އަލްފާޟިލް މުޙައްމަދު ޒާހިދު
މއ.ކާމިނީއިރުމަތީގެ

މުޙައްމަދު ޒާހިދު މިޔުޒިކްގެ މަސައްކަތް ފެށްޓެވީ 1966 ގައެވެ. އަލްފާޟިލް ގިނިރާހި އިބްރާހީމް އަޙްމަދުގެ އެންމެ އިސްދަރިވަރެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ ލީޑް ގިޓަރިސްޓެއްގެ ގޮތުގައި ސްޓޭޖަކަށް ނިކުންނެވީ 1968 ނޮވެންބަރު 11 ގައި ރާއްޖޭގެ ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަން ފެށުމުގެ މުނާސަބަތުގައެވެ. އޭރު ހަކުރާގެ ތެރޭގައި ހުޅުވި ކާނިވަލް ސްޓޭޖުގައެވެ. 

އެންމެ ފުރަތަމަ ރާއްޖެއަށް ވެސްޓަން މިޔުޒިކް ތަޢާރުފުކުރެއްވުމުގެ ގޮތުން ގްރޫޕެއް ހައްދަވައިގެން އެމަސައްކަތް ކުރެއްވީވެސް މީނާއޭ ދެންނެވުމަކީ، މުޅިން ދޮގަކަށްނުވާނެއެވެ.

އެމް.އާރް.ސީ.ގެ މިޔުޒިކް ގްރޫޕްގެ ނަމުގައި ގްރޫޕެއް އުފައްދަވައި ހިންގެވުމުގައި އިސްނަންގަވައިގެން އުޅުނު މީހެއްގެ ގޮތުގައި މަސައްކަތްކުރައވައި ރާއްޖޭގައި ބްރޯޑްކާސްޓް ކުރައްވާ ފަރާތަކަށް 200 އަށް ވުރެ ގިނަ ލަވަ ރިކޯޑްކޮށްދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. ރާއްޖޭގައި އުފެދުނު އެންމެ ބޮޑު މިޔުޒިކް ގްރޫޕް ކަމުގައިވާ "އޮލިމްޕިއަންސް" އަށް ފުރަތަމަ ހޮވުނު މީހުންގެތެރޭގައި މީނާ ހިމެނުނެވެ.

މުޅިން އަމިއްލައަށް މިޔުޒިކް ކުޅޭ ބޭންޑެއް އުފައްދަވައި، ރިސޯޓްތަކުގައާއި އަދިވެސް އެކި މުނާސަބަތުގައި ވެސްޓަން މިޔުޒިކް ކުޅުއްވުމުގެ މަސައްކަތުގައި 1975 އިން ފެށިގެން މިއަދާހަމައަށްވެސް ކުރިއަށް ގެންދަވައެވެ. މިގްރޫޕްގެ ނަމަކީ "ޓްވެންޓިއަތު ސެންޗަރީ ބީ.ސީ" އެވެ.