އަލްފާޟިލް ހިޔަލީ މުޙަންމަދު ރަޝީދު
ހ.ލައިޓްސްޓާރ

 މުޙަންމަދު ރަޝީދަކީ، މިހާތަނަށް ރާއްޖޭގެ ކްލަބްތައް ހިންގަމުން އައި އުޞޫލަށް ފާހަގަކުރެވޭ ބޮޑު ބަދަލެއް ގެންނެވި ބޭފުޅެކެވެ. މީގެތެރޭގައި، ކުޅުންތެރިންނަށް އުޖޫރައެއް ދެއްވާގޮތަށް ހަމަޖެއްސެވުން ހިމެނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ކުޅިވަރު ކުޅޭ ކުދިންނަށް މާލީގޮތުން ތަނަވަސްކަން ލިބެން ފެށިއެވެ. އަދި ކްލަބްތައް ހިންގުމުގައި، ކަމަށް އެކަށީގެންވާ މީހުން ލައްވައިގެން ކްލަބްތަކުގެ ހިންގުމުގެ ދާއިރާ ފުޅާކުރއްވައި، ކްލަބް ހިންގެވުމަށް ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރެއްވުމާއި، ކްލަބްތަކަށް ޢާއްމު ފަރާތްތަކުން ފައިސާގެ އެހީ ލިބެމުންދާ ގޮތަށް ހަމަޖެހުނުކަން ފާހަގަކޮށްލެވެއެވެ.

މީނާއަކީ، ކްލަބް ވެލެންސިޔާގެ މަސްއޫލު އެއް މެންބަރުވެސްމެއެވެ. ކުޅިވަރު ކުރިއެރުވުމުގެ ގޮތުން، ވެލެންސިއާގެ ކުޅުންތެރިންނަށް މުސާރަ ދެއްވުމާއި، ކުޅުންތެރިންގެ ފެންވަރު މަތިކުރެއްވުމަށް މީނާ ކުރައްވާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އަދި މީގެ އިތުރަށް، މީނާއަކީ ކިޔަވައިވިދާޅުވާން މަދަރުސަތުލް ޢާލިޔާގައާއި، މަޖީދިއްޔާ ސްކޫލްގައި އުޅުއްވި ދުވަސްވަރު، ކުޅިވަރުތަކުގައި ބައިވެރިވެވަޑައިގެން، ފާހަގަކޮށްލެވޭފަދަ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭރުވެސް ގިނަ ކާމިޔާބީ ހޯއްދަވާފައިވަނީ ފުޓްބޯޅައިގެ ރޮނގުގައެވެ. މަދްރަސީ ދައުުރު ނިންމެވުމަށްފަހު، ކްލަބް ވެލެންސިއާ އުފެދިގެން އައި ދުވަސްވަރު، އެކްލަބަށްވެސް ފުޓްބޯޅަ ކުޅުއްވާފައިވެއެވެ.