މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު
މއ. ވަވަތި

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމުގެ ކުރިން އާދަމް ޒާހިރު، ސަރުކާރަށް ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، 1970 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ފުރަތަމަ ފުރުއްވީ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާރޒްގެ އިނގިރޭސި ސެކްރެޓަރީ ކަމުގެ މަޤާމެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފިޝަރީޒްގެ ސެކްރެޓަރީ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ސެކްރެޓަރީ ކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ކަމުގެ މަޤާމު ފުރުއްވާފައި ވެއެވެ. އޭގެފަހުން، ރާއްޖެއިން ބޭރުން ތަޢުލީމް ހާސިލު ކުރައްވައިގެން ވަޑައިގަތުމުން، މަޖީދިއްޔާ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ މަޤާމަށް ހަމަޖެއްސެވިއެވެ. ސިފައިންގެ 2 ނަމްބަރު ސަރުދާރު ކަމަށް ހަމަޖެއްސެވީ، މަޖީދިއްޔާ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ މަޤާމުގައި ހުންނަވަނިކޮށެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަކީ، ސަރުކާރަށް 34 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. ޚާއްޞަކޮށް، ސިފައިންގެ ތަފާތު ދަރަޖަތަކުގަޔާއި، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އާދަމް ޒާހިރު، ސިފައިންގެ ޚިދުމަތް ފުރަތަމަ ފެށްޓެވީ 3 ފަށާއެކު، 2 ނަންބަރު ސަރުދާރުގެ ރޭންކުގައެވެ. 13 ނޮވެމްބަރު 1978 ގައި އޭރުގެ 2 ނަންބަރު ސަރުދާރުން ލެފްޓެނަންޓްގެ ރޭންކުގެ ދަރަޖައަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން، ސިފައިންގެ ފަސްޓް ލެފްޓެނަންޓް ކަމުގެ ރޭންކުގަޔާއި، ކެޕްޓަން ކަމުގެ ރޭންކުގަޔާއި، މޭޖަރ ކަމުގެ ރޭންކުގަޔާއި، ލެފްޓެނަންޓް ކާނަލް ކަމުގެ ރޭންކުގަޔާއި، ކާނަލް ކަމުގެ ރޭންކުގަޔާއި، އަދި އޭގެފަހުން ބްރިގޭޑިއަރ ޖެނެރަލް ކަމުގެ ރޭންކުގަޔާއި، މޭޖަރ ޖެނެރަލް ކަމުގެ ރޭންކުގައި ހިތްވަރުގަދަ އަގުހުރި ގިނަ ޚިދުމަތްތަކެއް، މިލިޓަރީ ދާއިރާއިން ފުރިހަމަކުރެއްވި ތަމްރީނުތަކާއި ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި ވަނީ ކޮށްދެއްވާފަ އެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތުގައި ދައްކަވައި ދެއްވާފައިވަނީ، ތެދުވެރިކަމާއި އިޚްލާސްތެރިކަމުގެ ރީތި ނަމޫނާއެކެވެ. ޚާއްޞަކޮށް، 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި ސިފައިންގެ މައި މަރުކަޒު ދިފާޢު ކުރެއްވުމުގަޔާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދިފާޢު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ. އެދުވަހު ސިފައިންގޭގެ އެތެރޭގައި މުޅި އޮޕަރޭޝަންގެ މުވާޞަލާތުގެ ކަންތައްތައް އަމިއްލަފުޅަށް އިސްނަންގަވައިގެން ފަށްޓަވައި، ސިފައިންގެ އެންމެ މަތީވެރިޔާއާއި، ސިފައިންގެ މަރުކަޒާ ފަސޭހައިން ގުޅޭނޭ އިންތިޒާމު ހަމަޖައްސަވައި، ހަނގުރާމައިގެ މައިދާނުގައި ޤާއިމުވެ ތިއްބެވި އިސް ކޮމާންޑަރުންނަށް ސިފައިންގެ އެންމެ މަތީ ވެރިޔާގެ އެންގެވުންތައް އަންގަވައި ދެއްވަމުން ގެންދެވީ އާދަމް ޒާހިރެވެ. މީގެއިތުރުން، ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލައިގެ ތަޙުޤީޤަކީ، ތިންބަހުން ކުރެވުނު ތަޙުޤީޤަކަށްވާއިރު، މިއީ އެމަނިކުފާނު އިސްވެ ހުންނަވައިގެން މިހާތަނަށް ކުރެވުނު އެންމެ ބޮޑު އެއް ތަޙުޤީޤެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަކީ، ސިފައިންގެ ހިންގުމުގެ ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މިގޮތުން 1996 ޖަނަވަރީ 1 އިން ފެށިގެން، ސިފައިންގެ ޑެޕިޔުޓީ ޗީފް އޮފް ސްޓާފްގެ މަޤާމުގައި 7 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވެއެވެ. އަދި ސިފައިންގެ ތަފާތު ބޯޑުތަކާއި ކޮމިޓީތަކުގައި ޚިދުމަތް ކުރައްވާފައި ވެއެވެ. ދިވެހި ސިފައިންގެ ތާރީޚު، ޒަމާނަށް ދެމިހުންނާނެ ގޮތުގައި ރައްކާކޮށް ލިޔެ ޝާއިޢުކުރުމަށްޓަކައި ސިފައިންގެ ތާރީޚު ކޮމެޓީ އެކުލަވައިލިއިރު، އެކޮމެޓީގެ ޗެއަރމަން ކަމަށް ހަމަޖެއްސެވީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރެވެ. އެމަޤާމުގައި 11 އަހަރު ޚިދުމަތް ކުރައްވައި، އެކަށީގެންވާ ފެންވަރު ރަނގަޅު ރެކޯޑު އެއްކުރައްވައި، ލައިބްރަރީއެއް ވަނީ ޤާއިމުކުރައްވާފައެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގޭގައި ޚިދުމަތް ކުރެއްވި ދުވަސްވަރު، ސިފައިންގެ އިޖުތިމާޢީ ޚިދުމަތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން، 1979 ވަނަ އަހަރު މާލޭގެ ފަޅުން ބިންހިއްކުމުގެ މަޝްރޫޢަށް ވެލި ހަދިޔާ ކުރުމުގެ މަސައްކަތާއި، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފެށްޓެވި މަޝްރޫޢަށް އަކިރި ހަދިޔާކުރުމަށް ހިންގި ބުރަ މަސައްކަތާއި، މާލެ ފެހިކުރުމަށް ހިންގި ގަސް އިންދުމުގެ ޕްރޮގްރާމާއި، މާލެއަށް ބޮޑުރާޅު އެރުމުގެ ހާދިސާއާ ގުޅިގެން، ސިފައިން ހިންގި ޕްރޮގްރާމުގައި އާދަމް ޒާހިރު ބައިވެރިވެވަޑައިގެން، ޢަމަލީގޮތުން ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ފުލުހުންގެ އިދާރާގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވައިގެން، އެމަނިކުފާނުގެ ދުރު ވިސްނުންފުޅުން، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ކުރެއްވި ކާމިޔާބު މަސައްކަތްޕުޅުތަކުގެ ސަބަބުން ރައްޔިތުންނާ ގާތުން ޚިދުމަތްކޮށްދޭ ބަޔަކަށް ފުލުހުން ހިމެނިގެންދިޔައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ރަސްމީގޮތުން އާދަމް ޒާހިރު ހަމަޖައްސަވާފައިވަނީ، 1996 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.

ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، ޤައުމަށް ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ސިފައިންގެ ޚިދުމަތުން އާދަމް ޒާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 2004 ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު، ސިފައިންނާއި ފުލުހުންނަކީ ވަކި ދެ މުއައްސަސާއެއް ކަމުގައި ހަމަޖެއްސެވުމާ ގުޅިގެންނެވެ. މި ދެ މުއައްސަސާ ވަކިކުރެއްވިއިރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރެވެ. 2008 ނޮވެމްބަރު 18 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމާ ހަމައަށް ހުންނެވީ އެ މަޤާމުގައެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ޕްރޮފެޝަނަލް އަދި މަދަނީ މުއައްސަސާއެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަލުން ތަރައްޤީ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ. އެން.އެސް.އެސް. އާއި ޕޮލިސް ސަރވިސްއަކީ، ގިނަ ޒަމާނެއް ވަންދެން އެއް ފުރާޅެއްގެ ދަށުގައި އޮތް ދެ މުއައްސަސާއެވެ. އެ ދެ މުއައްސަސާ ވަކިވެ، ދެތަނެއްގެ ގޮތުގައި ވުޖޫދުވެގެން އައި މަރުޙަލާގައި ހިނގައިދިޔަ ހުރިހާ ކަމެއްގެ މުގުލުގައި ހުންނަވައިގެން ބަދަލުކުރުމުގެ ހުރިހާ ކަމެއް ވަރަށް އަމާން، އޮމާންގޮތެއްގައި ފުރިހަމަވެގެން ދިޔައީ، އެމަނިކުފާނުގެ ދުރު ވިސްނުންފުޅުގެ ސަބަބުންނެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރު ސިފައިންގޭގައި އަދާކުރެއްވި ޚިދުމަތުގެ ނަތީޖާއެއްގެ ގޮތުން، ޝަރަފުގެ 7 ކުލައާއި 8 މެޑެލް ވަނީ ހާސިލު ކުރައްވާފައެވެ. އޭގެތެރޭގައި، އަޚުލާޤީ ކުލަ (ދެފަހަރަށް)، ސިފައިންގެ ޚިދުމަތުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ ހިމެނެއެވެ. ހާސިލު ކުރެއްވި މެޑެލްތަކުގެ ތެރޭގައި، ހުރަވީ ރަން މެޑެލް، 3 ނޮވެމްބަރުގެ މެޑެލް، ސައްތައިގެ މެޑެލް، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، ސިފައިންގެ ޚިދުމަތުގެ މެޑެލް، މަތިވެރި ޚިދުމަތުގެ މެޑެލް، އަޚުލާޤީ މެޑެލް، އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް ހިމެނެއެވެ.

ދިގު މުއްދަތެއްގައި ސިފައިންގެއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އާދަމް ޒާހިރަކީ، އެ ދެ މުއައްސަސާގައިވެސް އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ބޭފުޅެކެވެ. އެމަނިކުފާނުގެ އަގުހުރި ޚިދުމަތްތަކުން ދައްކަވައިދެއްވާފައިވަނީ، ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ހަރުދަނާ ޚިދުމަތްތަކެއް ކުރެއްވި، އިޚްލާސްތެރި ޚާދިމެއް ކަމެވެ. ޚިދުމަތުގައި ހޯއްދެވި ކާމިޔާބީތަކުން ހާމަކޮށްދެނީ، ޤައުމީ ތަޞައްވުރަކުން ކަންކަން ރާއްވަވައި، ހިންގެވި މަތިވެރި ޝަޚުޞިއްޔަތެއް ކަމެވެ.