އަލްފާޟިލް ޢަބްދުއްސައްތާރު މުޙައްމަދު
މއ.ކިނާރީގެ

ރާއްޖޭގައި، ބައިސްކަލުގެ މަސައްކަތް، ފުޅާދާއިރާއެއްގައި ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއްވެއްޖެއެވެ. މިގޮތުން މިމަސައްކަތް ގިނަ ބަޔަކަށް ފައިދާހުރި ޚިދުމަތެއްގެ ގޮތުގައި ކުރައްވާތާ 30 އަހަރު ވެއްޖެއެވެ.

ވަރަށް ކުޑަގޮތަކަށް ފެށުނު މިމަސައްކަތް މިހާރު ވަނީ، ދިވެހި ރާއްޖޭގައި ކުރެވޭ އެންމެ ފުޅާ ދާއިރާއަށް ތަރައްޤީކުރައްވާފައެވެ.

ފުރަތަމަ މަސައްކަތް ފެށްޓެވީ، އޭރު ގެންގުޅުއްވި ބައިސްކަލު މަރާމާތުކުރަންޖެހުމުން، އެދުވަސްވަރު އެފަދަ މަސައްކަތް ކުރާ ތަނެއް މާލޭގައި ނެތުމުގެ ސަބަބުންނެވެ. މިގޮތުން ބައިސްކަލު މަރާމާތުކުރުމުގެ  މަސައްކަތް ފިޔަވައި އެކިއެކި ރައްޓެހިންގެ ބައިސްކަލު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދެއްވަމުންގޮސް މީގެ އެތައް އަހަރެއްކުރިން އެމަސައްކަތްވަނީ، މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

މަސައްކަތުގެ ޚިދުމަތްފުޅާވެފައިވާ މިންވަރުން، ބައިސްކަލް ފުރޮޅަށް ވައިޖެހުމުން ފެށިގެން، ހަން ބެއްދުމާއި، ބައިސްކަލް ރާވައިދިނުމާއި، ގިރިސްއެޅުމާއި، ނަރުފުރުމާއި، ދަވާދު ލައިދިނުން ފަދަ ކިތަންމެ ކަމެއް ހިމެނެއެވެ.