އަލްފާޟިލް ޢަބްދުﷲ ޢަފީފް
ގދ. ތިނަދޫ އަލިދޯދި

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަންނަވާ ޢަބްދުﷲ ޢަފީފަކީ، ވަރަށް ކުޅަދާނަ ޅެންވެރިއެކެވެ. ޅެންވެރިކަމަށް ޝައުޤުވެރިވެވަޑައިގަތީ ސްކޫލް ދައުރުގައި ބައިތުބާޒީ ފަދަ ކަންކަމުގައި ބައިވެރިވެވަޑައިގެން، ގިނަ ބައިތުތަކެއް ދަސްކުރައްވައި، ވަޒަންތައް އެނގިވަޑައިގެންނެވި ހިސާބުން ފެށިގެންނެވެ. އަދި މޮޅު ޅެންވެރިން ހައްދަވާފައިވާ ޅެންތައް ބައްލަވައި، އެގޮތަށް ޅެން ހެއްދެވޭތޯ ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ޢުމުރުން 14 އަހަރުގައި ޅެން ހައްދަވަން ފެށްޓެވި ފަހުން މިއަދާ ހަމައަށް ތަފާތު އެތައް ޅެމެއް ޢަފީފް ވަނީ ހައްދަވައިފައެވެ. އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ 1959 ވަނަ އަހަރުއެވެ.

1964 ވަނަ އަހަރުގެ ފަހުން ގދ. އަތޮޅުގައި އެކިއެކި މުނާސަބަތުތަކާ ގުޅިގެން ބޭއްވެވި ޖަލްސާތަކާއި ޙަފްލާތަކަށް ޅެން ހައްދަވައިދެއްވަމުން ގެންދަވާފައިވެއެވެ. 1965 ވަނަ އަހަރު ބޮލިރޯނުން މުޅި ރާއްޖެއިން 1 ވަނައަށް ހޮވިގެން ގދ. ފަރެހަށް ކީރިތި މަހާރަދުން ވަޑައިގަންނަވަން ހަމަޖެހުމާ ގުޅިގެން، އެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ކިޔުމަށް ގދ. އަތޮޅުއޮފީހުން އެދިވަޑައިގަންނަވައިގެން ހެއްދެވި ލަވަ، [ މޫރިތި މި ދައުލަތުގެ ކީރިތި މަހާރަދުންނަށް ފަށްފަށުން – ޝުކުރާއި މުބާރިކްބާދީ ނަޝީދީ ވެދުން ދަންނަވާނީ] މިއީ މުޅި އަތޮޅަށް މަޝްހޫރުވެގެންދިޔަ ޚާއްޞަ ލަވައެކެވެ.

ޢަފީފް އެންމެ ގިނައިން ލަވަ ހައްދަވާފައިވަނީ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ޓީ.ވީ މޯލްޑިވްސްއިން ބޭއްވެވި ލަވަ މުބާރާތްތަކަށެވެ. އެ މުބާރާތްތަކުގައި މާލޭ އިންގްލިޝް ސްކޫލްގެ ދަރިވަރުން ހުށަހެޅި ގިނަ ލަވަތައް ހައްދަވާފައިވަނީވެސް ޢަފީފެވެ. މީގެއިތުރުން، އެހެން ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށްވެސް އެ މުބާރާތްތަކަށް ލަވަ ހައްދަވައިދެއްވާފައިވެއެވެ. އަދި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުން އެދުނު ކޮންމެ ހިނދެއްގައި އެ މުނާސަބަތަކާ ގުޅޭ ލަވަތައްވެސް ވަނީ ހައްދަވައިދެއްވައިފައެވެ.

ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނުވަތަ އޮފީހަކުން ޅެންވެރިކަމާ ގުޅޭ ކަމަކަށް އެދިވަޑައިގެންފިނަމަ، އެކަން ވީހާވެސް ރަނގަޅަކަށް ޢަފީފް ކޮށްދެއްވައެވެ. މިގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ [ނިދާ]، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ސްކޫލް ލަވަ، މާލޭ އިންގްލިޝް ސްކޫލްގެ ސްކޫލް ލަވަ، އަދި މަދްރަސަތުލް ޣާޒީ މުޙައްމަދުގެ ސްކޫލް ލަވަ ވަނީ ހައްދަވައިދެއްވައިފައެވެ.

މުދައްރިސުންގެ ތަޢުލީމު ކުރިއަރުވާ މަރްކަޒުން 1992 ވަނަ އަހަރާއި، 1993 ވަނަ އަހަރު ހިންގި ޘާނަވީ ދިވެހި މުދައްރިސުން ތަމްރީނުކުރާ ކޯހުގެ ދަރިވަރުންނަށް ޅެން ހަދަން ދަސްކޮށްދޭ ކޯސް ހިންގަވައިދެއްވައިފައި ވެއެވެ. އަދި ގދ. ތިނަދޫ، ތިނަދޫ ސްކޫލްގެ ދަރިވަރުންނަށް ޅެން ހަދަން ދަސްކޮށްދޭ ކޯސްތަކެއް 2013، 2014، 2015، 2016 މި 4 އަހަރު ހިންގަވައިދެއްވާފައިވެއެވެ. އަދި ދިވެހިބަހުގެ އެކެޑަމީއިން މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގި ޅެންވެރިކަމުގެ ކޯހުގައި ބަނދި ހަދަން ދަސްކޮށްދޭ ކްލާސްތަކެއް ނަންގަވައިދެއްވާފައިވެއެވެ. މީގެއިތުރުން، ތިނަދޫ އަބޫބަކުރު ސްކޫލްގައި ޅެން ހަދަން ދަސްކޮށްދޭ ކޯހެއް، މިދިޔަ އަހަރު ހިންގަވައިދެއްވާފައި ވެއެވެ.

