ޝަމީމާ ކަނބުލޭގެފާނަކީ، ފެހުމުގެ މަސައްކަތް ތަރައްޤީކުރެއްވުމާއި، އެމަސައްކަތް، ގިނަ ބަޔަކަށް ދަސްކޮށްދެއްވުމުގައި ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭކަނބަލެކެވެ. މިގޮތުން، ސްކޫލް ކުދިންގެ ޔުނިފޯމް، ދިވެހި ލިބާސް، ގަމީސް، ފަޓްލޫނު ފެއްސެވުމާއި، ސްކޫލް ބެޖް ހެއްދެވުމުގެ އިތުރަށް، ޖަރީކުރެއްވުމުގެ މަސައްކަތް ކުރެއްވުން ހިމެނެއެވެ.
1986 ވަނަ އަހަރު، ޓްރޭޑް މިނިސްޓްރީން ހިންގެވި 4 މަސްދުވަހުގެ ޖަރީ ކޯހުގައި ބައިވެރިވެލައްވައިގެން ލިބިވަޑައިގެންނެވި ތަޖުރިބާއިން 60 ކުދިންނަށް، ޚިދުމަތެއްގެ ގޮތުގައި ޖަރީކުރުމުގެ މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. އަދި ފެހުމުގެ މަސައްކަތް ގިނަ ބަޔަކަށް ދަސްކޮށްދެއްވުމުގެ މަޤްޞަދުގައި މިހާތަނަށް 900 އެއްހާ ކުދިންނަށް އެމަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. ފެހުމުގެ މަސައްކަތުގެ އިތުރަށް، ތެޔޮރުމާ އޮޅުމުގެ މަސައްކަތްވެސް މީނާ ކުރައްވައެވެ.
ފެހުމުގެ މަސައްކަތް، ޝަމީމާ ކުރައްވާތާ ގާތްގަނޑަކަށް 37 އަހަރު ވެދާނެ ކަމަށްވެއެވެ.