އަލްފާޟިލާ ފާޠިމަތު ރަމީޒާ
މ.ވައްތިޔަރަގެ

ރަމީޒާއަކީ، ޝަހީދު ޢަލީ ސްކޫލުން ކިޔަވާފައިވާ ކުއްޖެކެވެ. އޭރު ހިސާބަކަށް ކުދިކުދި ތަމްސީލު ކުޅެފައިވެއެވެ. ތަމްސީލު ކުޅުމުގެ ޝައުޤުވެރިކަން ހުރެއެވެ. މިހެންވެފައިވަނިކޮށް، އޭނާ މިފަންނަށް ލޯހުޅުވިގެން ދިޔައީ 1985 ވަނަ އަހަރު ބޭއްވުނު ސީ.ޑީ.އެސް.ގެ ސްޓޭޖް ޝޯގައެވެ. މިއީ އޭނާ މިފަދަ ޢާއްމު ޝޯއެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.  ސީ.ޑީ.އެސް.ގެ މިޝޯއަށް އޭނާ ނިކުތީވެސް، ވަރަށް ބޮޑަށް ހިތްވަރު ދީގެން، ވަރަށް ބޮޑަށް ފަރިތަކޮށްގެންނެވެ. ކަށިމާ ޝާކިރާއި، ކޮޕީ ރަޝީދުގެ މަސައްކަތުންނެވެ.

ރަމީޒާގެ އެންމެ ފުރަތަމަ ފިލްމަކީވެސް،  ސީ.ޑީ.އެސް.ގެ ފިލްމެކެވެ. އެއީ،  ސީ.ޑީ.އެސް.ގެ ވެސް ފުރަތަމަ ފިލްމު އަދި މިހާތަނަށް އެންމެ ގިނަ ޝޯ ހައުސްފުލްވީ ދިވެހި ފިލްމު "ދޮންހިޔަލައާއި އަލިފުޅު" އެވެ. މިފިލްމުގައި އޭނާ ކުޅެފައިވަނީ، ދޮންހިޔަލަގެ ބައެވެ. އޭނާ މާލެއަށް ތަޢާރުފުވެގެންދިޔައީ  ސީ.ޑީ.އެސް.ގެ ޝޯތަކުންނެވެ. އޭގެފަހުން ތަފާތު ފިލްމުތަކުގައި އޭނާގެ ބޭނުން ހިފަންފެށުނެވެ.