ލަވައާއި ޅެން ހެއްދެވުމުގައި ޢަފީފް ބައްލަވާފައިވަނީ، އަދި ބައްލަވަމުން ގެންދަވަނީ، އެއިން މުޖުތަމަޢަށް ފައިދާހުރި މެސެޖްތަކެއް ދެއްވުމަށެވެ. މިގޮތުން، ޤައުމީ ރޫޙު އާލާކުރުމާއި، ދީނީ އަދި އަޚްލާޤީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަހާއި އާދަކާދައާއި، ޘަޤާފަތް ދިރުވުމާއި، ރާއްޖޭގެ ރީތިކަމާއި ތިމާވެށި ރައްކާތެރިކުރުމާއި، ނުރަނގަޅު ކަންކަމާ ދުރުވުންފަދަ ކަންކަމަށް އިސްކަން ދެއްވާފައިވެއެވެ. މީގެއިތުރުން، ހުވަދޫ ބަހުރުވަ ދިރުވައި އާލާކުރެއްވުމަކީވެސް ޅެންވެރިކަމުގައި ޢަފީފްގެ އަމާޒެކެވެ.

ޢަފީފް ހައްދަވައިފައިވާ ލަވައާއި ޅެންތަކުގެ ތެރެއިން މަޝްހޫރު ވެގެންދިޔަ ލަވަތަކުގެ ތެރޭގައި، [ބޮނޑިބަތްތޯއެ އުދަންވީ] [ރޫޙުވަނީ ތިނަދޫގައޭ] [ޒިކުރާ ޖަމީލު] [ގަހެކެ ގަހެކޭ އިންދަމާ] [ތެދޭ މާރީއްޗޭ އަންހެނުން] [ޤައުމާއި ވަޠަނުން އަބަދަށް ހިނިތުންވުން] [ރާއްޖޭގެ އުފަލާއި އަރާމަކީ] [ރީތި ރާއްޖޭ ވައިފެންމީ ނިޢުމަތެއް ނޫންހޭ] ފަދަ ލަވަތައް ހިމެނެއެވެ. އަދި މިއީ ޢާންމުންގެ ތެރޭގައި ވަރަށް މަޤްބޫލުވެގެންދިޔަ އެކިއެކި މުނާސަބަތުތަކުގައި ޑްރިލްއާއި ނެށުންތަކަށް ބޭނުންކޮށްފައިވާ ލަވަތަކެކެވެ. މީގެއިތުރުން މިނިވަން 25އާ ގުޅިގެން ހެއްދެވި ޅެންތަކާއި، ނޮވެންބަރު 3އާ ގުޅިގެން ހެއްދެވި ލަވަތަކަކީވެސް ގިނަ ބައެއްގެ މަޤްބޫލުކަން ލިބުނު ލަވަތަކެކެވެ. އެންމެފަހުން ރޮހިންޖާގެ ޙާލަތު ބަޔާންކުރައްވައި ހެއްދެވި ލަވައަށްވެސް ވަރަށްބޮޑު ތަރުޙީބެއް ލިބިގެންދިޔައެވެ.

ޅެންވެރިކަމުގެ ރޮނގުން ޢަބްދުﷲ ޢަފީފަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތައްވެސް ވަރަށް ގިނައެވެ. ޓީ.ވީ މޯލްޑިވްސް އިން ބޭއްވެވި ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި، ޅެންވެރިކަމުން 1993 ވަނަ އަހަރު 1 ވަނަ، 1995 ވަނަ އަހަރު 1 ވަނަ، 1996 ވަނަ އަހަރު 1 ވަނަ ލިބިވަޑައިގެންފައިވެއެވެ. އަދި އެ މުބާރާތުން 1989 ވަނަ އަހަރު ޤައުމީ ލަވަތަކުން 2 ވަނަ، އަދި 3 ވަނަ އަދި ޤައުމީ ލަވަ ނޫން އެހެން ލަވަތަކުން 2 ވަނަ ހާސިލު ކުރައްވާފައިވެއެވެ. ދިވެހި ޅެންވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު، 1993 ވަނަ އަހަރު ޢަފީފަށް ވަނީ ލިބިވަޑައިގެންފައެވެ.

ޢަފީފްގެ އުންމީދަކީ، ޅެންވެރިކަމުގައި އަދިވެސް ކުރިއަށް ވަޑައިގަތުމެވެ. ޅެންވެރިކަމުގެ ތެރެއަށް ވަންނަން ބޭނުންވާ ދަރިވަރުންނަށާއި ޒުވާނުންނަށް މަގު ދައްކަވައި، ޅެންވެރިކަން ދިރުވައި އާލާކުރެއްވުމަށް ކުރެއްވެންހުރި މަސައްކަތްތައް ކުރެއްވުންމަތީ ދެމިހުންނެވުމެވެ.