ޑޮކްޓަރ މުޙައްމަދު އަޙްމަދު
ހ. މިލާފަރު

ޑޮކްޓަރ މުޙައްމަދު އަޙްމަދަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއިން ބޭރުން ކިޔަވައި ވިދާޅުވެގެން ރާއްޖޭގައި ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވި ދިވެހި ޑޮކްޓަރުންގެ އެންމެ ކުރީ ސަފުގައި ޑޮކްޓަރ މުޙައްމަދު އަޙްމަދު ހިމެނިވަޑައިގަންނަވައެވެ.

ރަޝިޔާއިން މެޑިސިން ކިޔަވައި ވިދާޅުވެ، 1970 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު، އޭރުގެ [ގަވަރންމަންޓް ހޮސްޕިޓަލް]ގެ ޑޮކްޓަރެއްގެ ވަޒީފާގައި ޚިދުމަތް ފެށްޓެވި ޑޮކްޓަރ މުޙައްމަދު އަޙްމަދަށް އޭރު ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް ވަރަށްގިނައެވެ. އޭރު ހޮސްޕިޓަލުގައި ޚިދުމަތް ކުރައްވަމުން ގެންދެވީ، ވަރަށްމަދު އަދަދެއްގެ ޑޮކްޓަރުން ކަމަށްވެފައި، އަދި އެއީ ވަކި ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުން ނެތް ދުވަސްވަރަކަށްވީއިރު، ޚިދުމަތް ކުރެއްވުމުގައި އޭރު ކުރިމަތިވެވަޑައިގެންނެވި ދަތިތައް ޙައްލު ކުރެއްވުމުގައި ސާބިތުކަމާއެކު ދެމިހުންނެވި އިޚްލާޞްތެރި ޑޮކްޓަރެއްގެ ގޮތުގައި މުޙައްމަދު އަޙްމަދު ފާހަގަކުރެވިފައިވެއެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ދިގު މުއްދަތެއްގައި ޞިއްޙީ ޚިދުމަތް ކުރެއްވި މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި މުޙައްމަދު އަޙްމަދު، ތާރީޚުގައި ލިޔެވިގެންދާއިރު، 47 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޞިއްޙީ ދާއިރާއަށް އޭނާވަނީ ޚިދުމަތް ކުރައްވާފައެވެ.

ޑޮކްޓަރ މުޙައްމަދު އަޙްމަދަކީ، ރާއްޖެއިން ޓީ.ބީއާއި، ލެޕްރަސީއާއި ފައިލޭރިއާފަދަ ބަލިތައް ނައްތައިލުމުގެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ސަރވޭ ދަތުރުތަކުގައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް ވަޑައިގެން، ބަލިމީހުން ބައްލަވައި، ފަރުވާ ދެއްވައި، ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްވެސް ކުރައްވާފައިވެއެވެ. ޓީ.ބީ، ލެޕްރެސީ އަދި ފައިލޭރިއާ ކްލިނިކްގައި ޖުމްލަ 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއެވެ. މީގެއިތުރުން، މެންޓަލް ހެލްތުގެ ދާއިރާގައިވެސް މުޙައްމަދު އަޙްމަދު ކުރެއްވި ޚިދުމަތްތައް ހަނދާންކޮށްލަންޖެހެއެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ، މެންޓަލް ހެލްތް ކޮންސަލްޓަންޓްގެ އެހީތެރިއެއްގެ ގޮތުގައެވެ. މި ބަލީގެ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ލީފްލެޓްވެސް ތައްޔާރުކުރައްވައިގެން އެ މަސައްކަތްވެސް އޭނާވަނީ ކުރައްވާފައެވެ. ޑޮކްޓަރ މުޙައްމަދު އަޙްމަދު ފަހަކަށްއައިސް ފާހަގަކުރެވިފައިވަނީ ހަމުގެ ބަލިތަކަށް ފަރުވާދެއްވާ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައެވެ.

މިހާރު ޞިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު، ކުރީގައި ވަސީލަތްތައް ނެތް ޒަމާނުގައިވެސް ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ޑޮކްޓަރ މުޙައްމަދު އަޙްމަދު ކޮށްދެއްވައިފައިވާ ޚިދުމަތްތައް ފާހަގަކޮށްލަންޖެހެއެވެ.

ޑޮކްޓަރ މުޙައްމަދު އަޙްމަދު ވަނީ 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. ފުރުއްވި މަގާމުތަކުގެ ތެރޭގައި، ގަވަރންމަންޓް ހޮސްޕިޓަލްގެ ސީނިއަރ ހައުސް އޮފިސަރ އިން މެޑިސިން އެންޑް ޑަރމެޓަލޮޖީގެ މަޤާމާއި، ސެންޓްރަލް ހޮސްޕިޓަލްގެ ސީނިއަރ ރަޖިސްޓްރަރ އިން މެޑިސިން އެންޑް ޑަރމެޓަލޮޖީގެ މަޤާމު ހިމެނެއެވެ. އަދި ސެންޓްރަލް ހޮސްޕިޓަލް އިދާރީގޮތުން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް ވަނީ އުފުއްލަވާފައެވެ.

ސެންޓްރަލް ހޮސްޕިޓަލްގެ އިންތިޒާމުތައް އޭރު ހަމަޖެހިފައިވާ ގޮތުން، ޑޮކްޓަރުން ކޮންމެ ދުވަހަކުވެސް ވަކި ގަޑިއެއްގައި ސިފައިން ބައްލަވާގޮތަށް ހަމަޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި، ސިފައިންނަށްވެސް ފަސޭހައިން ޑޮކްޓަރުންނަށް ދެއްކޭނެ އުސޫލެއް ހަމަޖެއްސުމުގެ ޚިޔާލު، އޭރުގެ ސަރުކާރަށް ހުށަހެޅުއްވި ބޭފުޅަކީވެސް ޑޮކްޓަރ މުޙައްމަދު އަޙްމަދެވެ. މި ޚިޔާލާ ގުޅިގެން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑިރެކްޓަރ، މެޑިކަލް ސަރވިސަސްގެ މަޤާމަށް 9 ޖުލައި 1992 ގައި ޑޮކްޓަރ މުޙައްމަދު އަޙްމަދު ބަދަލުކުރައްވައި، ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް އެތަނުގައި ފަރުވާ ދެއްވަން އޭނާ ފެށްޓެވިއެވެ. މި ޚިދުމަތްވެސް އޭނާ 14 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކު ދެއްވަމުން ގެންދަވާފައިވެއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، މެޑިކަލް ސަރވިސަސް ކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، މެޑިކަލް ސަރވިސަސް ކަމުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

ޑޮކްޓަރ މުޙައްމަދު އަޙްމަދަކީ، ރާއްޖޭގެ މެޑިކަލް އެސޯސިއޭޝަނުން އެދިވަޑައިގަންނަވާ ކަންކަމުގައިވެސް އެ އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުއްވައި ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ޚިދުމަތް، އެ އެސޯސިއޭޝަނުންވެސް ވަނީ ވަޒަން ކުރައްވައި އެކަމުގެ ހަނދާނީ ލިޔުމެއް އަރުވާފައެވެ.

ޑޮކްޓަރ މުޙައްމަދު އަޙްމަދު ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހުވެސް އޭނާގެ އަމިއްލަފުޅު ގޭގައި ބަލިމީހުންނަށް ދެއްވަމުން ގެންދެވި ޚިދުމަތް، މެދުކަނޑުއްވައި ލެއްވުމެއްނެތި ކުރިއަށް ގެންދެވިއެވެ. މިހާރު ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ބަލިމީހުން ބެއްލެވުން މިއަހަރުގެ ތެރޭގައި ހުއްޓަވައިލެއްވި ނަމަވެސް، މިއަދު ޑޮކްޓަރ މުޙައްމަދު އަޙްމަދަށް ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، އޭނާ މި ކުރެއްވި މަސައްކަތް ކުރައްވާނެ ހަމުގެ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި އޭނާގެ ބޭފުޅަކު ކަމުގައިވާ ޑޮކްޓަރ ނުޒުހާ މުޙައްމަދު މި ދާއިރާއަށް ނެރުއްވުމެވެ.

ޞިއްޙީ ޚިދުމަތް ކުރެއްވުމުގެ ރޮނގުން 1982 ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޑޮކްޓަރ މުޙައްމަދު އަޙްމަދަށް ވަނީ ލިބިވަޑައިގެންފައެވެ. ރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު، ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވި ޢާންމު ޚިދުމަތުގެ ހަނދާނީ ލިޔުންވެސް ވަނީ ލިބިވަޑައިގެންފައެވެ. އަދި ސިވިލް ސަރވިސް ޤާނޫނުގެ ދަށުން ރިޓަޔަރ ކުރެއްވި ބޭފުޅުންނަށް ސަރުކާރުން ދެއްވި ޝަރަފުގެ ހަނދާނީ ލިޔުންވެސް ޑޮކްޓަރ މުޙައްމަދު އަޙްމަދަށް ވަނީ ލިބިވަޑައިގެންފައެވެ.