކަމާގުޅޭ އެކިއެކި ތަމްރީނުތައް ހައްދަވައި، އިތުރަށް ދާއިރާގެ ތަޢުލީމު ހަރުދަނާ ކުރުމަށްޓަކައި، މޯލްޑިވްސް ޕޮލި ޓެކްނިކުން ހިންގެވި، ޑިޕްލޮމާ އިން އާކިޓެކްޗަރ ކޯހުގައި ބައިވެރިވެވަޑައިގެން، އެ ކޯސް ފުރިހަމަކުރެއްވިއެވެ.

އަޙްމަދު ޟަމީރުގެ ޚިދުމަތް ފެށްޓެވީ 2001 ވަނަ އަހަރު، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރިސަރޗް އޮފިސަރ (ޓްރޭނީ)ގެ ވަޒީފާ ލިބިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. އެ ހިސާބުން ފެށިގެން ތާރީޚާއި ތަރިކައަށް އޭނާގެ ހިތްޕުޅުގައި އޮތް ލޯބި އިހަށްވުރެ އިތުރުވެގެންދިޔައެވެ. އެ މަރްކަޒުގެ ތާރީޚާބެހޭ ސެކްޝަންގައި އޭނާ ކުރައްވަމުން ގެންދެވީ އާޘާރުތަކާބެހޭ ތާރީޚީ މަޢޫލާމާތާ ގުޅޭ މަސައްކަތްތަކެވެ.

ރާއްޖޭގެ ތާރީޚީ ތަރިކައިގެ އާބާތުރަ ފިލުވުމުގެ މަސައްކަތެއްގެ ގޮތުގައި އެންމެ ފުރަތަމަ 2002 ވަނަ އަހަރު ކުރެއްވީ، ސީދީ މިސްކިތުގެ ޤިބްލަ ހިލައިގެ އާބާތުރަ ފިލުވުމުގެ މަސައްކަތެވެ. އޭގެފަހުން އާބާތުރަ ފިލުވުމުގެ މަސައްކަތްކުރާ އިންޑިއާގެ ލަކްނޫގެ ތަޖުރިބާކާރު ޓީމަކުން 2004 ވަނަ އަހަރު ކުރިއަށް ގެންދިޔަ ދަރުމަވަންތަ ރަސްގެފާނު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަޝްރޫޢަކީ، ޤައުމީ ތަރިކައިގެ ދާއިރާއަށް ޟަމީރުގެ ލޯ ހުޅުވިގެންދިޔަ ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތެކެވެ.

ޟަމީރު އިސްކޮށް ހުންނަވައިގެން، އާބާތުރަފިލުވުމަށް ކުރެވުނު ފުރަތަމަ މަސައްކަތަކީ، 2008 ވަނަ އަހަރު ކުރެވުނު ކަޅުވަކަރު މިސްކިތުގެ އާބާތުރަފިލުވުމުގެ މަސައްކަތެވެ. އޭގެފަހުން 2009 ވަނަ އަހަރު އދ. އަތޮޅުގެ ހަންޏާމީދޫ ކަލާފާނު ޒިޔާރަތުގެ އާބާތުރަ ފިލުވުމާއި، 2011 ވަނަ އަހަރު މާލޭ ހުކުރު މިސްކިތު ގަބުރުސްތާނު ގާތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުވުމުގައިވެސް އިސްކޮށް ހުންނެވީ ޟަމީރެވެ. އެ އަހަރުގެ ފަހުން ރާއްޖޭގެ ތަރިކަތަކުގެ ހާލަތު ބަލައި، އާބާތުރަ ފިލުވުމާއި، މަޝްރޫޢުތައް ހިންގެވުން އެއީ، ޟަމީރުގެ ޒިންމާއެއް ކަމުގައި ހަމަޖެހިގެންދިޔައެވެ. 2011 ވަނަ އަހަރު [ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް] މި ނަމުގައި ފެށި މަޝްރޫޢުގައި ލިސްޓް ކުރެވިފައިވާ މިސްކިތްތަކާބެހޭ މަޢުލޫމާތު އެއްކުރުމާއި، ޙާލަތު ދެނެގަތުމުގެ މަސައްކަތް ވަނީ ކުރައްވާފައެވެ.

ރާއްޖެއިން ބޭރުގައި ބޭއްވުނު ތަރިކަ ޙިމާޔަތް ކުރުމުގެ ތަފާތު ޕްރޮގްރާމްތަކުގައާއި، ވާރކްޝޮޕްތަކުގައި ޟަމީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި، 2006 ވަނަ އަހަރު ޖަޕާނުގައި ބޭއްވި އޭޝިއާ ސަރަޙައްދުގެ ތަރިކަ ޙިމާޔަތް ކުރުމުގެ ޕްރޮގްރާމާއި، 2013 ވަނަ އަހަރު އިޓަލީގެ ރޯމްގައި ބޭއްވި ސްޓޯން ކޮންޒަރވޭޝަން ކޯހުގަޔާއި، 2013 ވަނަ އަހަރު ކެމްބޯޑިއާގައި ބޭއްވި ޔުނެސްކޯގެ މެމޮރީ އޮފް ދަ ވާރލްޑް އޭޝިއާ ޕެސިފިކް ރީޖަންގެ ވާރކްޝޮޕް ހިމެނެއެވެ. މި ވާރކްޝޮޕަށް ޟަމީރު ހުށަހެޅުއްވީ ދިވެހިރާއްޖޭގެ 4 ލޯމާފާނެކެވެ. މި 4 ލޯމާފާނުވެސް މިހާރުވަނީ މެމޮރީ އޮފް ދަ ވާރލްޑް އޭޝިއާ ޕެސިފިކްގެ ލިސްޓަށް އަރާފައެވެ. 2011 ވަނަ އަހަރު މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ބޭއްވި " ކޮންޒަވޭޝަން އޮފް ހެރިޓޭޖް ބިލްޑިންގްސް އެންޑް ސައިޓްސް" ޓްރޭނިންގ ވަރކްޝޮޕްގައިވެސް ޟަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޟަމީރަކީ މި ރޮނގުން މީހުން ތަމްރީނު ކުރައްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. އަތޮޅުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބޭއްވެވި [ތަރިކައަށް ހޭލާ] ވާރކްޝޮޕްގައި، ތަރިކަ ރައްކާތެރިކޮށް އާބާތުރަފިލުވުމާބެހޭ ސެޝަން، ޟަމީރު ނަންގަވައިދެއްވާފައިވެއެވެ. ސްކައުޓް ކުދިންނަށް، ތަރިކައާބެހޭ މަޢުލޫމާތު ދިނުމަށް ހިންގެވި ވާރކްޝޮޕްތަކުގައިވެސް އާބާތުރަ ފިލުވުމާބެހޭ ސެޝަން ނަންގަވައިދެއްވާފައި ވެއެވެ. މީގެއިތުރުން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ފަރާތުން ހިންގަވާ މަޝްރޫޢުތަކުގައި، ޢާންމުންނަށާއި ޚާއްޞަކޮށް، ސްކޫލް ކުދިންނަށް އޮންސައިޓް މަޢުލޫމާތާއި ތަމްރީނު ދެއްވާފައިވެއެވެ. މިގޮތުން، އެންމެ ފާހަގަކޮށްލެވެނީ، ހުކުރު މިސްކިތުގެ ބައެއް އާބާތުރަފިލުވުންތައް ކުރިއަށް ގެންދިޔައިރު ސްކައުޓް ކުދިން ޢަމަލީގޮތުން ބައިވެރިކުރުވުމާއި، އިހަވަންދޫގައި ކުރެވުނު މަސައްކަތްތަކުގަޔާއި، ކުޑަހުވަދޫގައި ކުރެވުނު މަސައްކަތްތަކުގައި ކުދިން ބައިވެރިކުރެއްވި ކުރެވުމެވެ. ތަރިކަ ރައްކާތެރި ކުރުމުގެ މަސައްކަތްތަކުގައި ޟަމީރު ގެންދަވަނީ ފަންނީ ލަފާވެސް ދެއްވަމުންނެވެ.

އަޙްމަދު ޟަމީރުގެ އުއްމީދަކީ، މި ދާއިރާއިން އިތުރަށް ކުރިއަށް ވަޑައިގެން، ރާއްޖޭގެ ޤައުމީ ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއިން ކުރެވެންހުރި މަސައްކަތްތަކެއް ޤައުމަށް ކޮށްދެއްވުމެވެ.