ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް (ޢަންބަރީ ޢަބްދުއްސައްތާރު) އަކީ، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށާއި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ.
ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 24 އޮގަސްޓު 1966 ގައި ވުޒާރަތުލް މަޢާރިފުގެ ކާތިބެއްގެ ވަޒީފާއިންނެވެ. މެދުނުކެނޑި 42 އަހަރު ސަރުކާރަށް ޚިދުމަތް ކުރައްވައިފައިވެއެވެ. އެ މަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވަނީ، ރާއްޖޭގެ ދިފާޢީ އަދި ޤައުމީ ސަލާމަތާބެހޭ ވުޒާރާގައެވެ. ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ، 1978 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު 3 ފަށާއެކު، ސިފައިންގެ 2 ނަންބަރު ސަރުދާރުގެ ރޭންކުގައެވެ. އޭގެކުރިންވެސް ސަރުކާރުގެ ތަފާތު ދާއިރާތަކުގައި 12 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވިއެވެ.
މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ވަކީލުކަމުގެ މަޤާމަށް ޢަބްދުއްސައްތާރު އާދަމް ހަމަޖެއްސެވީ 10 ނޮވެންބަރު 1979 ގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސީނިއަރ އަންޑަރ ސެކްރެޓަރީ ކަމުގެ މަޤާމާއި، ޑިރެކްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަޤާމާއި، އެން.އެސް.އެސް.ގެ ޗީފް އޮފް ސްޓާފް ކަމުގެ މަޤާމު ފުރުއްވިއެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމުގެ މަޤާމާއި، ސިފައިންގެ ވެރިޔާގެ ނައިބުގެ އެހީތެރިޔާ ކަމުގެ މަޤާމާއި، ސިފައިންގެ ވެރިޔާގެ ނައިބު ކަމުގެ މަޤާމުވެސް ފުރުއްވިއެވެ. ދިވެހި ޢަސްކަރިއްޔާއަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ވަނީ ޚިދުމަތް ކުރައްވައިފައެވެ. 1993 ވަނަ އަހަރުގެ ނޮވެންބަރު 11 އިން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދަވައިފައިވަނީ ވަޒީރުންގެ ފެންވަރުގައެވެ.
ދިވެހި ޢަސްކަރިއްޔާ މިއަދު މިދެކޭ ކުރިއެރުމާއި ތަރައްޤީއާ ހަމަޔަށް ވާސިލުވުމުގައި ސިފައިންގެ އެންމެމަތީ ވެރިޔާގެ އިރުޝާދާއެކު ޢަބްދުއްސައްތާރު އާދަމް، ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވެއެވެ. ޚާއްޞަކޮށް، ބޭރުގެ ޤައުމުތަކުގެ ޢަސްކަރިއްޔާތަކާއި ރާއްޖޭގެ ޢަސްކަރިއްޔާއާ ދެމެދު ގުޅުންތައް ޤާއިމުކުރައްވައި، ދިވެހި ސިފައިންނަށް ރާއްޖެއިން ބޭރުން ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުޞަތުތަކެއް ހޯއްދަވައިދެއްވުމަށް ކޮށްދެއްވި މަސައްކަތްޕުޅުތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. ލޯ ހުޅުވިފައިވާ ކުޅަދާނަ، ޤާބިލު، ޒުވާން ލަޝްކަރެއް އުފެއްދެވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި، ސިފައިންގެ ހިތްތަކުގައި ޢަސްކަރީ އަޚުލާޤުގެ ހަރުދަނާ ސިފަ އަށަގެންނެވުމަށާއި، ކަމަށް ކަމޭހިތައިގެން ނަޒާހަތްތެރިކަމާއެކު، ޤައުމީ ރޫޙާއި ޖޯޝުގައި ޤައުމަށް ޚިދުމަތް ކުރާނެ ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތަކަކީ މިއަދުވެސް ޝުކުރުވެރިކަމާއެކު ހަނދާންކުރަންޖެހޭ މަސައްކަތްޕުޅުތަކެކެވެ.
ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމްގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމަށާއި، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރެއްވުމަށް ކޮށްދެއްވި ހިތްވަރުގަދަ މަސައްކަތްޕުޅުތަކެވެ. އެދުވަހުގެ ޙަމަލާއާ ގުޅިގެން ސިފައިންގެ ކަންކަން ހިނގާ ނުހިނގާގޮތް ވަގުތުން ވަގުތަށް ބައްލަވަމުން ގެންދަވައި، ސިފައިންގެ ވެރިޔާއާއި، ވެރިޔާގެ ނައިބުގެ އިރުޝާދާ އެއްގޮތަށް ކަންކަން ހިންގަވަމުން ގެންދެވީ ވަރަށް ސާބިތުކަމާއެކުއެވެ.
މީގެއިތުރުން، ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ސިފައިންގެ ކުރިމަގަށްޓަކައި އެކުލަވައިލެވުނު ތަރައްޤީގެ އާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައްވެސް ހަނދާނަށް ގެންނަންޖެހެއެވެ. ހަމައެއާއެކު، ޒުވާނުންގެ ހިތްތަކުގައި ސިފައިންގެ ޤައުމީ ޚިދުމަތާމެދު ޝައުޤުވެރިކަން އުފެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، ޢަސްކަރީ ދާއިރާތަކުންނާއި، ފަންނުވެރި ދާއިރާތަކުން މީހުން ބިނާކުރައްވައި، ތަޢުލީމީ އަދި ފަންނީ ޒުވާނުންގެ މުއައްސަސާއަކަށް ދިވެހި ޢަސްކަރިއްޔާ ބަދަލުކޮށްލެއްވުމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް އެމަނިކުފާނު ދެއްވިއެވެ.
ސިފައިންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރައްވައި، ޚިދުމަތްތައް ތަރައްޤީ ކުރެއްވުމަށާއި، ޚާއްޞަކޮށް، ސިފައިންގެ ޢުމްރާނީ ތަރައްޤީއަށް ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން، 2004 ވަނަ އަހަރާ ހަމަޔަށް އައިއިރު، ރާއްޖޭގެ 42 ރަށެއްގައި ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެމަނިކުފާނު ވަނީ ތަޢާރުފު ކުރައްވައިފައެވެ. އަތޮޅުތެރޭގައި، އާބާދީ ބޮޑު ސަރަޙައްދުތަކުގައި ސިފައިންގެ ރީޖަނަލް ހެޑްކްއާރޓަރޒްތައް ބިނާކުރައްވައި، ކޯސްޓްގާޑުގެ ޚިދުމަތާއި، އަލިފާން ނިއްވުމުގެ ޚިދުމަތާއި، ފުލުހުންގެ ޚިދުމަތް، އެތަންތަނުން ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ވަކިން ޚާއްޞަގޮތެއްގައި ސިފައިންގެ ޚިދުމަތަށް ބޭނުންވާ، ޒަމާނީ ވަސީލަތްތައް ހޯއްދަވައިދެއްވައި، މެޑިކަލް ސަރވިސްގެ ޚިދުމަތާއި، އިންޖިނިއަރިންގެ ޚިދުމަތްދޭނެ ޚާއްޞަ ޔުނިޓުތަކެއް އުފައްދަވައި، އެ ޚިދުމަތްތައް ތަރައްޤީކޮށްދެއްވުމަށްވެސް އެމަނިކުފާނު ވަނީ ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވައިފައެވެ.
ލެފްޓެނަންޓް ޖެނެރަލް (ރިޓަޔރޑް) ޢަބްދުއްސައްތާރު އާދަމް އަދާކުރެއްވި އިޚުލާޞްތެރި ޤައުމީ ޚިދުމަތް ހާމަވެގެންދަނީ، ޚިދުމަތުގައި ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުންނެވެ. އެމަނިކުފާނަށް 8 ކުލައާއި 9 މެޑެލް ލިބިވަޑައިގެންފައިވެއެވެ. ސިފައިންނަށް ދެވޭ އެންމެމަތީ ޢަސްކަރީ ޝަރަފު ކަމުގައިވާ [ޣާޒީގެ އެންމެ މަތިވެރި ޢަސްކަރީ ޝަރަފް] (މެޑެލް އޮފް އޮނަރ) 18 ޖޫން 1999 ގައި ވަނީ ލިބިވަޑައިގެންފައެވެ. ލިބިވަޑައިގެންނެވި އެހެން މެޑެލްތަކުގެ ތެރޭގައި، [ރައީސުލްޖުމްހޫރިއްޔާގެ މެޑެލް] [3 ނޮވެންބަރުގެ މެޑެލް] [ސައްތައިގެ މެޑެލް] [ހުރަވީ ރިހި މެޑެލް] [މަތިވެރި ޚިދުމަތުގެ މެޑެލް] [އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް] [ސިފައިންގެ ޚިދުމަތުގެ މެޑެލް] [އަޚްލާޤީ މެޑެލް] ހިމެނެއެވެ.
ރާއްޖޭގެ ދިފާޢީ އަދި ޤައުމީ ސަލާމަތާބެހޭ ދާއިރާގައި ޚިދުމަތް ކުރެއްވުމުގެ އިތުރަށް، ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމަކީ، ރައްޔިތުންގެ މަޖިލީހުގެ ބ. އަތޮޅު މެންބަރުކަންވެސް 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ބ. އަތޮޅު މެންބަރުކަންވެސް އެ މުއްދަތުގައި ކުރައްވައިފައިވެއެވެ.
ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމް، ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގަޔާއި އަދި ބައެއް ކުންފުނިތަކުގައިވެސް ޚިދުމަތް ކުރައްވައި އަދި އެތަންތާނގެ އިސް މަޤާމުތަކެއް ފުރުއްވައިފައި ވެއެވެ. ފުރުއްވި ބައެއް މަޤާމުތަކުގެ ތެރޭގައި، މޯލްޑިވިއަން ގަވަރންމަންޓް ބޮޑު އިސްޓޯރުގެ ސެކްރެޓަރީ ކަމާއި، އޭ.ޓީ.އޭ.ގެ ސެކްރެޓަރީ ކަމާއި، އެއަރ މޯލްޑިވްސްގެ އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމާއި، ޑިރެކްޓަރ ކަމުގެ މަޤާމާއި، އެއަރ މޯލްޑިވްސްގެ ބޯޑުގެ ޗެއަރމަންކަމުގެ މަޤާމު ހިމެނެއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ބޯޑުގެ ޑިރެކްޓަރ ކަމާއި އެ ބޯޑުގެ ޗެއަރމަންކަމާއި، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ (އެމް.އައި.ސީ) ގެ ޗެއަރމަންކަންވެސް ދިގު މުއްދަތެއްގައި ކުރައްވައިފައިވެއެވެ.
އެމަނިކުފާނު ރާއްޖޭގެ ޚާރިޖީ ދާއިރާގައިވެސް ޚިދުމަތްތަކެއް ކުރައްވައިފައި ވެއެވެ. މިގޮތުން، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަޤާމާއި، ނޭޕާލަށާއި ބުޓާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަޤާމުވެސް ފުރުއްވައިފައި ވެއެވެ. އަފްޣާނިސްތާނަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ ސަފީރަކީވެސް ޢަބްދުއްސައްތާރު އާދަމެވެ. ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން ބަދަހިކުރައްވައި، އަދި މިގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތަކާއި، ދިވެހިރާއްޖެއިން ނޭޕާލަށާއި ބުޓާނަށް އަދި އަފްޣާނިސްތާނަށް ކަނޑައެޅުއްވި ސަފީރު ކަމުގެ މަޤާމުގައި ހުންނަވައިގެން، އެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު، ގުޅުން އިތުރަށް ބަދަހި ކުރައްވައި ތަރައްޤީ ކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެކެވެ.
ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްސައްތާރު އާދަމަކީ، ވަރަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ހަވާލުކުރެއްވި ކޮންމެ ކަމެއް ވަރަށް ފުރިހަމައަށް ކުރައްވައި، ފަސްޖެހިވަޑައިނުގެން މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނާ ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް، ޒިންމާދާރުކަމާއެކު އަދާކުރެއްވި، އަދި ޕްރޮފެޝަނަލް ޢަސްކަރިއްޔާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ބައްޓަން ކުރެއްވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޝަޚްޞިއްޔަތެވެ.