އަލްފާޟިލް އިސްމާޢީލް ޢަލީ
މ.ގިއުޅިލާށިމާގެ

 އިސްމާޢީލް ޢަލީ، ޓެކްސީ ދުއްވުމުގެ މަސައްކަތް ކުރައްވާތާ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެދާނެއެވެ. ކާރުގައި ރޭޑިއޯ ޓެލެފޯން ސެޓް ބަހައްޓަވައިގެން، ރާއްޖޭގައި މިމަސައްކަތް ފުރަތަމަ ފެށްޓެވީ މީނާއެވެ. މީނާއަކީ، ކުއްޔަށް ދޫކުރާ ކާރުގެ ޚިދްމަތްދޭން ސެންޓަރެއް (ކުލީދުވެލި)ގެ ނަމުގައި ހިންގަވައި، އެޚިދްމަތް ވަރަށް އެކަށީގެންވާ ގޮތެއްގައި ދެއްވަމުން ގެންދަވާ ބޭކަލެކެވެ. މިސެންޓަރު ހިންގަވާތާ މިހާރު މިވަނީ 16 އަހަރެވެ. ސަރުކާރުން، ޓެކްސީތަކުގެ ކުލި، ދަތުރަކަށް -/15ރުފިޔާ ކަމުގައި ހަމަޖެއްސެވުމުންވެސް ، ދަތުރަކަށް -/10ރުފިޔާ ނަގާގޮތަށް ދަށްކުރެވިފައިވަނީ ކުލީދުވެލީގެ ރޭޓް އެގޮތަށް ދަށްކުރެއްވުމާ ގުޅިގެންކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރަށް، ޙައްޖުދަތުރަށް ފުރާ މީހުންނަށް ކުލީދުވެލީގެ ފަރާތުން ހިލޭ ދަތުރުކޮށްދެއްވުމާއި، ކުލީދުވެލީގެ ޚިދްމަތް ހޯދާ މީހުންނަށް، ކޮންމެ ރޯދަމަހަކު ހަވީރު، އެގެއެއްގެ ހުރިހާ މީހުންނަށް ހިލޭ މާލޭވަށާ ބުރެއް ޖައްސަވައިދެއްވުން ހިމެނެއެވެ. މިއީ، ދުވާލަކު ގެއަކަށް ފުރުޞަތު ދެއްވާ އުސޫލުން ގެންދަވާ ކަމެއް ކަމަށްވެއެވެ.