ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާން އުނގަންނައިދިނުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ، އަލްޤާރިއާ ފާޠިމަތު ރަޝީދާއަކީ މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 24 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ބޭފުޅެކެވެ. ކީރިތި ޤުރްއާނަށް އޭނާގެ ހިތްޕުޅުގައި ޝައުޤުވެރިކަން އުފެދުނީ އުމުރުން އެންމެ 9 އަހަރުގައެވެ. އެންމެ ފުރަތަމަ ޤުރްއާން ކިޔަވަން ދަސްކޮށްދެއްވީ މާމައެވެ. މާމައަކީވެސް ކުދިންނަށް ޤުރްއާން އުނގަންނައިދެއްވި ބޭކަނބަލެކެވެ.
ފާޠިމަތު ރަޝީދާ ފުރަތަމަ ތަޢުލީމު ހާސިލު ކުރެއްވީ، އުފަން ރަށް ހއ. ދިއްދޫ، މަދްރަސަތުލް ޣާޒީ މުޙައްމަދުގައެވެ. އޭރު ރާއްޖޭގެ ޙާލަތު އޮތްގޮތުން ރަށުގައި ތަޢުލީމު ލިބެން ހުރި މިންވަރަށް ތަޢުލީމު ހާސިލު ކުރައްވައިގެން މާލެއަށް ބަދަލުވެވަޑައިގަތީއެވެ. އަދި އޭރު ސަރުކާރުން ހިންގަވަމުން ގެންދެވި ޤާރީ ކޯހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޕާކިސްތާނުގެ ޤާރީ މުޙައްމަދު ޔޫނުސްއަކީ ފާޠިމަތު ރަޝީދާގެ ފުރަތަމަ އުސްތާޛެވެ. ރީތި ރާގަށް ޤުރްއާން ކިޔަވަން ދަސްކޮށްދޭ ކްލާހުގައި ބައިވެރިވެވަޑައިގެން، އެ ރޮނގުގައި ކުރިއަށް ވަޑައިގަތުމަށް އެދުވަހުން ފެށިގެން އޭނާ ޢަޒުމް ކަނޑައެޅުއްވިއެވެ.
ފާޠިމަތު ރަޝީދާ އެންމެ ފުރަތަމަ ބައިވެރިވެވަޑައިގެންނެވި ޤުރްއާން މުބާރާތަކީ، ހިޖުރީ ފަނަރަވަނަ ޤަރުނު ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ބޭއްވި މުބާރާތެވެ. އޭނާއަކީ، އެ މުބާރާތުން ގަދަ ދިހައެއްގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހަމައެކަނި އަންހެން ބައިވެރިޔާއެވެ. މީގެއިތުރުން، ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން މުލީއާގޭގައި ބާއްވަވަމުން ގެންދެވި އިޙްޔާ ޕްރޮގުރާމުގެ ޖަލްސާގައިވެސް ޤުރްއާން ކިޔަވައި ވިދާޅުވުމުގެ ފުރުޞަތު ލިބިވަޑައިގެންފައިވެއެވެ. އަދި ހަމައެހެންމެ، އެކިއެކި ޖަލްސާތަކުގައިވެސް ޤުރްއާން ކިޔަވާ ވިދާޅުވުމުގެ ފުރުޞަތުވެސް އޭނާއަށްވަނީ ލިބިވަޑައިގެންފައެވެ.
ރާއްޖޭގައި ބޭއްވި ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި ފާޠިމަތު ރަޝީދާ ބައިވެރިވެވަޑައިގެން، ބައިވެރިވެވަޑައިގެންނެވި ހުރިހާ މުބާރާތްތަކުންވެސް ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯއްދަވާފައިވެއެވެ. އަދި ޖަމުޢިއްޔަތުލް ފަލާޙުން ބޭއްވެވި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ފަހަރަކުވެސް ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހާސިލު ކުރައްވާފައިވެއެވެ. ޓީ.ވީ މޯލްޑިވްސްއިން ސްކޫލްތަކަށް ހުޅުވައިލި ކީރިތި ޤުރްއާން ކިޔެވުމުގެ ފުރަތަމަ މުބާރާތުންވެސް 1 ވަނަ ހޯއްދަވާފައިވެއެވެ. މީގެއިތުރުން، ކީރިތި ޤުރްއާން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރްޞަތު ދެފަހަރު ފާޠިމަތު ރަޝީދާއަށް ލިބިވަޑައިގެންފައިވެއެވެ.
ފާޠިމަތު ރަޝީދާ، މެދު މަދްރަސީ ތަޢުލީމާއި ޘާނަވީ ތަޢުލީމު ހާސިލު ކުރެއްވީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާއިންނެވެ. ސްކޫލް ދައުރުގައިވެސް ރީތި ރާގަށް ޤުރްއާން ކިޔަވައި ވިދާޅުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ޤުރްއާން މުދައްރިސް ކަމުގެ ޑިޕްލޮމާ ކޯސް 1994 ވަނަ އަހަރު ފުރިހަމަކުރެއްވިއެވެ. އަދި ޤުރްއާން މުދައްރިސް ކަމުގެ އޮނަރސް ޑިގްރީ 2012 ވަނަ އަހަރު ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ފުރިހަމަކުރެއްވިއެވެ. ފާޠިމަތު ރަޝީދާއަކީ މިހާރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ޤިރާޢަތުގެ ދާއިރާއިން މާސްޓަރޒް ފުރިހަމަކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ފާޠިމަތު ރަޝީދާ އަޅުގަނޑުމެންގެ ތެރެއަށް އެންމެ ބޮޑަށް މަޝްހޫރުވެގެންދިޔައީ، ޕީ.އެސް.އެމް. އިން އިންތިޒާމު ކުރައްވައިގެން ބޭއްވި އެންމެ އަލިގަދަ ތަރީގެ މުބާރާތުންނެވެ. އެ މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލުންނެވެ.
ފާޠިމަތު ރަޝީދާ، ސަރުކާރުގެ ޚިދުމަތް ފަށްޓަވާފައިވަނީ 29 މާޗް 1993 ގައެވެ. އެހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް މެދުނުކެނޑި އޭނާ ގެންދަވަނީ މި ދާއިރާގައި ޚިދުމަތް ކުރައްވަމުންނެވެ. ފުރަތަމަ އަދާކުރެއްވީ ކަލާފާނު ސްކޫލްގެ އެސިސްޓެންޓް ޓީޗަރެއްގެ ވަޒީފާއެވެ. އޭގެފަހުން އެ ސްކޫލްގެ މުދައްރިސްކަމާއި، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ސެކަންޑްރީ ޓީޗަރުކަން ކުރައްވާފައިވެއެވެ. އަދި މިހާރު އޭނާއަކީ އިސްލާމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އެސޯސިއޭޓް ލެކްޗަރަރގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާއަކީ ކީރިތި ޤުރްއާން އުނގަންނައިދެއްވުމުގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ފާޠިމަތު ރަޝީދާގެ އަރިހުން ދަރިވަރުވެފައިވާ ދަރިވަރުން މިއަދު ތިބިކަން އެއީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެކެވެ.