އަލްފާޟިލް ޝަމްޢޫން ޙަމީދު
ހ.މީނާޒް

 މިޔުޒިކުގެ ރޮނގުގައި ފުރަތަމަ މަސައްކަތް ފެށްޓެވީ، މަޖީދިއްޔާ ސްކޫލްގައެވެ. އެސްކޫލްގެ ބޭންޑާ ގުޅިވަޅައިގަތުމަށްފަހު، އެސްކޫލްގެ ބޭންޑުގައި ހައެއްކަ އަހަރު އުޅުއްވާފައިވެއެވެ. ސްކޫލްގެ ބޭންޑުގައި އުޅުއްވިއިރު އަމިއްލަފުޅަށް 15 ވަރަކަށް ރާގު އުފައްދަވާފައިވެއެވެ. އަދި މަޖީދިއްޔާ ސްކޫލުން ބޭއްވި ޝޯތަކުގައިވެސް މިޔުޒިކު ކުޅުއްވާފައިވެއެވެ.

ސްކޫލުގެ ބޭންޑުގައި އުޅުއްވި އެންމެފަހު އަހަރު، އޭނާއަކީ އެސްކޫލްގެ ބޭންޑު މާސްޓަރ، އަދި ބޭންޑް ލީޑަރުވެސްމެއެވެ. ސްކޫލުން ވަކިވެވަޑައިގަތުމަށްފަހު، 1 އަހަރު ވަންދެން އަމީނިއްޔާގެ ބޭންޑަށް ޕްރެކްޓިސްކޮށްދެއްވިއެވެ. އަދި އޭގެފަހުން އަޙްމަދިއްޔާ، އަމީރު އަޙްމަދު، އީ.ޕީ.އެސް.އެސް.ގެ ބޭންޑު މާސްޓަރެއްގެ ގޮތުގައި ބޭންޑަށް ތަމްރީނު ދެއްވިއެވެ. ސްކޫލުން ވަކިވެވަޑައިގަތުމަށްފަހު، މަޖީދިއްޔާއާއި އަމީނިއްޔާގެ މުސްކުޅި ދަރިވަރުން ބޭއްވި މަގުމަތީގެ ހިނގާލުންތަކުގައި ކުޅުމަށްޓަކައި ބޭންޑް ފަރިތަކޮށްދެއްވިއެވެ. މީގެ އިތުރަށް އައްޑުއަތޮޅުގައި ސަދަން ސެކަންޑްރީ ސްކޫލަށްވެސް ބޭންޑް ޕްރެކްޓިސް ކޮށްދެއްވިއެވެ.

1988 އިން ފެށިގެން މާލޭގެ ސްކޫލްތަކުގެ ލަވަ މުބާރާތްތަކުގެ ލަވަތަކަށް މިޔުޒިކް ކުޅުއްވައިދެއްވާފައިވެއެވެ.  އަދި މީގެއިތުރަށް މިނިވަން 25ގެ މުނާސަބަތުގައި ބޭއްވެވި ފަންނާނުންގެ މިޔުޒިކް ޝޯތަކުގައިވެސް މިޔުޒިކް ކުޅުއްވާފައިވެއެވެ.

ސަރުކާރުން ފާހަގަކުރައްވާފައިވާ ބައެއް ރަސްމީ ދުވަސްތަކުގައި ކިޔާފައިވާ އެކިއެކި ޤައުމީ ލަވައިގެ ރާގު، ޝަމްޢޫން ޙަމީދު ހައްދަވައިދެއްވާފައިވެއެވެ. މަޢްހަދާއި ޖަމާލުއްދީން ސްކޫލްގެ ސްކޫލް ލަވައިގެ ރާގު ހައްދަވައިދެއްވާފައިވަނީވެސް މީނާއެވެ.

މިދިޔަ އަހަރު، ޒުވާނުންގެ އަހަރުގެ ގޮތުގައި ފަހަގަކުރެއްވުމަށްޓަކައި ތައްޔާރުކުރެއްވި ޝިޢާރާބެހޭ ރާގު ހައްދަވައިދެއްވައި، އެކަން ފާހަގަކުރެއްވިއިރު ކުޅުނު ބޭންޑަށް ތަމްރީނު ދެއްވީވެސް ހަމަ މީނާއެވެ.

އޭ.ލެވެލް ހެއްދެވުމަށް ސްރީލަންކާގައި ހުންނެވިއިރު، އެތާނގެ އިންޓަރނޭޝަނަލް ސްކޫލެއްގެ ސްކޫލް ލަވައިގެ ރާގުވެސް ހައްދަވައިދެއްވާފައިވެއެވެ. އޭނާއަކީ މިހާރު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މިޔުޒިކް ސުޕަވައިޒަރެވެ.

މުސްތަޤްބަލުގައިވެސް މިޔުޒިކުގެ ރޮނގުން ކުރިޔަށް ވަޑައިގަންނަވަން ޝަމްޢޫން ގަސްދުކުރައްވައެވެ.